ރަޝިއާގެ ޕްރޮވިންސެއް ކަމަށްވާ ސައިބީރިއާގެ ބައެއް ސަރަހައްދުތަކަށް ކަޅުކުލައިގެ ސްނޯ ފައިބަން ފަށައިފިއެވެ. ކެރެމޯފޯގެ ނަން ދީފައިވާ މި ސަރަހައްދުގެ ފޮޓޯތަކާއި ވީޑިއޯތަކަށް ބަލާލާއިރު ފެންނަނީ ކަޅުކުލައިގެ ސްނޯގެ ސާލެއް މުޅި ތަނަށް ފެތުރިފައިވާ މަންޒަރެވެ. މިއީ، ބަލައިލާން ކިތަންމެ ރީތި މަންޒަރެއް ނަމަވެސް، މިއީ އެ ސަރަހައްދުގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ކަމެކެވެ.

ކެރެމޯފޯއަކީ ބޯޓުދެލި ނަގާ މައިންތަކެއް ނުވަތަ ވަޅުތަކެއް ހުންނަ ސަރަހައްދެެކެވެ. މިއީ ރަޝިއާގެ ބޯޓުދެލި ނަގާ މައި ސަރަހައްދެވެ. އަދި، މި ސަރަހައްދުގައި ގިނަ އަދަދެއްގެ ބޯޓުދެލި ނަގާ މައިންތައް ހުރެއެވެ.

"ވާ ގޮތަކީ، ބޯޓުދެލި ނަގާ މައިންތަކުން ބޯޓު ކުނޑި ވައިގެ ތެރެއަށް ފެތުރިފައި ހުންނަނީ. އެ ސަރަހައްދުގެ ވައި މުޅީން ވަނީ މި ކުނޑިތަކުން ފުރިފައި. އަދި، ސްނޯ ފޭބީމަ އޭގެ ކުލަ ފެންނަނީ،" ތިމާވެށި ހިމާޔަތްކުރާން މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ "އިކޯ ޑިފެންސް"ގެ ފަރާތުން ވްލާޑިމިއަރ ސްލިވިއެކް ބުންޏެވެ.