ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ފަރާތުން ހުށަހެޅި ފޯމްތަކުގެ ތެރެއިން ބަލައިނުގަތް ފޯމްތައް އިސްލާހުކޮށް، 5 ފޯމެއް އަލުން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފި އެވެ.

އެމްޑީޕީގެ ހަރުގޭގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޖިލިސް އިންތިހާބަށް އެޕާޓީން ކަނޑައަޅާފައިވާ ތަރުޖަމާން އަފްޝަން ލަތީފް ވިދާޅުވީ މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާލި 10 ފޯމުގެ ތެރެއިން 5 ފޯމްގެ މައުލޫމާތު ފުރިހަމަކުރުމަށްފަހު މިހާރު ކޮމިޝަނަށް ހުށައަޅާފައިވާނެ ކަމަށެވެ. އަދި ބާކީހުރި ހުރި ފޯމުތައްވެސް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް އޭނާ ވަނީ މައުލޫމާތު ދެއްވާފަ އެވެ. ނަމަވެސް އީސީން ބަލައިނުގަތީ ކޮން ބޭފުޅުންތަކެއްގެ ފޯމުތަކެއް ކަމަށް އަފްޝީން ވިދާޅުވެފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 86 ދާއިރާއަށް ވާދަކުރުމަށް އެމްޑީޕީން ވަނީ ނިންމާފަ އެވެ. ނަމަވެސް އަދާލަތު ޕާޓީއާ ގުޅިގެން ކުރިއަށް ދިއުމަށްޓަކައި އެޕާޓީއަށް ބައެއް ދާއިރާތައް ދޫކޮށްލުމަށް ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވަނީ މަޝްވަރާކޮށްފަ އެވެ. އެކަމަކު އަދާލަތަށް ދާއިރާތަކެއް ދޫކޮށްލުމަށް އެމްޑީޕީގެ ކެންޑިޑޭޓުން ގެންދަނީ ދެކޮޅު ހައްދަވަމުންނެވެ.