ގއ. ވިލިގިލީގައި މަރުވެފައި އޮއްވާ ފެނުނު ހުސައިން ސިމާދުގެ މަރުގެ މައްސަލާގައި އޭނާ މަރުވެފައި އޮއްވާ ފެނުނު ހަރުގެ ބަލަހައްޓާ މީހާގެ ބަޔާން ފުލުހުން ނަގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަރުގެ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވެ ހުރީ އުމުރުން ގާތްގަނޑަކަށް 50 އަހަރުގެ ސައީދު ހަސަނެވެ. ސިމާދު މަރުވެފައި އޮއްވައި އެންމެ ފުރަތަމަ ފެނިފައިވަނީ ވެސް ސައީދަށެވެ. އެނގިފައިވާ ގޮތުގައި ސައީދުގެ ބަޔާން ފުލުހުން ނަގާފައިވަނީ މީގެ ދެ ދުވަހެއްވަރު ކުރިންނެވެ.

38 އަހަރުގެ ސިމާދަކީ ވިލިނގިލި މީހަކާ ކައިވެނިކޮށްގެން އެރަށުގައި ދިރިއުޅެމުންދާ އައްޑޫއަށް ނިސްބަތްވާ މީހެކެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނީ މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުން ޒަހަމްތަކެއް ފެންނަން ހުރި ކަމަށާއި ހަށިގަނޑު އެކި ދިމާލުގައި ފިހިފައި ހުރި ކަމުގެ ނިޝާން ހުރި ކަމަށެވެ.

ސިމާދު މަރުވެފައިވަނީ ހަރުގޭގައި ޖަހާފައި ހުރި ކަރަންޓު ދަންތުރައެއްގައި ޖެހިގެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ހުސައިން ސިމާދަކީ ހުސްވި އަހަރުގެ ޑިސެމްބަރު މަހު ބެންކް އޮފް މޯލްޑިވްސްގެ ގއ. ވިލިނގިލީ ބްރާންޗް ފަޅާލި ކަމަށް ތުހުމަތުކޮށް ފުލުހުންގެ ތަހުގީގަށް ގެންގޮސްފައިވާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގަށްފަހު ކްރިމިނަލް ކޯޓުގެ އަމުރަށް ފުލުހުން ވަނީ ސިމާދު ދޫކޮށްލާފައެވެ.