ވޭލްސްގެ މިޑްފީލްޑަރު އާރޮން ރަމްސޭ އާސެނަލް ދޫކޮށްލީ ބަރު ހިތަކައިގެން ކަމަށް އޭނަ ބުނެފި އެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސްއާ ގުޅުމަށް ފަހު ބީބީސީއަށް ދިން އިންޓަވިއުގައި އުމުރުން 28 އަހަރުގެ ރަމްސޭ ބުނީ، އާސެނަލް ދޫކޮށްލަން ޖެހުމަކީ ފުޓްބޯޅައިގެ ހަޔާތުގައި މިހާތަނަށް ނެގި އެންމެ ބޮޑު އެއްޒިންމާ ކަމަށެވެ. އަދި ފާއިތުވި 11 އަހަރު އާސެނަލްގައި ހޭދަކުރި ދުވަސްތައް މަތިން ދުވަހަކު ވެސް ހަދާނުން ފިލާގެން ނުދާނެ ކަމަށާއި އެއީ ފުޓްބޯޅައިގެ ހަޔާތުގައި އެންމެ ގިނަ ކާމިޔާބީތަކާ ހަމައަށް ދިއުމަށް ކުރެވުނު މަސައްކަތްތަކުގެ ދުވަސްތައް ކަމަށް ވެސް ރެމްސޭ ބުންޏެވެ.

ރަމްސޭ އާސެނަލްގައި ހޭދަކިރި ދުވަސްތަކުގައި އެޓީމަށް 357 މެޗް ކުޅެދީފައިވާއިރު، އޭނަ ވަނީ އެކުލަބަށް ޖުމްލަ 61 ގޯލް ޖަހާދީފައެވެ. އަދި މީގެ އިތުރުން ރަމްސޭ ވަނީ ތިން ފަހަރު އެފްއޭ ކަޕް އާސެނަލްއަށް ކާމިޔާބު ކޮށްދިނުމުގެ އިތުރުން ކޮމިއުނިޓީ ޝީލްޑްވެސް ދެ ފަހަރު ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރައްވާފައެވެ.

ރަމްސޭ ހޯދުމަށް މީގެ ކުރިން ބާސެލޯނާ، ރެއާލް މެޑްރިޑްގެ އިތުރުން ޕީއެސްޖީ ފަދަ ބޮޑެތި ކުލަބުތަކުން މަސައްކަތް ކުރިއިރު، އޭނަ އެއިން ކުލަބަކާ ގުޅިފައި ނުވަނީ އެކުލަބު ތަކުން ހުށަހެޅި ބައެއް ހުށަހެޅުންތަކާ ހިތް ހަމަ ނުޖެހޭތީ އެވެ. އެހެން ނަމަވެސް ޔުވެންޓަސްގެ ހުށަހެޅުންތައް ވެސް ރަމްސޭއަށް ރަނގަޅުވިިއިރު، އޭނައަށް އެކުލަބުން އަހަރަކު ހަތް މިލިއަން ޔޫރޯ ލިބޭނެ ކަމަށް ވެސް އިނގިރޭސި ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.