ގިނަ ބަޔަކު އެންމެ އިންތިޒާރުކުރަމުންދާ ދިވެހި ފިލްމު "40 ޕްލަސް"ގެ ޓިކެޓް އޮލިންޕަހުން ވިއްކަން ފަށައިފިއެވެ.

މިއަދު 14:00 ފެށިގެން އޮލިންޕަހުން ދަނީ "40 ޕްލަސް"ގެ ފުރަތަމަ ޝޯގެ ޓިކެޓް ވިއްކަމުންނެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފިލްމުގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ބުނީ ޓިކެޓް ލިބެންހުންނާނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 ފެށިގެން 6:00 އަދި ރޭގަނޑު 8:00 ފެށިގެން 10:00އަށެވެ. އަދި ފިލްމު އަޅުވަން ކައިރިވުމުން ޓިކެޓް ވިއްކާ ވަގުތު އިތުރުކުރާނެކަމަށްވެސް ޝަފީގު ވަނީ ބުނެފައެވެ.

ޝަފީގު ވަނީ ޓިކެޓް ބުކްކޮށްފައިވާ ފަރާތްތަކުން ވީހާވެސް އަވަހަށް ޓިކެޓް ނެގުމަށް އެދިފައެވެ. އަދި 7384040 މި ނަންބަރަށް އެސްއެމްއެސް ކޮށެގެން އަދިވެސް ޓިކެޓް ބުކްކުރެވޭނެކަމަށް ޝަފީގު ވަނީ ބުނެފައެވެ.

ޝައި ޕްރޮޑަކްޝަންއާއި، ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފެއްދި "ނޯޓީ 40"ގެ ދެވަނަ ބައެއްގެ ގޮތުގައި އުފައްދާ "40 ޕްލަސް" އާއި ގުޅޭގޮތުން ފިލްމުގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު އިތުރަށް ބުނީ މިއީ 2019 ވަނަ އަހަރު ދިވެހި ފިލްމީ ސްކްރީނަށް އަންނާނެ އެންމެ ތަފާތު އެއް ފިލްމަށްވާނެކަމަށެވެ. ޝަފީގް ބުނީ "40 ޕްލަސް"އަކީ ވަރަށް ގިނަ ރަހަތައް އެކުލެވޭނެ ފިލްމެއްކަމަށާ ފިލްމުގައި ތަރިންގެ ފަރާތުން ވަރަށް ކުޅަދާނަ އެކްޓިންއެއް ފެނިގެންދާނެކަމަށެވެ.

މިއީ "ނޯޓީ 40"އެކޭ އެއްގޮތަކަށް ހެއްވާ މަޖާ ވަރަށް ގިނަ ކަންތައްތަކެއް ފެނިގެންދާނެ ފިލްމެއްކަމަށްވެސް ޝަފީގް ވަނީ ބުނެފައެވެ.

ތ. ބުރުނީގައި ބޮޑު ކާސްޓަކާއެކު ޝޫޓްކޮށްފައިވާ މި ފިލްމުގެ ފަސްޓްލޫކްސް މިހާރު ދައްކާލާފައިވާއިރު، މި ފިލްމުގެ ތަފާތުކަން ހަމައެކަނި ފުރަތަމަ ފެނިލުމުންވެސް ވަނީ ޔަގީންވެފައެވެ.

އެގޮތުން ފިލްމުގައި ހިންގާ ބިރުވެރިކަންކަމާއި، ހެއްވާ މަޖާ ގިނަ ކަންތައްތަކެއް ފެނިގެންދެއެވެ. ފަސްޓްލުކާއެކު ފިލްމް "40 ޕްލަސް"ކުރާ އުންމީދު މިވަނީ ވަރަށް ބޮޑަށްވެސް އިތުރުވެގެންގޮސްފައެވެ.

މިއީ ރާއްޖޭގައި އުފައްދާ ފުރަތަމަ ބިރުވެރި ކޮމެޑީއެވެ.

ޔޫސުފް ސަފީއު (ޔޫއްޕެ)، އަލީ ސީޒަން، މުހައްމަދު މަނިކު، ޝީލާ ނަޖީބު، އަހްމަދު ސައީދު، ފާތުމަތު އަޒީފާ (އަޒޫ)، މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮން އައްޔަ) އަދި އަލީ ޝާހިދު (ސްޓެޕްސް އައްޔަ) އަދި މަރިޔަމް ޝަކީލާ (ޝަކިއްތަ) ފަދަ ތަޖުރިބާކާރު ފަންނާނުންނާ އެކު "40 ޕްލަސް" ގައި ހަރަކާތްތެރިވާ އާ ކާސްޓުންނަކީ މަރިޔަމް ޝިފާ، އައިމިނަތު ސަމްއާ، ބައްސާމް އަހްމަދު، އިރުފާނާ އިބްރާހިމް، އައިމިނަތު ޒިޔާދާ އަދި ހުނޭޝާ އާދަމް ނަސީރް އެވެ.