ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުން މިމަހުގެ 27 ވަނަ ދުވަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރާ މެންބަރުންގެ ރަސްމީ ކެމްޕޭން ފެށިގެންދާނީ މިމަހުގެ 27 ވަނަ ދުވަހު ކެންޑިޑޭޓޫންގެ ގުރުއަތު ނެގުމުގެ ކަންކަން ނިމުމުން ކަމަށެވެ. އަދި ގުރުއަތުލުމަށްފަހު ކެންޑިޑޭޓް ނަންބަރާއި އެކުގައި ކެމްޕޭން ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި، އެގޮތުން ޤާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ކެމްޕޭން ކުރުމަށް ލިބިގެންދާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުން ކެމްޕޭން ކުރިއަށް ގެންދާއިރު ސުލޫކީ މިންގަނޑާ އެއްގޮތަށް ކެމްޕޭން ކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އެގޮތުން ކުރިން ޕާޓީއެއްގައި ތިއްބެވުމަށްފަހު އަމިއްލަގޮތުން ވާދަކުރައްވާ މެންބަރުން އެޕާޓީއެއްގެ ހުއްދައެއް ނެތި ޕާޓީގެ ކުލަ ބޭނުން ކުރުމަކީ ޝަޙުސު އޮޅުވާލުން ކަމުގައި ބެލެވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން މިމަހުގެ 27 ވަނަ ދުވަހު ގުުރުއަތުލުމުގެ ކުރިން ކެމްޕޭން ކުރުމަށް ހިންގާ ނުރަސްމީ ސިޔާސީ ހަރަކާތްތައްް ނުހިންގުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގެ ކެމްޕޭނުން ފެށިގެން އިންތިޚާބު ނިމެންދެން ގާނޫނާއި ގަވައިދުގެ ތެރެއިން އަދި ގައުމުގެ މަސްލަހަތު އިސްކުރައްވައިގެން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 21 ވަނަ ދުވަސް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ.