ހިއްސާ

(10 ފެބްރުއަރީ 2019 އާ ގުޅޭ)

އެތައް ވާހަކަތަކަށް ފަހު އެ މަންމަގެ ހިތުގައި އަނދަމުން ދިޔަ ނަފުރަތުގެ ހުޅުގަނޑު މަޑުވާގޮތް ވިއެވެ. އެ ކަން ނުކުރުމަށް އެ މަންމަ އެއްބަސްވިއެވެ. ނަމަވެސް އެރެއިން އެރެއަށް އެގެއިން ނުކުމެގެން މަންމަގެ ގެއަށް ބަދަލުވުމަށް ދެ މައިން އެއް ބަސްވިއެވެ. އެ ވާހަކަތަކުގައި ތިއްބާ ފިރާޝާގެ ފޯނު ރިންގުވާން ފެށިއެވެ. ފިރާޝާއަށް ބަލައިލެވުނީ ގަޑިއަށެވެ. އޭރު އަށެއް ޖަހަނީއެވެ. ފޯނު ކުރަނީ މުބާހެވެ. އޭނާގެ ބޭނުން ފިރާޝާއަށް އެނގެއެވެ. އެ ފޯނު ނަގަން ފިރާޝާ ބޭނުން ނުވީ އެހެންވެއެވެ. ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ދާނެހާ ހިތްވަރު އޭނާގެ ނެތުމުންނެވެ.

"ބައްޕަ އެ ގުޅަނީ. ދަރިފުޅު ގޮވައިގެން ޑޮކްޓަރަށް ދައްކަން ނަންބަރު ނަގާފައި އޮންނާނެ. އެކަމާ އެ ގުޅަނީ" ފިރާޝާ ބޭނުންވީ ސުނީނާ ލައްވާ ވާހަކަ ދައްކުވާށެވެ.

"އަދި މިހުރީ ތައްޔާރު ނުވޭ. ތި ވާހަކަ ކުރިއަކުން މަންމައެއް ނުބުނޭ. އަދި ބައްޕައެއް ވެސް ނުބުނަމެއްނު. އެހެންވީމާ އެހެން ރެއަކުން ދާނީ. ބައްޕަ އަންނާނީ ކޮން އިރަކުން؟" ދައްކަން ފެށި ވާހަކައިގެ މައުޟޫޢު ބަދަލުކޮށްލައި ސުނީނާ ސުވާލު ކުރިއެވެ.

"މިރޭ ދެވޭނީ ތަންކޮޅެއް ލަހުން. މަންމަ ގާތުގައި ވެސް އެ ވާހަކަ ބުނާތި. އަނެއްކާ ކިހިނެއްވީ؟" ސުނީނާ ކުރި ސުވާލާމެދު ވިސްނަމުން މުބާހު ސުވާލުކުރިއެވެ.

"ބައްޕަ ގާތުގައި ވާހަކައެއް ދައްކަން އޮތީމާ" ސުނީނާ ދިނީ ވަރަށް ކުރު ޖަވާބެކެވެ. އޭނާގެ ހިތް ތެޅިގަތެވެ. ވިންދު އަވަސްވިއެވެ.

"އަވަހަށް ބުނޭ. ބައްޕަ މި ހުރީ އަޑުއަހަން" މުބާހު ބޭނުންވީ ފޯނުން އެ ވާހަކައެއް ދައްކުވާށެވެ.

"ނޫން. ފޯނަކުން ނުދެއްކޭނެ. އެ ވާހަކަ ދައްކާނީ ބައްޕައާ ބައްދަލުކޮށްފައި" ބައްޕަ ދިން ފުރުޞަތުގެ ބޭނުން ހިފަން ސުނީނާ ދެކޮޅު ހެދިއެވެ. އޭނާ ބޭނުންވީ ސީދާ ބައްޕައާ ބައްދަލުކޮށް އެ ވާހަކަ ދައްކާށެވެ.

