ނިމިދިޔަ ސީޒަނުގައި ނިއުރޭޑިއަންޓަށް ކުޅުނު އުއްމީދީ މިޑްފީލްޑަރ ރިހާމް އަބްދުލްޢަނީ (ބޮބީ) އަންނަ ސީޒަނަށް ވަރުގަދަކުރަމުން އަންނަ ކުލަބް ގްރީންސްޓްރީޓްސްއަށް ސޮއިކޮށްފިއެވެ.

ބޮބީގެ އިތުރުން އެޓީމާއި އަނެއްކާވެސް ގުޅުނު ތަޖުރިބާކާރު ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) އާއި މިދިޔަ ސީޒަނުގައި އެ ކުލަބުގެ ފަހަތް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި މުހައްމަދު ފަރުހާން (ފަރުއްކޮ) ވެސް ވަނީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައެވެ. މި ކުޅުންތެރިން ސޮއިކޮށްފައިވަނީ ޓާމިނަލް ކެފޭގައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ.

ގްރީންސްޓްރީޓްސް އިން ވަނީ އަލީ އަޝްފާގު (ދަގަނޑޭ) އާއި މުހައްމަދު އުމެއިރުގެ ސޮއިވެސް ދާދިފަހުން ހޯދާފައެވެ. އަދި މިދިޔަ ސީޒަނުގައި އެ ކުލަބުގެ ގޯލު ބެލެހެއްޓި ޒުވާން ގޯލްކީޕަރު ލަބާން ޝަރީފް ވަނީ އެ ކުލަބާއެކު ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.