މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުންނަށް ޓިކެޓު ދިނުމަށް ސިޔާސީ ޕާޓީތަކުން ބާއްވާ ޕްރައިމަރީ އިންތިހާބުން ނާކާމިޔާބުވުމުން އިންތިހާބުގައި ވާދަ ނުކުރެވޭގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮތް މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ތާވަލްކޮށްފި އެވެ.

މި މައްސަލައި އެ ކޯޓަށް ހުށަހެޅުއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ވަކީލް އަބްދުލް މާނިއު ހުސައިންގެ ފަރާތުން ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ.

ޕާޓީގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުތަކުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮތް މާއްދާ ބާތިލްކުރަން ހ. ތިމާވެށި އަބްދުﷲ ޖާބިރާއި، ހއ. އިހަވަންދޫ، ޢަންބަރީގެ، ޢަބްދުލްމާނިޢު ޙުސައިން ހުށަހެޅުއްވީ ދުސްތޫރީ މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 10:15 އަށެވެ.

ޕާޓީއެއްގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުތަކުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮތް މާއްދާ ބާތިލްކުރަން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، އެ ގާނޫނުގެ 10 ވަނަ މާއްދާއަކީ ގާނޫނުއަސާސީގައި ބުނާ ހަމަހަމަ ކަމުގެ ވޯޓު ދިނުމުގެ ހައްގުގެ އިތުރަށް އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގާ ހިލާފް ކަމެއް ކަމަށެވެ. އަދި މަޖިލީހަށް ވާދަކުރެވޭ ފަރާތްތަކުގެ ޝަރުތުތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު ޕްރައިމަރީން ބަލިވާ މީހުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ޕާޓީތަކުގެ ގާނޫނުގައި އޮންނަ އޮތުމަކީ ގާނޫނު އަސާސީއަށް ގެނެވޭ އުނިއިތުރެއް ކަމަށްވެސް ވަނީ ބުނެފައެވެ.

އެ މާއްދާ ބާތިލްކުރަން ޖާބިރުގެ ފަރާތުން ހުށަހެޅުއްވި އިރު، މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާއަށް ވާދަކޮށް އަބުދުﷲ ޖާބިރަށް ވަނީ ޕްރައިމަރީގެ ޓިކެޓް ނާކާމިޔާބުވެފަ އެވެ. ޖާބިރަކީ 17 ވަނަ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.