އަވަދި ނެތި އުޅުނު ބުރަ އުޅުން އަހަރެން ދޫކޮށްލީ ގޮތަކަށް މަޖުބޫރު ވެގެންނެވެ. އެނޫން ގޮތެއް ނެތިގެންނެވެ. އަންހެނުންނާއި ދަރިފުޅުގެ އާދޭސްތަކާ ހެދިއޭ ވެސް ބުނެވިދާނެއެވެ. ނަމަވެސް އެ މަޖުބޫރު ބަދަލުވުމުން ލިބުނު ވަކި މޮޅެއް ނެތެވެ. މުޅި މީހާގެ ހަށިގަނޑަށް ދިޔައީ ބަދަލު އަންނަމުންނެވެ. އެތެރެ ހަށީގައި އަޅަމުން ދިޔަ ވޭން ދިޔައީ ގަދަވަމުންނެވެ. ދުވަސް ވާވަރަކަށް އަހަރެންގެ ކެތްތެރިކަން ވެސް ދިޔައީ ކޮޅުން ލަމުންނެވެ. އެކަން އެންމެ ގާތުން އިހުސާސް ކުރަމުން ދިޔައީ އަހަރެންގެ އަންހެނުންނެވެ.

"މިހާރު ކިހައި ވަރަކަށް ބުނެވިއްޖެ ޑޮކްޓަރަށް ދައްކަން ހިނގާށޭ. ހަމަ ތި ހުންނަނީ ގަދަހަދާލާފައި އެކަން ނުކުރާން. ބަލަ ދެއްކީމާތާ ދެން ވެސް އެނގޭނީ ތިޔަ ވާގޮތެއް" އަންހެނުންގެ ވާހަކަތައް ފެށުނެވެ. އެއީ ހުއްޓުމެއް ނެތް ހާސަރުތަކެކެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިވޭ ޖުމުލަތަކެކެވެ. އެކި ދުވަހު އެކި ރާގުގައެވެ. އެކި ބަސްކޯޅިތަކުންނެވެ.

"ދެއްކިޔަސް ވާކަމެއް އޮންނާނެތަ؟ ކިތައް ފަހަރު ދެއްކިއްޖެ. ކިތައް ދިވެހި ޑޮކްޓަރުންގެ ގާތަށް ދެވިއްޖެ؟ ވާގޮތެއް ވާންވީގޮތެއް އެއިން މީހަކަށް ބުނެދޭން އެނގުނުތަ؟ ބުނާނީ ކޮންމެވެސް ޓެސްޓެއް ހަދަން. ހަރާން އެއްޗެއް އެނގޭނެ ނަމަ؟" އަންހެނުންގެ ވާހަކަތައް އަޑުއަހަން ނުއިނދެވިގެން އަހަރެން ވެސް ފެށީމެވެ. އަހަރެން ދެއްކީ އަހަރެންނަށް ކުރެވުނު ތަޖުރިބާތަކުގެ ވާހަކައެވެ.

"ބަލަ ދެތިން ފަހަރު ދައްކައިގެން ނޭނގުނު އެތައް ކަމެއް ދެން ވެސް އެނގިދާނެއްނު. ޑޮކްޓަރަށް ނުދައްކަ ތި ގޮތަކަށް ކިތަންމެ ވާހަކައެއް ދެއްކިޔަސް ތި ކަން ރަނގަޅުވާނެތަ؟" އަންހެނުން ކުރީ އަހަރެންނަށް ނޫނެކޭ ބުނަން މަޖުބޫރު ސުވާލެކެވެ. އެއީ ކަން އޮތްގޮތެވެ. ހަށިގަނޑަށް ޝިފާ ލިބެން އޮތް ހަމައެކަނި ގޮތް ވެސް މެއެވެ.

"އިތުރަށް މި ތަނުގެ ޑޮކްޓަރަކަށް ދައްކާހިތެއް ނެތް. ދިހަ ދުވަސް ތެރޭ އިންޑިއާއަށް ފުރާގޮތަށް އެ އޮތީ ހަމަޖެހިފައި. ދަރިފުޅު އެވަނީ ޓިކެޓް ވެސް ނަގާފައި. ބޭކާރު ޚަރަދެއް ކުރުމުގެ މާނައެއް ނެތް" އަހަރެން ބޭނުންވީ އަންހެނުން ހިތްހަމަ ޖައްސާލަދޭށެވެ. އަމިއްލަ ނަފުސަށް ވެސް ހިތްހަމަ ޖެހުން ލިބިގަންނާށެވެ.

