އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ އެހީތަކާ މެދު ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށް އެކްޓިން ކޮމިިޝަނާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެ އެވެ.

އެކްޓިން ކޮމިޝަނާ މިހެން ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ދެމުންގެންދާ އެހީތަކާ ގުޅިގެން އިންޑިއާގެ ނުފޫޒު ރާއްޖެއަށް ފޯރަފާނެކަމަށް ދެކެވަޑައިގަންނަވަންތޯ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހަމީދު ވިދާޅުވީ އިންޑިއާއިން ދިވެހި ސަރުކާރަށް އެހީ ފޯރުކޮށްދެމުންދަނީ އެހެން ގައުމުތަކުންވެސް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އުސޫލުގެ ތެރެއިން ކަމަށެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ޕޮލިސް ޓްރެއިނިން ސުކޫލެއް ހަދަމުންދާ ކަން ފާހަގަކުރައްވަމުން ހަމީދު ވިދާޅުވީ އެއީ 2009 ވަނަ އަހަރުން ފެށިގެން އިންޑިއާއިން އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވާ ދާއިރާއެއް ކަމަށެވެ. އެގޮތުން އައްޑޫސިޓީގައި އެ ސުކޫލު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އައްޑޫގެ ރައްޔިތުންނަށް އެކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ފައިދާ ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.

"ޖުމްލަ ގޮތެއްގަ އެއީކީ އެއްވެސް ކަހަލަ ނުރައްކަލެއް ނުވަތަ އެއްވެސް ކަންބޮޑުވާންޖެހޭ ކަމެއް އޮތްކަމެއް ނޫން. މީގެން ހަމަ އައްޑޫގެ މުޅި ކޮމިއުނިޓީއަށްވެސް ކުރާނީ ފައިދާ. މުޅި ގައުމަށްވެސް ކުރާނީ ފައިދާ،" ހަމީދު ވިދާޅުވި އެވެ.