އޭސީސީ އިން މިއަދު އާންމުކުރި އެމްއެމްޕީއާރުސީގެ ކޮރޮޕްޝަނުގެ ތަޙްގީގީ ރިޕޯޓަކީ ސައްހަ ރިޕޯޓެއްކަމަށް ގަބޫލު ނުކުރަށްވާ ކަމަށް ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވެއްޖެ އެވެ.

ޝުނާނާ މިހެން ވިދާޅުވީ ކޮރޮޕްޝަނާއި ދެކޮޅަށް މާދަމާ ހަވީރު ބޭއްވުމަށް ނިންމާފައިވާ މުޒާހަރާއާއި ގުޅޭ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝުނާނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ރާއްޖޭގައި މިހާތަނަށް ހިންގާފާއިވާ އެންމެ ބޮޑު ޚިޔާނާތުގެ އަމަލުކަމަށް ވާއިރު ފަސް އަހަރު ވޭތުވެދިޔައިރު އޭސީސީ އިން މައްސަލަ އާއި ގުޅުންހުރި ރިޕޯޓް ނެރެންޖެހޭނީ މިއަދު ނޫންކަމަށެވެ. ޝުނާނާ ވިދާޅުވީ އެމްއެމްޕީއާރުސީ ގެ ރިޕޯޓަށް އިތުބާރުނުކުރެވޭކަމަށެވެ. އެމްއެމްޕީއާރުސީގެ ކޮރެޕްޝަނުގެ އަމަލުގައި އޭސީސީގެ މެންބަރުން ބައިވެރިވެފައިވާކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ރިޕޯޓަށް އިތުބާރުނުކުރެވޭކަމުގެ ސަބަބެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އޭސީސީގެ ރިޕޯޓަށް އިތުބާރެއްނުކުރަން. ސަބަބަކީ ބައެއް ފަރާތްތަކުން ބުނަމުން އެބަދޭ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ފައިސާ އޭސީސީގެ މެންބަރުންގެ އެކައުންޓުތަކަށް ވަދެފަ ވާކަމަށް، ދެން އެބޭފުޅުންގެ ނަމެއް އެބޭފުޅުން ނުޖަހާނެ ދެއްތޯ ރިޕޯޓަކު، އެހެންވީމަ އެރިޕޯޓަކަށް އަޅުގަނޑުމެން އިތުބާރެއް ނުކުރަން. އެހެންނަމަވެސް ރިޕޯޓް ހާމަކޮށްފި، އެހެންވީމަ މާދަމާގެ އެއްވުމުގައި ރިޕޯޓް ހާމަ ކުރާކަށް ނޫން ގޮވާލާނީ އެކަމަކު ދިރާސާކޮށްފަ އެއިން އެބޭފުޅުންގެ މައްސަލަތަކެއް ހުރިކަމަށް ވަންޏާ އަޅުގަނޑުމެން ތެދުވާނަން. މަޑަކުންނުތިބޭނަން" ޝުނާނާ ވިދާޅުވި އެވެ.

ޝުނާނާ ވިދާޅުވީ ކޮރޮޕްޝަންގެ މައްސަލަތައް އޭސީސީން ބަލާ ތަހުގީގުކުރަންޖެހޭނީ ބަޔަކުނިކުމެ އަޑު އުފުލީމަ ނޫންކަމަށެވެ. އޭސީސީގެ ޒިންމާ އަދާ ކުރިނަމަ މިއަދު މިހާލަތަކަށް ގައުމު ނުދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިގައުމުގެ ހުރިހާ ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގުކުރަން ހުންނަ މައި އިދާރާއަކީ އެންޓިކަރަޕްޝަން ކޮމިޝަން، އެހެންނަމަވެސް ފާއިތުވި ފަސް އަހަރު އަޅުގަނޑުމެންނަށް ފާހަގަވީ އެންޓިކަރަޕްޝަން ކޮމިޝާނުގެ މެންބަރުން އަދާ ކުރަންޖެހޭ ޒިންމާ އަދާ ނުކުރެވޭކަން، އެބެފުޅުންގެ ޒިންމާ އަދާ ނުކުރެވުނީމަ މިއަދު މިގައުމު މިހާލަތަށް ދާން މިޖެހުނީ، މާދަމާ އަޅުގަނޑުމެން މުޒާހަރާއެއް ކުރުމަށް ރާއްވާލީމަ މިއަދަކު ނޫން އެ ބާޔާން އާންމުކުރާނީ، ތަހުގީގީ ރިޕޯޓް ހާމަކުރާނީ، އެއަށްވުރެން ކުރިން ހާމަކުރަންޖެހޭ އެއްޗެއްވިއްޔާ ހާމަކުރަންޖެހޭނެ، ބަޔަކު އަޑުއުފުލަން ފެށީމައެއްނޫން ހާމަކުރަންޖެހޭނީކީ، އެކަމުގެ ޒިންމާނަގަންޖެހޭނީ އޭސީސީން، އެހެންނަމަވެސް ފާއިތުވި ފަސް އަހަރުތޭރޭގައި މަސްއޫލިއްޔަތު އަދާ ނުކުރާކަމަށް ފާއިތުވި ފަސް އަހަރު އެތައްބަޔަކު ދަނީ ގޮވާލަމުން،" ޝުނާނާ ވިދާޅުވި އެވެ.

ޝުނާނާ ވިދާޅުވީ އޭސީސީގެ މެންބަރުންގެ މައްސަލަ މިހާރުން މިހާރަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ބައްލަވަންޖެހޭކަމަށެވެ. އަދި އެމެންބަރުންގެ ޖިނާއީ މައްސަލައެއް އޮތްކަމުގައި ވާނަމަ ފިޔަވަޅު އެޅުމަށް ގޮވާލާކަމަށްވެސް ޝުނާނާ ވިދާޅުވި އެވެ.

ޝުނާނާ އިތުރަށް ވިދާޅުވީ މާދަމާ ބާއްވާ އެއްވުމުގައި ކޮރޮޕްޝަނަށް އާންމުން ހޭލުންތެރިކުރުވުމަށް އިސްކަމެއް ދީގެން ކުރިޔަށް ގެންދިއުމަށް ރާއްވަވާފައިވާއިރު، ސިޔާސީ ޕާޓީތަކުގެ ބޭއްފުޅުންވެސް މި އެއްވުމުގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.

މާދަމާގެ މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ ކާނިވާސަރަހައްދުން 16:00ގައި ކަމަށާއި މިމުޒާހަރާގައި ބައިވެރިވުމަށް ވީހާވެސް ގިނަ ބަޔަކު ހުކުރު ދުވަހު ކާނިވާ ސަރަހައްދަށް ހާޒިރުވުމަށްވެސް ޝުނާނާ ވަނީ އެދިފައެވެ.