ގދ.ވާދޫ ދަނޑުތަކާއި ގަސްތަކުގައި އާދަޔާ ޚިލާފަށް 'ފިނިހަކަ' އާލާވަމުންދާތީ އެކަން ހުއްޓުވުމަށް ރަށު ފެންވަރުގައި މަސައްކަތް ފަށައިފިއެވެ.

ވާދޫ ކައުންސިލް ރައީސް މުހައްމަދު އިބްރާހިމް ދީދީ ވިދާޅުވީ ރަށުގައި ގިނަ އަދަދަކަށް ފިނިހަކަ އިތުރުވެ ދަނޑުތަކުގަޔާއި ގެތަކުގައި ހައްދާފައިފައި ހުރި ގަސްތަކަށް ބޮޑެތި ގެއްކުންތަކެއް ލިބެމުންދާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން މި މައްސަލައިގައި ސާވޭ ކުރި ކަމަށާއި ފިނިހަކަ ނައްތާލުމަށް ރަށު ތެރެއަށް ދެފަހަރެއްގެ މަތިން ފަނިތަކެއް ދޫކުރި ކަމަށްވެސް މުހައްމަދު ވިދާޅުވިއެވެ. އެހެންނަމަވެސް ފާއިތުވެގެންދިޔަ 8 މަސް ދުވަހުގެ ތެރޭގައި ފިނިހަކަ ކޮންޓްރޯލް ނުކުރެވުނު ކަމަށާއި އޭގެ އުނދަގޫ ރައްޔިތުންނަށް ބޮޑުވެފައިވާ ކަމަށް މުހައްމަދު ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ ފިނިހަކަ ނައްތާލުމަށް މިހާރު ރަށުގައި ހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއްގެ އިތުރަށް ސްކޫލާ ގުޅިގެން ފިނިހަކަ ހޮވާ މުބާރާތެއް ފަށާއިފައިވާ ކަމަށެވެ. މުހައްމަދު ވިދާޅުވީ ބުރާސްފަތި ދުވަހުގެ ހަވީރު 5 އިން ހުކުރު ދުވަހުގެ ހަވީރު 4 އަށް މިމުބާރާތް ކުރިއަށްދާނެ ކަމަށެވެ. ޓީމްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި އެންމެ ގިނައިން ފިނިހަކަ ހޮވާ ޓީމަކަށް 5000 ރުފިޔާ، ދެވަނައަށްދާ ޓީމަކަށް 3000 ރުފިޔާ، އަދި ތިން ވަނައަށްދާ ޓީމަކަށް 2000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ކައުންސިލުން ހިންގާ މުބާރާތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މުހައްމަދު ވިދާޅުވީ މިމުބާރާތުގެ ސަބަބުން ރަށުތެރެއިން ވަރަށް ބޮޑަށް ފިނިހަކަ މަދުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.