ކްރިކެޓުގެ ދުނިޔޭގައި މަޝްހޫރު ކުޅުންތެރިން ހިމެނޭ އިންޑިއާގެ ޓީމާއެކު މާލޭގައި އަންނަ ހުކުރު ދުވަހު ކުޅޭ މެޗަކީ ކުޅުންތެރިންގެ ފެންވަރު ދައްކާލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށާޢި މިއީ ހާއްސަ މެޗެއް ކަމަށް ގައުމީ ކްރިކެޓް ކޯޗު ދެކުނު އެފްރިކާގެ އާސިފް ހާން ބުނެފިއެވެ.

މެޗަށް ތައްޔާރުވާން ބޭއްވި ފަރިތަކުރުންތަކަށްފަހު ވީ ސްޕޯޓްސްއާއި ވާހަކަދައްކަމުން ގައުމީ ކޯޗު ބުނީ ޔުވްރާޖް ސިންގާއި ހަރްބަޖަން ސިންގް ގެ އިތުރުން އިންޑިއާގެ އެންމެ މަތީފަންތީގެ ކްރިކެޓް ކުޅޭ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ އެއާ އިންޑިއާގެ ޓީމާއެކު މާލޭގައި ކުޅޭ މެޗަކީ ކުޅުންތެރިންގެ ލިބިގެންދާ ބޮޑު ހިތްވަރެއް ކަމަށާއި ސަރުކާރާއި ކަމާބެހޭ ފަރާތްތައް މި މެޗުގައި ބައިވެރިވުމަކީ ކްރިކެޓް ކުރިއެރުވުމަށް ލިބިގެންދާ ބޮޑު ހިތްވަރެއް ކަމަށެވެ.

މި މެޗަކީ އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ކްރިކެޓް ސީރީސްގެ ނަމުގައި ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި ކްރިކެޓް ބޯޑް އަދި އިންޑިއާ އެމްބަސީ ގުޅިގެން ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ ސީރީސްގެ ފެށުމެވެ. މި ސީރީސްގެ ދަށުން މުސްތަގްބަލުގައި ކްރިކެޓްގެ ނަން މަޝްހޫރު ކުޅުންތެރިން ރާއްޖެ އަންނާނެ ކަމަށް ބެލެވެއެވެ. މިއީ މިހާތަނަށް ރާއްޖެ އަންނަ އިންޑިއާއަށް ނިސްބަތްވާ ކްރިކެޓްގެ އެންމެ މަތީ ފަންތީގެ ޓީމެވެ.

އާސިފް ބުނީ މި މެޗަުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންނަށް ލިބިގެންދާ ބޮޑު އުފަލަކާއި ޝަރަފެއް ކަމަށާއި މުސްތަގުބަލުގައި ގައުމީ ކްރިކެޓް ޓީމު ރަނގަޅު ނަތީޖާތކެއް ނެރުމަށް މިފަދަ މެޗުތަކެއް ބޭނުންވާ ކަމަށެވެ.

ކުޅިވަރު އެކުވެނީ އެއް ނަމްބަރު ދަނޑުގައި ހުކުރު ދުވަހު ހެނދުނު ކުޅޭނީ ރައީސްގެ ޓީމާއި އިންޑިއާގެ ޓީމުގެ މެޗެވެ. މި މެޗުގައި ބައްދަލުކުރާ ރައީސް ޓީމުގައި ހިމެނެނީ ސަރުކާރުގެ އިސްވެރިންނާއި ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިންނެވެ. އެއަްފަހު މެންދުރުފަހު ބައްދަލުކުރާނީ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމާއެވެ. މި މެޗުގައި ބައްދަލުކުރާ ރާއްޖޭގެ ގައުމީ ޓީމުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ތިބިކަން ފާހަގަކޮށްލެވެއެވެ.