ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިމަހުގެ 25ގައި ފަށަން ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން ދެންމެ ބުނީ މަޖިލީހުގެ ޖަލްސާތައް ފެށުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، މިމަހުގެ 25ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފެށުމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ނިންމަވާފައިވާކަމަށެވެ.

މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މިއަދު ވަނީ އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީއާއި، ޕީޕީއެމް އަދި އެމްޑީއޭއާއި އަދާލަތު ޕާޓީގެ ޕީޖީ ލީޑަރުންނާއި މަޝްވަރާކުރައްވާފައެވެ.

އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންފައިވާއިރު، ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ އެޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒެވެ.

ޕީޕީއެމްގެ ފަރާތުން އެޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ބައިވެރިވެވަޑައިގެންފައިވާއިރު، އެމްޑީއޭގެ ޕީޖީ ގުރޫޕްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފެވެ. އަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ މަޖިލީހުގައި އެޕާޓީ ތަމްސީލުކުރައްވާ ހަމައެކަނި މެންބަރު، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމެވެ.

މި ދައުރަށް މަޖިލީސް ހުޅުވާ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީީ ބަޔާން އިއްވުމުގެ ޖަލްސާ މިިދިޔަ ބުރާސްފަތި ދުވަހު ވަނީ ދަރުބާރުގޭގައި ބާއްވާފައެވެ.

މަޖިލީހުގެ ޖަލްސާތައް އާންމުގޮތެއްގައި ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ މި ތިން ދުވަހުކަމަށްވީނަމަވެސް މި ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ބާއްވާފައެއްނުވެއެވެ.

މަޖިލީހުގެ އިދާރާގައި ބޮޑެތި މަރާމާތުތަކެއް ކުރަމުންދާއިރު، މަޖިލީހުގެ ބައެއް ސަރަހައްދުތަކުގެ ވަށާފާރު ވަރަށް އުސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު މަޖިލީސްކުރާ ގޭގައި ލެވިފައިވާ ވަށާފާރު ވަނީ ތަޅާލާފައެވެ. އަދި ބައެއް ސަރަހައްދުތަކުގައި ވަށާފާރު އަލުން ރާނާ ކުރެހުން އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ވަށާފާރު އުސްކުރުމުގެ މަސައްކަތް ކުރަމުންދަނީ މެންބަރުން ފިނިކޮށްލަން ތިއްބަވާ ކުޑަތައް ހިމެނޭ ސަރަހައްދެވެ.