ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރާއްކާތެރިކަމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއާއި އެމެރިކާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ

ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ސޮއިކުރެއްވި މި އެއްބަސްވުމުގައި އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޔޫ.އެސް ސްޓޭޓް ޑިޕާޓްމަންޓްގެ ޕްރިންސިޕަލް ޑެޕިއުޓީ ކޯޑިނޭޓަރ އޮން ކައުންޓަރ ޓެރަރިޒަމް، އެލީނާ ރޮމޮނޮސްކީއެވެ.

މިކަމަށްޓަކައި ޔޫ.އެސް ސްޓޭޓް ޑިޕާޓްމަންޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ޓެރަރިޒަމަކީ ބައިނަލްއަޤްވާމީ ބޮޑު މައްސަލައަކަށް ވާއިރު އެކަން ހުއްޓުވުމަށް ދުނިޔޭގެ ފެންވަރުގައި ހުރިހާ ޤައުމަކުންވެސް އިސްނަގައިގެން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މި މަސައްކަތަށް އެމެރިކާއިން ދޭ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ޔޫ.އެސް ސްޓޭޓް ޑިޕާޓްމަންޓްގެ ޕްރިންސިޕަލް ޑެޕިއުޓީ ކޯޑިނޭޓަރ، އެލީނާ ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ ރާއްޖޭގެ ގާނޫނު ތަންފީޒްކުރާ އިދާރާތަކުން ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމާއި، ދިވެހިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުމީހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި ގާއިމްކުރެވުނު މި އެއްބަސްވުމުގައިވާ ކަންކަމަށް އަލިއަޅުވާލައި އެކަންކަން ތަންފީޒު ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އަދި އެ އެއްބަސްވުމުގައިވާ ކަންކަން ތަންފީޒު ކުރުމަށް އެންމެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަންވެސް ވަނީ އަރުވާފައެވެ.

އެމެރިކާއާއި ރާއްޖެއާއި ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ތަންފީޒީ އިދާރާތަކަށް ބޭނުންވާ މުހިއްމު ތަމްރީނުތައް ދިނުމާއި، ގޮވާ ޒާތުގެ ތަކެތި ދެނެގަންނަ ޑޯގް ސްކޮޑެއްގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީ އެޑްވައިޒަރަކު ވެލާނާ އިންޓަރަނޭޝަނަލް އެއާޕޯޓުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.