ފަރުވާ ހޯދުމަށްޓަކައި އަހަރެންނާއި ދަރިފުޅާއި އަންހެނުން އިންޑިއާއަށް ދިޔައީމެވެ. އޭރުވެސް އަހަރެންގެ މައްސަލަތަކެއް ހުރިކަން އަހަރެންނަށް އެނގެއެވެ. އުޅެނީ އާދައިގެ ކުޑަ މައްސަލައެއް ނޫންކަން ވެސް އަހަރެންނަށް ގަބޫލުކުރެވެއެވެ. ދަރިފުޅުގެ ދުލުން އެކަން އަހަރެންގެ ގާތުގައި ނުބުނި ނަމަވެސް އެ ދަރިފުޅުގެ މޫނުމަތިންނާއި ޢަމަލުތަކުން އަހަރެންނަށް އެކަން ދެނެގަނެވުނެވެ. އަންހެނުންނަށް އައި ކުއްލި ބަދަލުން އެކަން އިހުސާސް ކުރެވުނެވެ.

"މިހާރު ކިހިނެކޯ ވާންވީ؟" އަހަރެން ސުވާލު ކުރީމެވެ.

"އޮޕްރޭޝަނަކަށް ބައްޕަ ތައްޔާރު ވާންވީ. ވަރަށް އަވަހަށް މިކަން ކުރަން އެބަ ޖެހޭ. ބައްޕަގެ ހިތަށް ލޭ ފޮނުވާ ހަތަރު ވޭލުގެ ތެރެއިން ދެ ވޭލެއް ފުރިހަމައަށް މަސައްކަތެއް ނުކުރޭ. މި މީހުން ބުނަނީ މަސްނޫޢީ ވޭލެއް ލައްވަން ޖެހޭކަމަށް" ވެގެން އުޅޭ ގޮތާއި ވާންވީ ގޮތް ފުރަތަމަ ފަހަރަށް ދަރިފުޅު އަހަރެންނަށް ކިޔައި ދިނެވެ.

ކަމުގެ ބޮޑުކަމާއި ކޮންމެ ކަމަކަށް ވެސް ކެތްތެރިވާން ޖެހޭކަމާއި މިފަދަ އެތައް އޮޕަރޭޝަނެއް ކިމްސް ހޮސްޕިޓަލުން ކޮށްފައިވާއިރު ގިނަ އޮޕަރޭޝަންތައް ވަރަށް ކާމިޔާބު ކަންވެސް ދަރިފުޅު ބުނެދިނެވެ. ނަމަވެސް އެ ވާހަކަތަކުން މާ ބޮޑު ހިތްހަމަ ޖެހުމެއް އަހަރެންނަކަށް ނުލިބުނެވެ. ނަފުސުގެ މައްޗަށް ގަދަދައްކާނެހާ ހިތްވަރެއް އަހަރެންނަކަށް ނުހޯދުނެވެ. އަހަރެންނާ ހައެއްކަ ފޫޓް ދުރުގައި ގޮނޑިއެއްގައި އިން އަންހެނުންނާ ހަތަރުކަޅި ހަމަކޮށްލެވުމުން އަހަރެންގެ ދެ ލޮލުން ވެސް ހޯސްލާފައި ދެމިގަތީ ކަރުނައެވެ. ތިރީ ތުންފަތުގައި މަތީ ދަތްޕިލާ ޖައްސާލުމަށްފަހު އަހަރެންނަށް ދެ ލޯ މަރާލެވުނެވެ. ހީވީ މަރު އަހަރެންނަށް ގޮވާހެންނެވެ. އަހަރެންގެ ނޭވާގައި މީހަކު ހިފަހައްޓާ ހެންނެވެ. އަހަރެންގެ ވިންދުގައި ހިފައި މީހަކު ތަޅުވާހެންނެވެ. މުޅި މީހާ ތުރުތުރު އަޅަން ފެށިއެވެ. އަހަރެން ހަމައަކަށް އެޅުވޭތޯ ދަރިފުޅު މަސައްކަތް ކުރަން ފެށިއެވެ.

