ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެހެން ޕާޓީއަކުން ތާއީދުކުރަން ނިންމުމަކީ އެ ޕާޓީތަކުގެ ހެޔޮފުޅުކަމުން ކުރާ ކަމެއް ކަމަށް ދެކެވަޑައި ގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގައި ޖޭޕީން ވާދަކުރާ ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ޕީޕީއެމުން ނިންމައި އެކަން ހާމަކުރުމާ ގުޅިގެން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ސޯލިހް ވިދާޅުވީ، ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމަމުންދަނީ ޖޭޕީއާއި ޕީޕީއެމްއާ ދެމެދު މަޝްވަރާއެއް ކޮށްގެން ނޫން ކަމަށާއި، އެކަމަކީ ޕީޕީއެމްގެ އަމިއްލަ ނިންމުމެއް ކަމަށެވެ.

އެހެންނަމަވެސް، ޕީޕީއެމުން އެގޮތަށް ނިންމުމަކީ އެ ޕާޓީގެ ހެޔޮފުޅު ކަމުން ކުރައްވާ ކަމެއްގެގޮތުގައި ދެކިވަޑައިގަންނަވާ ކަމަށާއި، އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް އަލީ ސޯލިހް ވިދާޅުވިއެވެ.

"ޕީޕީއެމް ނޫނަސް، އެހެން ޕާޓީތަކަށްވެސް އެބައޮތް ޖޭޕީން ނެރޭ ކެންޑިޑޭޓުންނަށް ތާއީދުކުރުމުގެ ފުރުސަތު. އަޅުގަނޑުމެން އެކަމަށް މަރްހަބާ ކިޔަން" އަލީ ސޯލިހް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްއިން ކުރިން ޓިކެޓް ދީފައިވާ ބައެއް ބޭފުޅުންގެ ޓިކެޓްތައް މިހާރުވަނީ އަނބުރާ އަތުލަން ފަށާފައެވެ.

އެގޮތުން، މަތިވެރި ދާއިރާއަށް ވާދަކުރެއްވުމަށް ކުރީގެ ނޫސްވެރިޔާ ލަޔާލް މަނިކުއަށާއި، ގެމަނަފުށީ ދާއިރާއަށް ވާދަކުރެއްވުމަށް މިހާރުގެ މެމްބަރ ޖަމީލް އުޘްމާންއަށް ދީފައިވާ ޓިކެޓާއި، ވިލިނގިލީ ދާއިރާއަށް ވާދަކުރެއްވުމަށް ޝަހީބް އިބްރާހިމްއަށް ދީފައިވާ ޓިކެޓްވެސް ޕީޕީއެމުން މިހާރުވަނީ އަތުލާފައެވެ. އަދި ބައެއް އެހެން ދާއިރާތަކަށް ވާދަކުރެއްވުމަށް ދީފައިވާ ޓިކެޓްވެސް އަތުލަން އުޅޭކަމުގެ ރިޕޯޓްތައް ލިބެމުން އެބަދެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ގެމަނަފުށީ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ޕީޕީއެމުން ޖަމީލް އުޘްމާނަށް ދީފައިވާ ޓިކެޓް އަނބުރާ އަތުލައި، މިހާރު ނިންމާފައިވަނީ ގެމަނަފުށީ ދާއިރާއަށް ޖޭޕީން ނެރޭ ކެންޑިޑޭޓަށް ތާއީދުކުރުމަށެވެ.

މަޖިލީސް އިންތިޚާބުގައި ހަތް ދާއިރާއަކަށް ވާދަކުރުމަށް ޖުމްހޫރީ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ލިޔެކިއުންތައް ހުށަހަޅާފައި ވާއިރު، އަލީ ސޯލިހް މިރޭ ވިދާޅުވީ ޖޭޕީން އަދި މިހާތަނަށް އެއްވެސް ބޭފުޅަކަށް އެ ޕާޓީގެ ޓިކެޓް ދީފައި ނުވާ ކަމަށެވެ.

އަދި އިންތިޚާބުގައި ވާދަކުރުމަށް ޖޭޕީން އެއްވެސް ޕާޓީއަކާ ކޯލިޝަންވެސް ހަދާފައި ނުވާނޭ ކަމަށާއި، އަދި ކޯލިޝަން ހެދުމުގެ މަޝްވަރާއެއްވެސް ކުރެވެމުން ނުދާކަމަށް

އަލީ ސޯލިހް ވިދާޅުވިއެވެ.