ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގައި ސ. ފޭދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވުމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މިހާރުގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.

ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި މެންބަރު އައިބީ އަމިއްލަގޮތުން މަޖިލީހަށް ވާދަކުރެއްވުމަށް ނިންމެވިއިރު މީގެ ކުރިން ޕީޕިއެމް އިން ވަނީ އައިބީއަށް އެ ދާއިރާގެ ޓިކެޓް އަރުވާފަ އެވެ. ނަމަވެސް މިއަދު އައިބީ ވަނީ އަމިއްލަގޮތުން އެ ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމަވައި އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑޭސީ ފޯމް ހުށަހަޅުއްވާފަ އެވެ.

ވީނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ދާއިރާގެ ތަރައްގީ އާއި ކުރިއެރުން ގެނެވޭނީ އެއިރެއްގައި އޮންނަ ވެރިކަމަކަށް އެއްބާރުލުން ދީގެން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ދާއިރާގެ ތަރަށްޤީއަށްޓަކައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށްވެސް ފޭދޫ ދާއިރާގެ މެންބަރު އައިބީ ވިދާޅުވި އެވެ.

މެންބަރު އައިބީ ވިދާޅުވީ މި ސަރުކާރަކީ ކޯލިޝަނަކުން އުފެދިގެން އައި ސަރުކާރެއް ކަމަށާއި، އެހެންކަމުން ހުރިހާ ސިޔާސީ ލީޑަރުންނާއި ގުޅިގެން މަސައްކަތްކޮށްގެން ނޫނީ ފޭދޫ ދާއިރާއަށް ކުރިއެރުމާއި ތަރައްގީ ގެނެސް ނުދެވޭނެ ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުގައި ވެސް މަސައްކަތް ކުރީ ސަރުކާރާއި ގުޅިގެންކަމަށާއި ރައްޔިތުން ހޮއްވެވި ގޮތުގައި މި އަދާއި ހަމަޔަށް ވެސް ހުންނެވި ކަމަށްވެސް ވިދާޅުވި އެވެ.

"މިދިޔަ ދައުރުގަ އަޅުގަޑަށް އިޙްތިޔާރުކުރެވުނީ އޭރުގެ ސަރުކާރުގެ ޕާޓީ ޕީޕީއެމްއާ ގުޅިގެން، އޭރު ރައީސް ޔާމީނަށް ކޮމިޓްމެންޓް ދިންގޮތައް އަޅުގަނޑު ހުރީ. އަދި މިއަދު ރައްޔިތުންނަށް ކޮމިޓްމެންޓް މި ދެނީ އަޅުގަނޑު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ދާނަމޭ. އަދި އެދާ ދިއުމުގަ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރިހަމަ ޔަގީންކަމާ އެއްބާރުލުން ދޭނަމޭ. އަދި ސަރުކާރު ކޯލިޝަންގަ ހިމެނޭ ޕާޓީ ތަކާ ވެސް މަޝްވަރާކޮށް އެބޭފުޅުންގެ ވިސްނުމާ ފިކުރާާ އެކު ދިވެހި ގައުމަށް ފައިދާވާނެ ގޮތުގައި މަސައްކަތް ކުރާނަން." އައިބީ ވިދާޅޫވި އެވެ.

ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން މަޖިލީހަށް ވާދަކުރުމަށް ކެންޑުޑޭޓުން ނެރޭއިރު އެއިން އެއްވެސް ޕާޓީއެއް އިޙްތިޔާރު ނުކުރެއްވީ ކީތްވެތޯ ވީނިއުސްއިން ސުވާލު ދެންނެވުމުން މެންބަރު އައިބީ ވިދާޅުވީ މިހާރުގެ ސަރުކާރު ވެރިކަމަށް އައުމުގައި ވަރަށްގިނަ ރައްޔިތުންގެ ހިއްސާވާ ކަމަށެވެ. އެހެންކަމުން އެހުރިހާ ރައްޔިތުންގެ ވިންދާ އިޙްސާސްތަކަށް އިޙްތިރާމްކުރުމުގެ ގޮތުންނާއި ދާއިރާގެ ކުރިއެރުމަށް ވިސްނަވާ އަމިއްލަގޮތުން ކުރިމަތިލައްވަން ނިންމެވީކަމަށެވެ. އަދި އެގޮތަށް ނިންމެވިއ ިރު ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުންނާއި މެދު ދެބަސްވުމެއް ނެތްކަމަށްވެސް ވިދާޅުވި އެވެ.

މެންބަރު އިބްރާހިމް ދީދީ (އައިބީ) އަކީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލު ކުރައްވަމުންގެންދަވާ މެންބަރެކެވެ. އަދި ދީދީ ފާހަގަކުރެވިގެން ގޮސްފައިވަނީ ޕީޕީއެމްގައި ހިންގުންތެރި އަދި އަބަދުވެސް ކުރީގެ ރައީސް ޔާމީނުގެ ދިފާއުގައި މަޖިލީހުގައި އަބަދުވެސް ވަކާލާތުކުރައްވާ މެންބަރެއްގެ ގޮތުގައެވެ.