"ތިހާ ބޮޑަށް ހާސްނުވޭ ބައްޕާ! އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ވާނީ ރަނގަޅަށް. ޑޮކްޓަރުން އެބަ ބުނޭ ރަނގަޅު ކުރެވޭނޭ. މިއަށް ވުރެ މާ ބޮޑެތި އޮޕަރޭޝަންތައް ވެސް މި މީހުން އެ ވަނީ ކާމިޔާބުކަމާއެކު ކޮށްފައި. އަނެއްކާ މިކަން ކުރަނީ ޓީމަކުން. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް" ދަރިފުޅު ދިޔައީ އަހަރެން ހިތްހަމަ ޖައްސައި ދެމުންނެވެ. އަންހެނުން ދިޔައީ އަހަރެންގެ ބުރަކަށީގައި ފިރުމަމުންނެވެ.

އޮޕްރޭޝަން ތިއޭޓަރަށް އަހަރެން ވެއްދީ ގަދަ ނޫ ކުލައިގެ ޚާއްޞަ ހެދުމެއްގައެވެ. އެތަނަށް ވަނުމުގެ ކުރިން ދަރިފުޅުގައި އަހަރެންނަށް އޮޅުލައި ގަނެވުނެވެ. ދުރުގައި ހުރި އަންހެނުން ގާތްކޮށްލެވުނެވެ. އެ ވަގުތު ވެސް ދަރިފުޅުގެ ހިތްވަރުގެ ބަސްތައް ތަކުރާރުކުރަމުން ދިޔައެވެ. ވަފާތެރި އަންހެނުންގެ ފިރުމުންތައް އޮހެމުން ދިޔައެވެ. އަންހެނުން ބަޑި ފަޅައިގެން ދިޔައީ އެ ވަގުތެވެ. ނުރޯން ކިތަންމެ ގަދަ ދެއްކިޔަސް ކެތްތެރިކަން ކޮޅުންލީއެވެ. އެ ޖަޒުބަތުތައް ބަންޑުންވީއެވެ.

ދެންވީގޮތެއް އަހަރެންނަކަށް ނޭނގެއެވެ. ހޭ އެރިއިރު އަހަރެންނާ ސުވާލު ކުރަމުން ދިޔައީ އަންހެނެކެވެ. އޭނާ ސުވާލުކުރަމުން ދިޔައީ ދިވެހި ބަހުންނެވެ. މާ ބޮޑު ތަދެއް އިހުސާސް ނުކުރެވުނަސް ހަށިގަނޑު ބަރުހެލި ވެފައިވާކަން އަހަރެންނަށް އިހުސާސް ކުރެވުނެވެ. އެ ބަރުހެލި ކަމުގައި އަހަރެންނަށް އަހައި ލެވުނީ ނިމުނީ ހެއްޔެވެ؟ އެ އަންހެން މީހާ، ބޯ ޖަހާލަމުން ހިނިތުންވެލަމުން ޖަވާބު ދިނެވެ.

އަހަރެން ހޭ އެރިތާ މާ ގިނަ އިރުތަކެއް ނުވަނީސް ދަރިފުޅާ އަންހެނުން އަހަރެންނާ ބައްދަލުވިއެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް އަހަރެންނަށް ލެވުނުހެން ހީވިއެވެ. ހިނިތުންވެފައިވާ އެ ދެ މޫނު ފެނުނު ނަމަވެސް ލެވުނު ފުން ނޭވާއާއެކު އެތެރެ ހަށީގެ ވޭނީ ތަދެއް އަހަރެންގެ މުޅި ހަށިގަނޑަށް ފެތުރިގެންދިޔައެވެ. އެ އިހުސާސާއެކު ދެ ލޯ މަރާލެވުނެވެ. މާގިނަ އިރުތަކެއް ނުވަނީސް އަންހެނުންނާއި ދަރިފުޅު އަހަރެންނާ ވަކިވިއެވެ.

