ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްުކޮށްގެން ބާއްވާ 27 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ ކުޅުން އިއްޔެ ފަށައިފި އެވެ.

މިއަހަރުގެ މުބާރާތްވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އަންހެން އަދި ފިރިހެން ބައި ވަކިންނެވެ. އެގޮތުން ފިރިހެން ބައިގައި މިއަހަރު 10 ޓީމެއް ވާދަކުރާއިރު، މި ބައިގެ ކުޅުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ.

ފިރިހެންބައިގެ ގްރޫޕް އެކެއްގައި ހިމެނެނީ ކިންގް ބާސްކެޓްބޯލް ކްލަބާއި، ރެޕްޓާސް ބާސްކެޓްބޯލް ކްލަބާއި، ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބާއި، ވުލްވްސް ބާސްކެޓްބޯލް ކްލަބުގެ އިތުރުން ވަންތާޓީ ސްޕޯޓްސް ކްލަބެވެ. އަދި ފިރިހެން ބައިގެ ގްރޫޕް ދޭއްގައި ހިމެނެނީ ޓީރެކްސް ބާސްކެޓްބޯލް ކްލަބާއި، ސްޓިންގާސް ބާސްކެޓްބޯލް ކްލަބާއި، ނިއުޓްރަލް ސްޕޯޓްސް ކްލަބާއި، އެލްކިއޫ ސްޕޯޓްސް ކްލަބުގެ އިތުރުން ކީންސް ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ކުޅުން އިއްޔެ ފެށއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ކިންގްސް ބާސްކެޓްބޯލް ކްލަބާއި ވަންތާޓީ ސްޕޯޓްސް ކްލަބެވެ. މި މެޗު ފަސޭހަކަމާއެކު 107-41 ޕޮއިންޓުން ކާމިޔާބުކުރީ ކިންގްސް އެވެ. މުބާރާތުގެ ދެވަނަ މެޗުގައި ރޭ ރެޕްޓާސް ވަނީ 88-48 ޕޮއިންޓުން ވުުލްވްސްގެ މައްޗަށް ކުރިހޯދާފައެވެ.

މުބާރާތުގެ ފިރިހެން ބައިގެ ކުޅުން ފެށިއިރު، އަންހެން ބައިގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ. މިއަހަރުގެ އަންހެން ބައިގައި 4 ޓީމެއް ވާދަކުރާނެއެވެ. މި ބައިގައި ވާދަކުރާ ޓީމުތަކަކީ ސައިކްލޯން ބާސްކެޓްބޯލް ކްލަބާއި، ޔޫއެން ފްރެންޑްސް އާއި، ޓީއެސްއޭގެ އިތުރުން ބެންޗް ސްޕޯޓްސް ކްލަބެވެ.