ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ފަތުރުވެރިން ބޭތިއްބި ކަމުގެ ހެލި ލިބިފައިވާ ދެތަނެއްގެ މައްސަލަ ފުލުހުންނަށް ހުށައަޅައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމައްސަލަތައް ފުލުހުންނަށް ހުށައަޅާފައި ވަނީ މިރޭގައި ކަމަށެވެ. އެހެން ނަމަވެސް އެދެތަނުގެ ނަމެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެެވެ.

ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ، އެ ދެތަނުގެ މައްސަލަ ތަހުޤީޤުކޮށްދިނުމަށް ފުލުހުންނަށް ހުށައަޅާފައި ވަނީ، އޮޕަރޭޓިންގ ލައިސަންސް ނެތި ފަތުރުވެރިން ބައިތިއްބާފައި ވާކަމުގެ ހެކި ލިބިފައިވާތީ ކަމަށެވެ.

އެމިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ޓޫރިޒަމާއި ބެހޭ ޤާނޫނު 2/99ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ޓޫރިސްޓް ރިޒޯޓެއް، ހޮޓަލެއް ނުވަތަ ގެސްޓްހައުސެެއް ހިންގޭނީ އެމިނިސްޓްރީގައި އެތަނެއް ރަޖިސްޓްރީކޮށް އެފަދަ ތަންތަން ހިންގުމަށް ހުއްދަ ހޯދުމަށް ފަހުގައި ކަމަށެވެ. މިގޮތުން އެހުއްދަ ދޫކުރަމުން އަންނަނީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭތޯ އާއި އެފަދަ ތަންތަނުން ލިބެންޖެހޭކަމަށް އެމިނިސްޓްރީން ކަނަޑައަޅާ ޚިދުމަތްތައް އެތަންތަނުން ލިބެން ހުރުމުން ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އޮޕަރޭޓިންގ ލައިސަންސް ނެތި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ބައިތިއްބާ ނަމަ އެފަރާތްތަކުގެ މައުލޫމާތު 30 ދުވަހުގެ ތެރޭގައި އެމިނިސްޓްރީ އާއި ހިއްސާކޮށްދިނުމަށްވެސް މިހާރު ކައުންސިލްތަކަށް އަންގާފައި ވާކަމަށެވެ.

މީގެ އިތުރުން އޮޕަރޭޓިންގ ލައިސަންސް ހަމަވެފައިވާ ތަންތަން، އޮޕަރޭޓިންގ ލައިސަންސްއެއް ދެވޭ ފެންވަރަށް އިސްލާހް ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން އެކަންކަން ރަނގަޅު ކުރުމުގެ ޕްލޭނަކާއި އެކު ޕްރޮޕޯސަލް ހުށައެޅުމަށް 30 ދުވަހުގެ މުހުލަތެއް ދިނުމަށްވެސް މިހާރު ނިންމާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް މިނިސްޓްރީގެ ހުއްދަ ނެތި އެއްވެސް ތަނެއްގައި ފަތުރުވެރިން ނުބޭތިއްބުމަށް އިލްތިމާސް ކުރާކަމަށެވެ.