ރޭގަނޑު ދިހައެއް ނުޖަހަނީސް ސުނީނާ އާއި ފިރާޝާ ތިބީ އޭނާގެ މަންމަގެ ގޭގައެވެ. ބޭނުންވާ ހުރިހާ ތަކެއްޗަކާ އެކުއެވެ. އެކަން ކުރީ މުބާހަށް ނާންގައެވެ. އެކަން މުބާހަށް އެންގިނަމަ އެކަން ވިޔަ ނުދިނުމަށް މުބާހު އެތައް ކަމެއް ކުރާނެކަން ފިރާޝާއަށް އެނގެއެވެ. ފިރާޝާގެ ބައްޕައަކީ މުބާހު މާ ގަޔާވާ މީހެއް ނޫނެވެ. މަންމަގެ އެ ބޮޑު ގޭގައި މުބާހަށް އުޅެވެން އޮތް ނަމަވެސް މުބާހު އެ ގޭގައި އުޅެން ބޭނުން ނުވީ އެހެންވެއެވެ. ފިރާޝާގެ ބައްޕަމެންގެ ދިރިއުޅުން ލަންކާއަށް ބަދަލުކުރިނަމަވެސް މުބާހުގެ އެ ހިތްހަމަ ނުޖެހުމެއް ނުފިލައެވެ.

މުބާހުގެ ހިތްހަމަ ނުޖެހުން ކިތަންމެ އިތުރު ވިނަމަވެސް ފިރާޝާ ބަދަލުވީ އޭނާގެ މަންމަގެ ގެއަށެވެ. އެ ގެއަށް އަންނަން މުބާހު ބޭނުން ނުވާނެކަން ވެސް އެނގޭތީއެވެ. ނަމަވެސް އެ ބަދަލުވުމަކުން ފިރާޝާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ ބޭނުންވީ މުބާހަށް ގުޅާށެވެ. އޭނާ ބަދަލުވީކަން ބުނާށެވެ. އިތުރަށް އޭނާ ހޯދުމަށް ނައުމަށް އެދޭށެވެ.

އެތައް ހިތްވަރެއް ކުރުމަށްފަހު ފިރާޝާ ގުޅިއެވެ. ފޯނު ހަމަ ރިންގުވުމާއެކު މުބާހު ފޯނު ނެގިއެވެ.

"މި ގުޅާލީ ވާހަކައެއް ބުނަން. މިއީ އަހަރެން ވާހަކަދައްކާނެ އެންމެ ފަހު ފަހަރު" ފިރާޝާގެ ޖުމުލަ ނުނިމެނީސް މުބާހު ފެށިއެވެ.

"ކީއްވެ؟ ކީއްވެ ފަހު ފަހަރަށް ވާންވީ. އަދިވެސް ތިހުރީ ހިތްހަމަ ނުޖެހިފައިތަ؟ އިންސާނުންނަށް ކުށް ކުރެވެނީ؟ ފިރާޝާއަށް ކުރެވުނީ ކުށެއް. އަހަރެން އެކަމަށް މަޢާފުކޮށްފިން" މުބާހުގެ ވާހަކަ ފެށީ ފިރާޝާ ކުށްވެރިކުރަމުންނެވެ. އެ ކުށަށް މަޢާފުކުރި ވާހަކަ ވެސް ބުނަމުންނެވެ.

"އަހަރެން މި ގުޅީ ތިޔަ ވާހަކަތައް އަހާކަށެއް ނޫން. އަހަރެން މުބާހާއެކު ދެން ކުރިއަށް ދާކަށް ބޭނުމެއް ނޫން. އަހަރެންގެ ހިތް ބަދަލުވެއްޖެ. ތި އޮޅުވާލުންތައް އޮޅުވާލަން އިތުރު ފުރުޞަތެއް ދޭކަށް ދެން އަހަރެން ނެތީން. އަހަރެންނަށް މަޢާފު ކުރިޔަސް އަދި ނުކުރިޔަސް އެންމެ ރަނގަޅު" ފިރާޝާގެ ރިހުން އަޑުގައިވާ ނުރުހުމުން މުބާހުގެ ހިތަށް އަސަރު ކުރިއެވެ.

