ރ ވާދޫއިން ބޭރުކުރި ރުއްތަކަކީ އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީން ހުއްދަދީގެން ކޮންމެހެން ނަގަން ޖެހިގެން ނެގި ރުއްތަކެއް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ރ ވާދޫއިން މިދިޔަ ތިން ދުވަހު އެކިފަހަރުމަތިން ވަނީ ރުއް ނަގައި ހަދަމުންދާ ރިސޯޓަކަށް ގެންގޮސްފައެވެ.

އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީން ބުނީ ރ ވާދޫ ކައުންސިލުން އެދިގެން އެރަށުގެ ސަރަހައްދަކުން ރުއް ނެގުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

ރ ވާދޫ ކައުންސިލްގެ ރައީސް ހުސައިން އަލީ ވީނިއުސްއަށް ވިދާޅުވީ ރުއް ނަގައި އެހެން ރިސޯޓަކަށް ގެންދަނީ ގާނޫނީގޮތުން ނަގަން ޖެހޭ ހުރިހާ ހުއްދަތަކެއް ނަގައިގެން ކަމަށެވެ. އަދި ރުއް ނަގަނީ ވާދޫގެ އަލަށް ގެވަޅު ދޫކުރާ ސަރަހައްދުންނާއި ޕާފޯމަންސް ސްޓޭޖް އަޅާ ސަރަހައްދުން ކޮންމެހެން ނަގަން ޖެހޭ ރުއްތައް ކަމަށް ހުސައިން އަލީ ވިދާޅުވިއެވެ.

ހުސައިން އަލީ ވިދާޅުވީ ނެގި ރުއް ތަކަކީ ނަގަން ހުއްދަދީފައިވާ ރުއްތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް މަދު ރުއްތަކެއް ކަމަށާ ނަގަފައި ވާނީ ސާޅީހަކަށް ރުއްކަމަށެވެ.

ހުސައިން އަލީ ވިދާޅުވީ ރަށުން ނަގާ ރުއްތައް އެހެން ރިސޯޓަކަށް ގެންގޮސް އިންދުމުން ރުއްތަކަށްވެސް އަދި ރާއްޖޭގެ ތިމާވެއްޓަކަށްވެސް އޭގެން ގެއްލުމެއް ނެތް ކަމަށެވެ.

ވާދޫގެ ކައުންސިލަކީ ރާއްޖޭގެ ތިމާވެއްޓަށް ގެއްލުންދޭނެ ބައެއް ނޫން ކަމަށާ އަދި ރަށުން ރުއް ބޭރު ކުރަނީ ގިނަ ވެގެންވެސް ނޫން ކަމަށް ހުސައިން އަލީ ވިދާޅުވިއެވެ.

މިކަމަކީ މަޖުބޫރީ ހާލަތެއްގައި ކޮންމެހެން ކުރަންޖެހިގެން ކުރާ ކަމެއް ކަމަށް ވާދޫ ކައުންސިލުން ބުންޏެވެ.

ހުސައިން އަލީ ވިދާޅުވީ ރުއް ނެގި އިރު އެސަރަހައްދުގައި އަމިއްލަ މީހެއްގެ ރުކެއް ހުރިތޯ ކައުންސިލުން އިއުލާނު ކޮށްފައިވާނެ ކަމާށެވެ.

ރާއްޖޭގެ އެކި ރަށްރަށުން ގަވާއިދާ ހިލާފަށް ރުއް ނަގައި ރާއްޖެއިން ބޭރަށާއި ބައެއް ރިސޯޓު ތަކަށް ވިއްކާ މައްސަލަތަކެއް އީޕީއޭއިންވެސް ވަނީ ތަހުގީގު ކުރަންވެސް ފަށާފައެވެ.

ދާދި ފަހުން އެފަދަ މައްސަލައެއް ފެންމަތިވެ އީޕީއޭއިން ވަނީ ށ ޅައިމަގު ކައުންސިލް ޖޫރި މަނާ ވެސް ކޮށްފައެވެ.