ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީން އިއުލާންކުރި އެއްވެސް ދާއިރާއެއް އެހެން ޕާޓީއަކަށް ދޫކޮށްލާފައިނުވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ ޖޭޕީން ފުރަތަމަ އިއުލާންކުރި 36 ބޭފުޅުންނާއި އޭގެ ފަހުން އިއުލާންކުރި 8 ބޭފުޅުންނާއެކު ޖުމްލަ 44 ކެންޑިޑޭޓުން މަޖިލީސް އިންތިޚާބަށް ކަނަޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 39 ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިހާތަނަށް ހުށަހެޅިފައިވާ ކަމަށެވެ. ޖޭޕީން ނަންތައް އިއުލާންކުރި ފަހުން އެއް ބޭފުޅަކު އަމިއްލަގޮތުން ވާދަކުރެއްވުމަށް ނަން އަނބުރާ ގެންދަވާފައިިވާ ކަމަށް ވިދާޅުވިއެވެ. އަލީ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް މިހާރު ހުށަނޭޅި އޮތީ ހަތަރު ބޭފުޅެއްގެ ފޯމު ކަމަށާއި އެފޯމުތައް ވެސް މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅާނެ ކަމަށެވެ.

ޖޭޕީން ބައެއް ކެންޑިޑޭޓުންނަށް ޓިކެޓު ދިނުމަށްފަހު އަނބުރާ އަތުލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އަލީ ސޯލިހު ވަނީ ދޮގުކުރައްވާފައެވެ. އޭނަ ވިދާޅުވީ ޖޭޕީން މިހާތަނަށް އެއްވެސް ބޭފުޅަކަށް ރަސްމީކޮށް ޓިކެޓު ހަވާލުކޮށްފައި ނުވާ ކަމަށާއި އެއްވެސް ބޭފުޅެއްގެ ޓިކެޓު ޖޭޕީން އަނބުރާ އަތުލާފައި ނުވާނެ ކަމަށެވެ. ޕީޕީއެމާއި ޕީއެންސީން ޖޭޕީއަށް ބައެއް ދާއިރާތައް ދޫކޮށް، އަދި ޖޭޕީން އެދެޕާޓީއަށް ބައެއް ދާއިރާތައް ދޫކުރުމަށް ނިންމާފައިވާ ކަަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ވެސް ހަގީގަތެއް ނޫން ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

"44 ފަރާތެއްގެ ނަން އަޅުގަނޑުމެން ނޮމިނޭޓްކޮށްފައި އޭގެ ތެރެއިން 39 ބޭފުޅެއްގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުނީމަ ދެން ކޮބާތޯ އަޅުގަނޑުމެންނަށް ދޫކުރެވިފައި. ތިވިދާޅުވާ ބޭފުޅުން އެކިގޮތްގޮތަށް މީޑިއާގައި ވާހަކަދައްކަވާފައި ހުންނަތަން އަޅުގަނޑުމެންނަށް ވެސް ފެންނަނީ. މީޑިއާ ރިޕޯޓުން ކަންކަން ހާސިލްކުރާނަމަ ވަރަށް ފުރިހަމައަށް ހާސިލްވެފައި އޮންނާނީ. ޖޭޕީން ޚާއްސަކޮށް ގާސިމް އިބްރާހީމް މިހާތަނަށް މަޝްވަރާއެއް ކުރައްވާފައި ނުވަތަ ސިއްރިޔާތުގައި އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ" އަލީ ސޯލިހު ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ގާސިމް އިބްރާހީމަކީ އަބަދުވެސް ސާބިތުކަމާއެކު ހުންނަވާ ބޭފުޅެއް ކަމަށާއި ރައީސް ޔާމީނާއެކު މަޝްވަރާއެއް ކުރައްވާފައި ނޯންނާނެ ކަމަށެވެ. އަދި މަޝްވަރާ ކުރަންޖެހޭ ހާލަތެއްވެސް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ޖޭޕީއަކީ ވަރަށް ހުޅުވާލެވިފައިވާ ޕާޓީއެއް ކަމަށާއި ވާހަކަދައްކަންޖެހޭ ކޮންމެ ބަޔަކާ ވާހަކަދައްކާނެ ކަަމަށް ކެންޑިޑޭޓުން އިއުލާންކުރެވުނު ރޭ ގާސިމް ވިދާޅުވި ނަމަވެސް މިހާތަނަށް އެއްވެސް ބަޔަކާ ޖޭޕީން އެފަދަ ވާހަކައެއް ދައްކާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ މިފަދަ ވާހަކަތައް ދައްކަނީ ސިޔާސީ މަންފާތަކެއް ހާސިލްކުރުމަށް ކަމަށެވެ. ނަމަވެސް ޖޭޕީގެ ކެންޑިޑޭޓުން ނުކުންނަ ދާއިރާތައް ބަޔަކު ދޫކޮށްލާނަމަ އެއީ ޖޭޕީން ނުކުންނަ ކެންޑިޑޭޓުން ކާމިޔާބު ހޯދާނެކަން އެގޭތީ ކުރާ ކަމެއްގެ ގޮތުގައި އަލީ ވަނީ ސިފަކުރައްވާފައެވެ. ޖޭޕީން ނެރެފައިވާ ކެންޑިޑޭޓުންނަށް ކާމިޔާބު ހޯދުމަށް މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ހައްގު އެޕާޓީއަށް އޮންނާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޖޭޕީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ މަސްލަހަތުގައި ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ ޖޭޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށެވެ. އަދި ކެންޑިޑޭޓުންނަށް ރަސްމީކޮށް ޓިކެޓު ހަވާލުކުރުމުގެ ރަސްމިއްޔާތު ވަރަށް އަވަހަށް ބާއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.