އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރި ތަހުގީގުގެ ރިޕޯޓު އާންމު ކުރަން ނިންމީ ސިޔާސީ ގޮތުން ސަރުކާރަށް އައި ބަދަލަށް ބަލާފައި ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އޭސީސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރސީގެ ރިޕޯޓަކީ ގައުމުގެ މަސްލަހަތާއި ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެއް ކަމުގައެެވެ. އެމްއެމްޕީއާރްސީގެ މައްސަލާގައި ސިޔާސީ ގިނަ ފަރާތްތަކަކާއި އާންމުންގެ ވެސް ވަރަށް ބޮޑު ފާޑުކިޔުންތަކެއް އޭސީސީއަށް އަމާޒުވެފައިވާ ކަމަށެވެ.

އަދި ސިޔާސީ ގޮތުން އައި ބަދަލާއި ގުޅިގެން ދައުލަތުގެ ކަމާ ބެހޭ ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންވެސް އޭސީސީއަށް އަމާޒުވެގެން ގޮސް އެކި ފަރާތްތަކުން އެކި ގޮތަށް ދައްކަމުން ދިޔަ ވާހަކަތަކާ ގުޅިގެން މި މައްސަލައިގެ ސާފު ރިޕޯޓެއް ހާމަކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭސީސީއަށް ގަބޫލު ކުރެވުނީ ކަމަށް ވިދާޅުވިއެވެ.

މުއައްވިޒު ވިދާޅުވީ ގިނަ ފަރާތްތަކަކުން ފާޑު ކިޔަމުންދާއިރު އޭސީސީން އެ ރިޕޯޓު ހާމަނުކޮށް ސިއްރު ކޮށްފައި ބޭއްވީ ކަމަށް ބުނަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި 2017 ވަނަ އަހަރު ރިޕޯޓު ނިންމުމަށް ފަހު އޭރު ސަރުކާރުގެ ކަމާ ބެހޭ ހުރިހާ އިދާރާއަކަށް ފޮނުވާފައި ވާނެ ކަމަށް މުއައްވިޒް ވިދާޅުވިއެވެ.

އޭގެ ތެރޭއިން ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހާއި ބަންޑާރަ ނާއިބުގެ އޮފީސް އަދި ފިނޭންސް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީއާ ރިޕޯޓު ހިއްސާކޮށްފައިވާކަން މުއައްވިޒް ވަނީ ފާހަގަކުރައްވާފައެވެ.

މުއައްވިޒު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލައަށް ވާއިރު އެއީ އެސީސީންވެސް ތަހުގީގު ކުރުމަށް މިހާތަނަށް އެންމެ ބޮޑު މަސައްކަތެއް ކޮށްފައިވާ މައްސަލަ ކަމުގައެވެ.

މައްސަލަ ތަހުގީގު ކުރަން ފެށީ އެކަމުގައި ކޮރަޕްޝަން ހުރި މިންވަރު ބެލުމަށް ކަމަށް ވިދާޅިވިއެވެ. އެހެންނަމަވެސް ތަހުގީގުތަކުގެ ތެރެއިން އިތުރު ވަރަށް ގިނަ މައްސަލަތައް ފާހަގަވެފައިވާ ކަމަށާއި އެގޮތުން މަނީލޯންޑަރިންގެ އިތުރަށް ފޯޖަރީއާ ގުޅުން ހުރި ކަންތައްތަކެއްވެސް ފާހަގަވެފައިވާ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.

މިފަދަ ގިނަ ކަންތައްތަކެއް މި މައްސަލައިގައި ހުރިއިރު އެކަމާއި ގުޅުން ހުރި ރިޕޯޓު އާންމުކޮށްފައި ވާނީ އެފަަދަ ހުރިހާ ކަމަކަށް ވިސްނައި ގައުމުގެ މަސްލަހަތަށްވެސް ބަލާފައި ކަމަށް މުއައްވިޒު ވަނީ ވިދާޅުވެފައެވެ.