ހުސްވި މަހު ރާއްޖެއަށް އެތެރެ ކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ހަ އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފި އެވެ.

ކަސްޓަމްސްއިން މިއަދު އާންމު ކުރި ތަފާސް ހިސާބްތަން ދައްކާގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު މި އަހަރުގެ ޖެނުއަރީ މަހު މިއަދަދު ވަނީ ހަތަރު ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށެވެ.

ކަސްޓަމްސްއިން ބުނީ، ހުސްވި މަހު އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޔޫއޭއީ، ޗައިނާ، ސިންގަޕޫރު، އިންޑިއާ އަދި މެލޭޝިއާ ކަމަށެވެ. އަދި ހުސްވި މަހު އެންމެ ގިނައިން ރާއްޖެއިން މުދާ ބޭރު ކުރި ގައުމުތަކުގެ ތެރޭގައި ހިމެނީ ޖަރުމަނު، އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި ތައިލެންޑް ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

ކަސްޓަމްސްއިން ބުނީ، ހުސްވި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލާއި އެކްސްޕޯޓް ކުރެވުނު މުދާ އަދި ކަސްޓަމްސްއަށް ލިބުނު އާމްދަނީގެ ތަފްސީލްތަކަށް ބާލާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ބޭރު ކުރެވުނު މުދަލުގެ ޖުމްލަ އަދަދަކީ 473.2 މިލިއަން ރުފިޔާ ކަމަށެވެ. އަދި މިއަހަރު އެއަދަދު ވަނީ 342.6 އަށް ދައްވެފައި ކަމަށެވެ. އަދި ދައުލަތު އާމްދަނީ އަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު 268 މިލިއަން ލިބިފައިވާއިރު، މިއަހަރުގެ އެއަދަދު ވަނީ 306.6 މިލިއަން ރުފިޔާއަށް އިތުރުވެފައި ކަަމަށް ވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

ކަސްޓަމްސްއިން ބުނީ، މިއަދު އާންމުކުރި ތަފާސްހިސާބުތަކާ ގުޅޭ އިތުރު ތަފްސީލް ކަސްޓަމްސްގެ ވެބްސައިޓް (www.customs.gov.mv) ގެ އިތުން ސަރުކާރު ކެޒެޓްގައި މިހާރު ޝާއިރުކޮށްފައި ވާނެ ކަމަށެވެ.