"ކިހިނެއްވީ؟ ދެން ރުޅި މަޑުކޮށްބަލަ ފިރާ.." ފިރާޝާގެ އަޑުގައިވާ ނުރުހުމުގެ ރާގުން މުބާހަށް އުނދަގޫވިއެވެ.

"ރުޅި މަޑުކުރާށޭ. އިތުރަށް މަޑުކުރަން އަންނާނެ ރުޅިއެއް ނެތް. އިތުރަށް ދައްކާނެ ވާހަކައެއް ވެސް ނެތް. މުބާހުގެ ގޮތް އަހަރެންނަށް އެނގިއްޖެ. ތިޔަ ވަފާތެރިކަން ދަސްވެއްޖެ. ތިޔަވާ ލޯބި ވެސް އެނގިއްޖެ. ތިޔަ އެއްޗެއް ދެން މަ ބޭނުމެއް ނޫން" ފިރާޝާ ވާހަކަދެއްކީ ޖެއްސުމަށެވެ.

"ފިރާ. ބުނަން ތި ހީކުރާ ކަހަލަ މީހެއް ނޫން އަހަރެންނަކީ. ޕްލީސް އަޑުއަހާބަލަ؟" މުބާހު ބޭނުންވީ ފިރާޝާއަށް ވިސްނައިދޭށެވެ.

"ނޫން. އިތުރަށް އަޑު އަހާނެ ވާހަކަތަކެއް ނުހުންނާނެ. ތިޔަ ދުލުން ތެދު ހަދާނީ ކިހިނެއް؟ ކިތައް ކަންތައް ތިޔަ ސިއްރުކުރީ؟ ކިތައް މީހުންނަށް ތިޔަ އޮޅުވާލީ؟ ކިހައި ފައިސާއަކަށް ޚިޔާނާތްތެރި ތިޔަވަނީ؟ ކިހައި ކަންތަކެއް ކޮށްފައި ތިހުރީ؟ ހީކުރީތަ އަހަރެންނަށް އެއްވެސް ކަމެއް ނޭނގެޔޭ. ހުރިހާ ކަމެއް ވެސް އެނގޭ." ފިރާޝާގެ ވާހަކަތަކުން މުބާހަށް ގޮތް ހުސްވިއެވެ. އެ ވާހަކަތައް އެހެން ކަންފަތަކަށް އަރާފާނެތީ ކަންބޮޑުވިއެވެ.

"ފިރާ އަޑު އަހާބަލަ؟ އަހަރެންނަށް މަޖުބޫރުވީ. އެ ނޫން ގޮތެއް ނެތީ؟" މުބާހަށް ފުރުޞަތު ލިބޭތޯ އޭނާ އެތައް މަސައްކަތެއް ކުރިއެވެ. ނަމަވެސް އެ ފުރުޞަތު ފިރާޝާއެއް ނުދިނެވެ.

"އަނެއްކާ ވެސް އޮފީސް ދޯ؟ އިންޓެލިޖެންސް ދޯ؟ ބަލަ ތިޔަ އިންޓެލިޖެންސްގައި އުޅެމުންނެއްނު އެހެން ހުރިހާ ކަމެއް ކުރީ. އެ ހުރިހާކަމެއް އަހަރެންނާ ހިއްސާކުރީ. މިއަދު ވައްކަން ކުރަންވީމާ، އެހެން މީހަކާ ހިތާވާންވީމާ ހިއްސާނުކުރެވޭނެކަން މަށަވެސް އެނގެޔޭ. ދެން އިތުރަށް ވާހަކަތަކެއް ދައްކާނެ ކަމެއް ނެތް. މަށެއް ގަބޫލެއް ނުކުރާނަން" ފިރާޝާގެ ހިތަށް އަރަމުންދިޔަ ޖުމުލަތައް އޭނާ ބޭރުކުރިއެވެ.

"ޕްލީސް ފިރާ. ހުއްޓާލާ" މުބާހު އާދޭސް ކުރަން ފެށިއެވެ.

