ގިނަ ބަޔަކު އެންމެ އިންތިޒާރުކުރަމުންދާ ދިވެހި ފިލްމު "40 ޕްލަސް"ގެ ދެ ޓިކެޓް ކުރީގެ ނޫސްވެރިޔާ ލަޔާލް މަނިކަށް، ފޯޓީ ޕްލަސްގެ ޓީމުން ހަދިޔާކޮށްފިއެވެ.

ލަޔާލަށް "40 ޕްލަސް"ގެ ޓީމުގެ ފަރާތުން ޓިކެޓް ހަދިޔާކޮށްފައިވަނީ، ފިލްމުގައި މުހިންމު ރޯލަކުން ފެނިގެންދާ ކުޅަދާނަ އެކްޓަރު އަހުމަދު ސައީދެވެ.

އަންނަ މަހުގެ 5ވަނަ ދުވަހު ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ "40 ޕްލަސް"ގެ ޓިކެޓް އޮލިންޕަހުން ވިއްކަމުންދާއިރު، ފިލްމު އިސްތިހާރުކޮށް މާކެޓްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފިލްމުގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ބުނީ "40 ޕްލަސް"ގެ ދެ ޓިކެޓް ލަޔާލަށް ހަދިޔާކޮށްފައިވަނީ އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުންކަމަށެވެ. އަދި މުނިފޫހިފިލުވުމުގެ ދާއިރާއަކީ އަބަދުވެސް މުޖްތަމައުގެ އެއްބައިވަންތަކަމަށް މަސައްކަތް ކުރާ އިންޑަސްޓްރީއެއްކަމަށެވެ.

"އެއީ ކުޅަދާނަށް ނޫސްވެރިއެއް. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިޔާސީ ކަންކަމުގައި ކުރިއަށްދިޔަ ހިތްވަރުގަދަ ކަނބަލެއް. މިއީ އޭނާގެ ހިތްވަރު ފާހަގަކުރުމާއެކު ކުރިކަމެއް." ޝަފީގު ބުންޏެވެ.

"40 ޕްލަސް"ގެ ޓިކެޓް ލިބެންހުންނާނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 ފެށިގެން 6:00 އަދި ރޭގަނޑު 8:00 ފެށިގެން 10:00އަށެވެ. އަދި ފިލްމު އަޅުވަން ކައިރިވުމުން ޓިކެޓް ވިއްކާ ވަގުތު އިތުރުކުރާނެކަމަށް ޝަފީގު ވަނީ ބުނެފައެވެ.

ޝަފީގު ވަނީ ޓިކެޓް ބުކްކޮށްފައިވާ ފަރާތްތަކުން ވީހާވެސް އަވަހަށް ޓިކެޓް ނެގުމަށް އެދިފައެވެ. އަދި 7384040 މި ނަންބަރަށް އެސްއެމްއެސް ކޮށެގެން އަދިވެސް ޓިކެޓް ބުކްކުރެވޭނެކަމަށް ޝަފީގު ވަނީ ބުނެފައެވެ.

ޝައި ޕްރޮޑަކްޝަންއާއި، ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފެއްދި "ނޯޓީ 40"ގެ ދެވަނަ ބައެއްގެ ގޮތުގައި އުފައްދާ "40 ޕްލަސް" އާއި ގުޅޭގޮތުން ފިލްމުގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު އިތުރަށް ބުނީ މިއީ 2019 ވަނަ އަހަރު ދިވެހި ފިލްމީ ސްކްރީނަށް އަންނާނެ އެންމެ ތަފާތު އެއް ފިލްމަށްވާނެކަމަށެވެ. ޝަފީގް ބުނީ "40 ޕްލަސް"އަކީ ވަރަށް ގިނަ ރަހަތައް އެކުލެވޭނެ ފިލްމެއްކަމަށާ ފިލްމުގައި ތަރިންގެ ފަރާތުން ވަރަށް ކުޅަދާނަ އެކްޓިންއެއް ފެނިގެންދާނެކަމަށެވެ.

މިއީ "ނޯޓީ 40"އެކޭ އެއްގޮތަކަށް ހެއްވާ މަޖާ ވަރަށް ގިނަ ކަންތައްތަކެއް ފެނިގެންދާނެ ފިލްމެއްކަމަށްވެސް ޝަފީގް ވަނީ ބުނެފައެވެ.

ތ. ބުރުނީގައި ބޮޑު ކާސްޓަކާއެކު ޝޫޓްކޮށްފައިވާ މި ފިލްމަކީ ރާއްޖޭގައި އުފައްދާ ފުރަތަމަ ބިރުވެރި ކޮމެޑީއެވެ.