ބ. ކަމަދޫ ކައުންސިލް ރައީސް އަހްމަދު ސަމީރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ކަމަދޫގެ ކައުންސިލްގެ މުވައްޒަފަކު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކަމަދޫ ކައުންސިލްގެ ރައީސް އަހްމަދު ސަމީރު ހައްޔަރުކުރީ އިއްޔެ އިރުއޮއްސުނު ވަގުތު ކަމަށެވެ.

އޭނާ ވިދާޅުވީ ސަމީރު ހައްޔަރުކޮށްފައިވަނީ ކޯޓަށް ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުން ވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރެއް ނެރުމުން އަމުރު ތަންފީޒު ކުރުމަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މީގެ ކުރީގައި ދެ ފަހަރެއްގެ މަތިން ސަމީރު ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިދިޔަ އަހަރުގެ އޯގަސްޓް މަހު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ސަމީރު ހައްޔަރުކުރި ނަމަވެސް ފަހުން އޭނާ ދޫޮށްލުމުން ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުން އޭނާ ފެނިފައިވެ އެވެ.