"މަށަށް ފިރާއޭ ކިޔާނެކަމެއް ނެތް. ކިތަންމެ އާދޭސް ކުރިޔަސް މި ހިތުގައި ތިޔަ މުބާހަކަށް ރަހުމެއް ނުހުންނާނެ. މި ހިތެއް މަޑެއް ނުވާނެ. މާ ކަންތައް ބޮޑުކުރާނަމަ މުޅި ރަށުތެރެއަށް ވާހަކަތައް ފަތުރާލާނަން. އެ ހުރިހާ ހެއްކެއް ވެސް އެބަ ހުރި." ފިރާޝާ އެންމެ ފަހުން ބުނި ދެ ޖުމުލައިން މުބާހުގެ ހިތުގައި ހިފައި މީހަކު ދަމައިގަތް ހެން ހީވިއެވެ. އޭނާއަށް ވާހަކަދައްކަން އުނދަގޫވިއެވެ. ދުލުގައި މީހަކު ހިފެހެއްޓިހެން ވެސް ހީވިއެވެ.

"އަހަރެންނާ ދަރިފުޅު އަހަރެމެން ގެއަށް ބަދަލުވެއްޖައިން. ދެން އެނބުރި ނުދާގޮތަށް. އަހަރެން މި ދެއްކި ހުރިހާ ވާހަކައެއް ދަރިފުޅަށް ވެސް އެނގޭނެ. ތިޔަ ހަރާން ފައިސާ ދަރިފުޅަކަށް ބޭނުމެއް ނުވާނެ. ތިޔަ އެހީއާ ނުލައި އަހަރެންނަށް ދަރިފުޅު ބެލޭނެ. އެކަން ކުރެވޭނެ" އެތައް ވާހަކައެއް ދެއްކި އިރުވެސް މުބާހަށް ހުރެވުނީއެވެ. ދުލަށް ބަހެއް ނައިސްގެންނެވެ. ލިބުނު ކުއްލި ޝޮކާއެކުއެވެ.

ފޯނު ބޭއްވުމާއެކު މުބާހަށް ހީވީ ހަތަރު އުދަރެސް ފެނުޖެހުނު ހެންނެވެ. އޭނާއަށް ގޮތް ހުސްވިއެވެ. ގެއަށް ދާންވެސް ހިތަށް އެރިއެވެ. ނަމަވެސް ގޮސްގެން ކުރާނެ ކަމެއް ނޯންނާނެއެވެ. ފިރާޝާ ރުޅިއަރުވައިގެން ހޯދޭނެ މޮޅެއް ނޯންނާނެއެވެ. ދެން ވެސް އޮތީ ރުއްސުމެވެ.

މުބާހު ގުޅީ ފިރާޝާއަށެވެ. އޭނާ ފޯނެއް ނުނެގިއެވެ. އެތައް ފަހަރަކު ގުޅުމުންވެސް ނުނެގިއެވެ. އެންމެފަހުން މުބާހު ކުރީ މެސެޖެކެވެ. ދަރިފުޅާ ވާހަކަދައްކަން ބޭނުންވާކަން ހާމަކޮށް ދިގު މެސެޖެކެވެ. އެއަށްފަހު މުބާހު ގުޅިއެވެ.

ފުރަތަމަ ރިންގުގެ އަޑާއެކު ފޯނު ނެގީ ސުނީނާއެވެ.

