ޒަމާނުއްސުރެ ޑިޕްލޮމަސީގައި އިސްކަންދީފައިވަނީ ގައުމީ މަސްލަހަތަށް ކަމަށާއި، އެހެންނަމަވެސް މޫސުމީ ބަދަލުތަކުގެ މައްސަލާގައި އިންސާނީ މަސްލަހަތަށް އިސްކަންދޭން ޖެހޭ ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ އޮފީހާއި ޔޫރަޕްގެ ބައެއް ޔުނިވަސިޓީތައް ގުޅިގެން މިއަދު ބ އަތޮޅު ދިގުފަރު ރިޒޯޓްގައި "ވޯކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް"ގެ ނަމުގައި ފެށި ދެ ދުވަހުގެ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ކުދި ޖަޒީރާ ގައުމުތަކުގެ ދިފާއުގައި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެއިން މީގެ ކުރިން އިސްނަގާފައިވާ ގޮތުގެ މައްޗަށްވެސް ވަނީ ވާހަކަދައްކަވާފަ އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކާއި ބެހޭ މަޝްވަރާތަކުގައި ކާމިޔާބު ލިބިފައި ނުވަނީ ހަމައެކަނި ބާރުވެރިކަން ނެތިގެން ނޫން ކަމަށެވެ. އެހެންނަމަވެސް ޒަމާންވީ ޑިޕްލޮމެޓިކް އުސޫލުތަކުގައި އާންމުކޮށް އޮންނަނީ އެ ގައުމަކަށް ލިބެން އޮތް ފައިދާއަކަށް ބަލައި އަނެއް ގައުމަށް ދޫދިނުމުގެ އުސޫލު ކަމަށްވެސް ވިދާޅުވި އެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުކުރަނީ ވަކި ގައުމެއްގެ ސަރަހައްދީ އިމުގެ ތެރޭގައި، ވަކި ބަޔަކަށް، ވަކި މިންވަރަކަށް ނޫން ކަމުން، މި އުސޫލުތަކަށް ރިއާޔަތްކޮށް މި މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް މަޝްވަރާތަކުގައި ބައިވެރިވާ ތަޖުރިބާކާރުންނަށް ފާހަގަކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައި އެއް ތަނބު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ބައިނަލްއަގްވާމީ ކްލައިމެޓް ޑިޕްލޮމަސީގައި ރާއްޖެއިން ހުއްޓުމެއް ނެތި އަޑުއުފުލަމުން ގެންދާނެ ކަމަށެވެ. އަދި ފަރަންސޭސިވިލާތުގެ ޕެރިހާއި ޕޮލެންޑްގެ ކެޓޮވިޗްގައި ކުރިއަށް ދިޔަ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ބެހޭ ބަހުސްގައި ރާއްޖެއިން ބައިވެރިވެ، ޕެރިސް އެގްރިމެންޓާއި ކެޓޮވިޗް ރޫލްބުކް އެކުލަވާލުމުގައި ރާއްޖެއިން މުހިއްމު ދައުރެއް އަދާކުރިކަން ވެސް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފަ އެވެ.