ޑޮކްޓަރުންނާއި ނަރުހުން އަހަރެންނަށް ޚިދުމަތް ދެމުން ދިޔަކަން އަހަރެންނަށް އެނގެއެވެ. އެއިން ކޮންމެ މީހަކު އަހަރެންނަށް ވަރަށް ރަނގަޅެވެ. ޚާއްޞަކޮށް އެކަކު އަހަރެންނަށް ފާހަގަ ކުރެވުނެވެ. އެއީ ހޭ އެރި ވަގުތު އަހަރެންނާ ވާހަކަދެއްކި މީހާއެވެ. އޮޕަރޭޝަން ކުރުމުގައި އެންމެ އިސްކޮށް އުޅުނު މީހާ ވެސް މެއެވެ. އަޖައިބުވީ އޭނާ ދިވެހި ބަހުން ވާހަކަދައްކާތީއެވެ. އެފަދަ މީހަކު އެ ހޮސްޕިޓަލުގައި އުޅޭތީއެވެ. އެކަން އަންހެނުންނާއި ދަރިންނަށް ނޭނގޭތީއެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތު އަހަރެންނާ ދަރިފުޅު ބައްދަލުވީ ދިވެހި މީހާއާ އެކުއެވެ. އެ މީހާ ވަރަށް ހިނިތުންވެގެން ހުރެ ދަރިފުޅާ ވާހަކަދެއްކިއެވެ. އަހަރެންގެ ހާލު ރަނގަޅު ވަމުން އަންނަކަމާއި ހުރިހާ ކަމެއް ވެސް ހީކުރި ގޮތަށް ދާކަމުގައި ބުންޏެވެ.

"މީ ދިވެހި ޑޮކްޓަރެއް ދޯ؟" އަހަރެން ސުވާލުކުރީ އަހަރެންގެ ބޮލުގައި ފިރުމަން ހުރި ދަރިފުޅަށެވެ.

"ރަނގަޅު. މިއީ ދިވެއްސެއް. މި ޑޮކްޓަރު މަސައްކަތް ކުރަނީ މި ތަނުގައި. ބައްޕަ ގާތުގައި ކުރިން އެ ވާހަކަ ނުބުނީ ބައްޕަ ހިތްހަމަ ނުޖެހިދާނެތީ. މި ޑޮކްޓަރާއެކު އިންޑިއާގެ ދެ ޑޮކްޓަރަކު ވެސް އޮޕަރޭޝަން ކުރުމުގައި ހަރަކާތްތެރިވި. ނަމަވެސް އިސްކޮށް ހުރީ މި ޑޮކްޓަރު" ބައްޕަގެ ސުވާލަށް އަހަރެން ޖަވާބު ދިނީމެވެ.

"ރަނގަޅު. އަޅުގަނޑަކީ ދިވެއްސެއް. ދިވެހިރާއްޖޭން ޑޮކްޓަރީކަން ކިޔެވި މީހެއް. އަޅުގަނޑަށް އެނގޭ ތީ ކާކުކަން. މާ ކުރިން ވެސް ދަންނަން. އަޅުގަނޑަކީ ކާކުކަން ވެސް އެނގިލައްވާނެ ކަންނޭނގެ. އަޅުގަނޑަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހިންގި މެޑިކަލް ޑޮކްޓަރުން ތަމްރީނު ކުރާ ކޯހުގެ ފުރަތަމަ ބެޗުގެ ދަރިވަރެއް. އަޅުގަނޑަށް ދިވެހި ކިޔަވައި ވެސް ދެއްވީމެއް ނޫންތޯ؟" ޑޮކްޓަރު ދެއްކި ވާހަކަތަކުން ހަނދާނުގެ ސަފުހާތައް ކެހެމުން މާޒީގެ ތެރެއަށް އަހަރެންގެ ސިކުނޑި ގެނބިގަތެވެ.

"ތިޔައީ އެ ކޯހުގައި އުޅުނު ކުއްޖެއް؟ އެހެންތަ؟ އެކަމަކު އަދި ނަގައެއް ނުގަނެވުނު" އަހަރެންނަށް ބުނެވުނެވެ.

