އެމިލިއާނޯ ސަލާގެ ހަނދާނުގައި ޔޫއެފާގެ މުބާރާތްތަކުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެންނަން ނިންމައިފި އެވެ.

ޔުއެފާއިން ބުނީ މި ހަފުތާގައި ކުޅޭ ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގުގެ ހުރިހާ މެޗެއްގައިވެސް ސަލާގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

ފްރާންސްގެ ނޯންޓްސް އިން އިނގިރޭސިވިލާތުގެ ކާޑިފް ސިޓީއަށް ސަލާ ދަތުރުކުރި މަތިންދާބޯޓު ވެއްޓުމާ ގުޅިގެން ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އޭނާ ގެއްލުނުއިރު، އޭނާ ފެނިފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

މިހާތަނަށް ކުރި މަސައްކަތުން އަދި ހޯދިފައިވަނީ ސަލާ އެކަނިއެވެ. އެ ބޯޓު ދުއްވަން އިން ޕައިލެޓް ޑޭވިޑް އައިބޮޓްސަން ފެނިފައެއް ނުވެއެވެ. މަތިންދާބޯޓު ފެނިފައިވަނީ ކަނޑުއަޑި ބެލުމަށް ބޭނުންކުރާ ރޮބޮޓް ސަބްމެރިން ބޭނުންކޮށްގެން ކަނޑުގެ އަޑި ބަލަމުން ދަނިކޮށެވެ.

ނޯންޓްސް ކުޅުންތެރިންނަށް އަލްވަދާއު ކިޔުމަށްފަހު ކާޑިފަށް ދަތުރުކުރި ފްލައިޓް ވެއްޓި ސަލާ މަރުވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ. ޚާއްސަކޮށް ނޯންޓްސް އަދި ކާޑިފް ކުޅޭ މެޗުތަކުގައި ސަލާގެ ހަނދާން އާކުރުމަށް ތަފާތު ކަންތައްތަކެއް ވަނީ ކޮށްފައެވެ.