"ދަރިފުޅާ. ބައްޕަ ދަރިފުޅާ ބައްދަލުކޮށްލަން ބޭނުން. ވާހަކަދައްކާލަން ބޭނުން. މަންމަ އެ ދެއްކި ވާހަކަތަކަކީ ތެދެއް ނޫން. ބައްޕައަކީ އެ ކަހަލަ މީހެއް ނޫން. ދަރިފުޅާ ގަބޫލުކުރޭ. ދަރިފުޅަށް ވެސް އެނގޭނެ ބައްޕަ މަސައްކަތް ކުރަނީ ފުލުހުންގެ އިދާރާގައިކަން. އެތަނުގެ އިންޓެލިޖެންސް ބައިގައިކަން. ބައްޕަ ދެރަވަނީ އެ ހުރިހާކަމެއް މަންމައަށް އެނގި ހުރެ މި ކަހަލަ ހީއެއް ކުރީތީ. ދަރިފުޅުމެން ހީނުކުރާ ކިތަންމެ ކަމެއް ބައްޕަމެން ކުރަންޖެހޭ. ދަރިފުޅާ! ގަބޫލުކުރޭ. ބައްޕައަކީ ކުށްވެރިއެއް ނޫން" މުބާހުގެ އާދޭސްތަކުން ސުނީނާގެ ހިތް މަޑުވާން ފެށިއެވެ. އެއީ ދުވަހަކުވެސް އެ ބައްޕަ ވާހަކަދެއްކި ރާގެއް ނޫނެވެ. އެ އިހުސާސްތައް ދުވަހަކު ވެސް އެ ކަންފަތަކަށް ނުއިވެއެވެ. ސުނީނާގެ ލޮލުން މަޑުމަޑުން ކަރުނައިގެ ރޮނގު ދެމިގަތެވެ. އެކަން މަންމައަށް ސިއްރުކުރުމަށް އޭނާ ނުކުތީ ބެލްކަންޏަށެވެ.

"ބައްޕައަށް އަހަރެން މަޢާފުކުރާނަން. ބައްޕާ. ބައްޕަ އިސްލާހުވޭ. ބައްޕައަށް އިސްލާހުވެވޭނެ. އަހަރެންދެކެ ބައްޕަ ލޯބިވާނަމަ ބައްޕަ ރަނގަޅުވާނެ. ބައްޕައަށް އެކަން ކުރެވޭނެ" ރޮމުން ރޮމުން ސުނީނާ ބުނަމުންދިޔައެވެ. އެ ބައްޕަގެ ދަރިފުޅުގެ ދުލުން އެ ބައްޕަގެ ކަންފަތަށް ވިރުވާ އަޅަމުން ދިޔަ ޖުމުލަތަކުން މުބާހުގެ ހިތް ކުދި ކުރަމުން ދިޔައެވެ. މަންމައެއްގެ ބާރާއި ނުފޫޒުން ހިނދުކޮޅެއްގެ ތެރޭގައި ދަރިއެއްގެ ވިސްނުމަށް ކުރި އަސަރު އިހުސާސް ކުރެވުނެވެ.

"ދަރިފުޅާ! ބައްޕައަށް އެ ނޫންގޮތެއް ނެތީ. މި ގޮތަކަށް ކަންތައް ކުރަން މަޖުބޫރުވީ. ކަންތައްވީ ގޮތް ދަރިފުޅާ ހިއްސާކުރާނަން. ބައްޕައަށް 15 ދުވަސްދީ. ބައްޕަ އިސްލާހު ވާނަން. ބައްޕަ ބައްޕަގެ ގޮތުގައި ފެންނާނަން. އެކަމަކު ބައްޕައާމެދު ދަރިފުޅަށް ތި ވިސްނުނީ ރަނގަޅަކަށް ނޫން. މަންމައަށް ވެސް އެ ކުރެވެނީ ކުށް ހީއެއް" މުބާހުގެ ދުލުން ދައްކަމުން ދިޔަ ވާހަކަތައް ހުއްޓުނީ އެ ޖުމުލަތައް ކުރިއަށް ގެންދަން އުނދަގޫ ވެގެންނެވެ. މުބާހު ފޯނު ބޭއްވީ އޭނާގެ ގިސްލުމުގެ އަޑު ދަރިފުޅަށް އިތުރަށް އިއްވަން ބޭނުން ނުވުމުންނެވެ.