"އަހަރެމެން އެންމެންގެ ނަން ލައިގެން ޅެމެއް ވެސް ހަދާފައި ދެއްވީމު ނޫންތޯ؟ އަޅުގަނޑުމެން ލިޔުނު ލިޔުންތައް ހިމަނައިގެން ފޮތެއް ވެސް އެކުލަވައި ލެއްވީމު ނޫންތޯ؟" ޑޮކްޓަރު އިތުރަށް އޮޅުންފިލުވައި ދެއްވިއެވެ. އެ ވާހަކަތަކުން އެއީ އެ ކޯހުގެ ކުއްޖެއްކަން އަހަރެންނަށް ޔަގީން ކުރެވުނެވެ. ޑޮކްޓަރު ވަނީ އަހަރެންގެ މާޒީއަށެވެ. ކުޅެލީ އަހަރެންގެ އުފާވެރި ހަނދާންތަކާއެވެ. އެ ހަނދާންތަކުގައި އެތައް އިރަކު އޮވެވުނެވެ. ނަމަވެސް އެ ހަނދާންތަކުން ދެން ކުރަން ފެށީ މަލާމާތެވެ. ކުރަން ފެށީ ނަފުސުގެ މޮޔަކަމުގެ ޝަކުވާއެވެ.

ތެދެކެވެ. އަދާހަމައަށް ދިވެހި ޑޮކްޓަރުންނަށް އަހަރެން އިތުބާރެއް ނުކުރަމެވެ. އެ މީހުންނަށް ކަންކަން އެނގޭނެކަމަކަށް ވެސް ގަބޫލެއް ނުކުރަމެވެ. މިފަދަ މޮޅު ޑޮކްޓަރަކު ހުންނާނެ ކަމަކަށް ވެސް ގަބޫލެއް ނުކުރަމެވެ. ނަމަވެސް އަހަރެންނަށް ފަރުވާ އެ ދިނީ ދިވެއްސެކެވެ. އަހަރެން ވެސް ކިޔަވައިދިން މީހެކެވެ. މިއީ ކޮން ކަހަލަ އިއްތިފާގެއް ހެއްޔެވެ؟ އަހަރެންގެ ގަބޫލުކުރުމަކީ ކޮން ކަހަލަ ގަބޫލުކުރުމެއް ހެއްޔެވެ؟ އެ ގަބޫލުކުރުން މި ސިކުނޑީގައި ހަރުލީ ކީއްވެ ހެއްޔެވެ؟ އެހައި ގިނަ ދުވަހު ކިޔަވައިދިން އިރު ވެސް އެ ވިސްނުން ރޯ ނުފިލީ ކީއްވެ ހެއްޔެވެ؟

ބޮލަށް ޖަމާވަމުން ދިޔަ ސުވާލުތަކާއި ޚިޔާލުތަކުން އަހަރެންނަށް ނުކުމެވުނީ ދިވެހި ޑޮކްޓަރު އައިސް އަހަރެންގެ ގާތުގައި މަޑުކޮށްލުމުންނެވެ. އޭނާ ދެއްކީ އޭނާގެ ފޯނެވެ. އޭގައި ވަނީ އެ ކޯހުގެ ހުރިހާ ދަރިވަރުންގެ ނަން ހިމަނައިގެން އަހަރެން ހެދި ކުރު ޅެމެކެވެ. އެ ބައިތުތައް ޑޮކްޓަރުގެ ދުލުން ކިޔައިދިންއިރު ހިތަށް އެރީ އަދި މާ ބޮޑެތި ސުވާލުތަކެކެވެ. އެ ކޯހުން ކިޔެވި ދެން ތިބި ކުދީން ކޮބައި ހެއްޔެވެ؟ އެ ކުދިން ވީ ކޮންތާކު ހެއްޔެވެ؟ އެއިން ކޮންމެ ކުއްޖަކު ވެސް އެހައި މޮޅު ހެއްޔެވެ؟ ހިތުގައި އުފެދުނު ސުވާލުތައް ދުލުން ބޭރުކުރަމުން ދިޔަ ވަރަކަށް ޑޮކްޓަރު ދިޔައީ ޖަވާބު ދެމުންނެވެ. އެއިން ކޮންމެ ޖަވާބަކުން އަމިއްލަ ޒަމީރަށް ދިޔައީ މަލާތްކުރަމުންނެވެ. ނަމަވެސް ހިތުގެ އަޑިން ފަޚުރުވެރި ކަމާއެކު ބުނެވުނެވެ. ދިވެހި ޑޮކްޓަރުން ވެސް ހާދަ މޮޅެވެ. ހާދަ ކުޅަދާނެއެވެ.

(ނިމުނީ)