މަގުތަކަށާއި އާންމު ތަންތަނަށް ކުނިއަޅާ މީހުން ދެނެގަންނަން ފެށި މަސައްކަތުން މިހާތަނަށް 957 މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ އެންވާރަމަންޓް ޕޮލިސް އުފައްދައި ފެށި މަސައްކަތްތަކަކީ ކުއްލިއަކަށް ފެށި މަސައްކަތްތަކެއް ކަމުން ދަތިތަކެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެ ދަތިތަކާ އެކުވެސް ކާމިޔާބު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެންވަަޔަރަމަންޓް ޕޮލިސްގެ މަސައްކަތުން މިހާތަނަށް 957 މީހަކު ދެނެގަނެވިފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ބަޔަކަށް މިހާރު ވަނީ ނަސޭހަތްދެވިފައި ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އެގޮތުން މަގުތަކަށާއި އާންމު ތަންތަނަށް ކުނިއެޅި މީހުންގެ ތެރެއިން 146 މީހަކަށް ސްލިޕް ދީފައިވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ. އަބްދުﷲ ރަޝީދު ވިދާޅުވީ ގޭބިސީތަކުން 323 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. ފިހާރަތަކުން 141 މީހަކަށާއި ސައި ހޮޓާތަކުން 24 މީހަކަށާއި އަދި އިމާރާތްކުރާ ތަންތަނުން އުކާލާ ކުނީގެ ސަބަބުން 704 ތަނަކަށްވެސް ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި ކުންފުނިތަކުން 37 ތަނަކަށް ނަސޭހަތް ދީފައިވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.