ހަފުތާއެއް ފާއިތުވީއިރު ވެސް ފިރާޝާ އުޅުނީ ހަމައަކަށް ނޭޅިގެންނެވެ. ސުނީނާއަށް އައި ބަދަލާއި އޭނާގެ ކުރާ ޝަކުވާތަކުގެ ސަބަބުންނެވެ. އޭނާ ވިސްނާ ވިސްނުމާއި ބައްޕައާ އޮންނަ ގުޅުމަށް އައި ހީނަރުކަމުގެ ސަބަބުންނެވެ. އެ ހީނަރުކަމުގެ އަސްލަކީ މުބާހު ރަށުން ބޭރަށް ދިއުމެވެ. އޮފީސް ކަމަކުއޭ ބުނެ ފުރައިގެން ދިއުމެވެ. އެކަން އެންގީ މެސަޖަކުންނެވެ. ފިރާޝާގެ ޝަކުވާއަކީ އެޔެވެ. އެއްވެސް އަންގާލުމެއް ނެތި ފުރައިގެން ދިއުމެވެ. އޮފީސް ދަތުރަކުއޭ ބުނެ ރާއްޖެއިން ބޭރަށް ދިއުމެވެ. ދަރިފުޅުގެ ހާލު ބަލައިލާނެ ވަގުތު ނުދެވުމެވެ. ފިރާޝާއަށް ގަބޫލުކުރެވުނީ ކުރަމުން އެދާ ވަގު ކަންކަން އިތުރަށް ހައްދުން ނެއްޓީކަމަށެވެ. އެކަމުން ސަލާމަތްވާން އޮތް މަގު ބަންދުވީ ކަމަށެވެ. ފިރާޝާގެ ނުރުހުމުގެ ޝަކުވާތަކުން ސުނީނާއަށް ވެސް ވިސްނުނީ އެ ގޮތަށެވެ. ހިތުން ގަބޫލުކުރަން ބޭނުން ނުވިނަމަވެސް ގަބޫލުކުރަން މަޖުބޫރުވީ އެގޮތެވެ.

ހިތާމައާއި މޮޅުވެރިކަމުގައި ދެމައިން އެކަނިވެރިވިއެވެ. ނަފުސަށް ކުރެވޭ ޝަކުވާތަކުގައި ދެ މައިން ބެހިގެން ދިޔައެވެ. އެކަމުން ސަލާމަތްވުމަށް ސުނީނާއަށް ހިތްވަރު ދެމުން ދިޔައީ ފިރާޝާއެވެ. އޭނާގެ ވިސްނުމަކީ އުންމީދަކީ މަރުވާ އެއްޗެއް ނޫނެވެ. ހިތްވަރު ހުރި ކޮންމެ ހަށިގަނޑެއްގައި އުންމީދުގެ ވިންދު ޖަހާނެއެވެ. އެ ވިންދާއެކު ދިރުން އަންނާނެއެވެ.

ރޭގަނޑު 7 ޖަހަނީއެވެ. ވީޓީވީން އަންނަމުން ދިޔައީ ކުއްލި ޚަބަރެވެ. އެ ޚަބަރުގައި ދައްކަނީ ދިވެހިފުލުން ލަންކާގެ ފުލުހުންނާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ވާހަކައެވެ. ސޯފާގައި އިން ފިރާޝާއާއި ސުނީނާގެ ލޯ ވަނީ ޓީވީއަށް ހުސްވެފައެވެ. އަންނަމުން ދިޔަ ޚަބަރުން ފިރާޝާގެ ހިތް ތެޅިގަތެވެ. ސުނީނާއަށް ފުން ނޭވާއެއް ލެވުނެވެ. އިވެމުން ދިޔައީ މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އަތުލައިގަތް ވާހަކައެވެ. އާއްމުކުރަމުން ދިޔައީ ފުޅާވެފައިވާ ފުން އެ ވިޔަފާރިގައި ފިރާޝާގެ ބައްޕަ ހިމެނުނު ވާހަކައެވެ. ސުނީނާގެ ކާފަ ހައްޔަރު ކުރެވުނު ވާހަކައެވެ. ފިރާޝާއަށް ބަލައިލެވުނީ އޭނާގެ ދަރިފުޅަށެވެ. ސުނީނާއަށް ބަލައި ލެވުނީ މަންމައަށެވެ. ދެ މައިންގެ ލޮލުން ފޭބި ކަރުނަތަކާއެކު ފިރާޝާއަށް އިސްޖަހައިލެވުނެވެ. އެ ހިނދު ދެން އިވިގެން ދިޔައީ އެ ކާމިޔާބު އޮޕަރޭޝަންގައި ދިވެހި ފުލުހުންގެ ތެރެއިން އިސްވެ ހުރި މުބާހުގެ އަޑެވެ. އޭނާގެ އިންޓަވިއުއެވެ. އެ އަޑު ޖެހުމާއެކު ފިރާޝާގެ ހެއަށް ގޮތްވިއެވެ. އޭނާގެ ބާރު ދޫވިއެވެ. އޭނާގެ ވިންދު ހުއްޓުނު ކަހަލައެވެ.

ފިރާޝާ ހޭވިރިކަންވީ އެތައް އިރެއް ފަހުންނެވެ. ހޭ އެރުމާއެކު އެ ދުލުން ފުރަތަމަ ވެސް އެހީ މުބާހުގެ ވާހަކައެވެ. އޭނާ ކޮބައިތޯއެވެ؟ އަތުވެއްޖެ ތޯއެވެ؟ އަންނާނީ ކޮން އިރަކުންތޯއެވެ؟ ފިރާޝާ ކުށްވެރި ކުރީ އޭނާގެ އަމިއްލަ ނަފުސެވެ. ކިހައި ގޯސް ހެއްޔެވެ؟ ކިހައި ނުބައި ހެއްޔެވެ؟ ކިހައި މޮޔަ ހެއްޔެވެ؟ ކުރެވުނީ ކިހައި ބޮޑު ކުށެއް ހެއްޔެވެ؟ މުބާހު މަޢާފު ކުރާނެ ހެއްޔެވެ؟ އެނބުރި އަންނާނެ ހެއްޔެވެ؟ މަންމަ ކުރަމުންދާ ސުވާލުތަކަށް ސުނީނާއަށް ހުރެވުނީ ދޭނެ ޖަވާބެއް ނޭނގިފައެވެ. ބައްޕައާ ދެއްކުނު ވާހަކަތައް ހިތަށް ވަދެ އޭނާ ހުރީ ލަދުގެންފައެވެ. ބައްޕަ ކުށްވެރިއެއްކަމަށް ގަބޫލުކުރި ކުރުމުން އެ ހިތް ވަނީ މާޔޫސް ވެފައެވެ. ނަމަވެސް ހަމަ އެ ހިތުން ބައްޕައަށް އެދަނީ ފަޚުރުވެރި ވަމުންނެވެ. ބައްޕަގެ އެ ޚިދުމަތަށް އެދަނީ ސެލިއުޓް ކުރަމުންނެވެ. ބައްޕަގެ ކެރުމާއި ކެތްތެރިކަމަށް އެދަނީ ތަޢުރީފު ކުރަމުންނެވެ. އެ ސިއްރުކުރުން ސިއްރުކުރި ސަބަބު އެ ޒަމީރަށް އެދަނީ ވިސްނެމުންނެވެ. އެކަން މަންމައަށް ހިއްސާކުރެވުނު ނަމަ ދެން ވާނެ ގޮތް ހިތުގައި އެދަނީ ކުރެހެމުންނެވެ.

މުބާހު އެނބުރި އައެވެ. ފިރާޝާގެ ހިތް އަތުލިއެވެ. ސުނީނާ އުފަލުން ފޮޅުނެވެ. ހިނގައި ދިޔަ ކަންތަކާ ގުޅޭ ހުރިހާ ކަމެއް އަލިފުން ޔާއަށް ފިރާޝާއަށާއި ސުނީނާއަށް މުބާހު ހިއްސާކުރިއެވެ. ފިރާޝާ ލޮލުން އެ ހިއްސާގެ އަގު ދެއްކިއެވެ. ދަރިފުޅުގެ ހިތުން އެ ހިއްސާއަށް ޝުކުރު އަދާކުރިއެވެ. މުބާހަށް ގަބޫލުކުރެވުނީ އެންމެ ކަމެކެވެ. އެއީ ކޮންމެ ހިއްސާއަކީ ގުޅުމެކެވެ. ނުވަތަ ވަކިވުމެކެވެ.

(ނިމުނީ)