ޔޫތު ލީޑަރސް ނެޓްވޯކްގެ މިދައުރުގެ ފުރަތަމަ މަސައްކަތު ބައްދަލުވުން ފަށައިފިއެވެ.

ހއ.ހޯރަފުށީގައި ކުރިއަށްދާ މިބައްދަލުވުން އިފުތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ހއ.އަތޮޅުގެ ރަށްތަކުން ޒުވާނުން ބައިވެރިވާ މިބައްދަލުވުން ކުރިއަށް ގެންދަނީ "ޒުވާނުންނާއި މީޑިއާ" މިޝިއާރުގެ ދަށުންނެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިމަސައްކަތު ބައްދަލުވުމުގައި މީޑިއާގެ ދާއިރާއާއި، ދީނީ އިލްމާއި، ތާރީޚާއި، ސަގާފަތް ހިމެނޭގޮތަށް މައިގަނޑު ހަތް ސެޝަނެއް ވަނީ ހިމަނާފައެވެ. އެދާއިރާތަކުން ޒުވާނުންނަށް މައުލޫމާތު ދިނުމަށް ތަޖުރިބާކާރުން ބައިވެރިވެއެވެ.

މިމަސައްކަތު ބައްދަލުވުމުގައި ހިމެނޭ ބައިތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ނޫސްތަކުގެ މައުލޫމާތު ދިނުމާއި، ޒުވާނުންގެ މެދުގައި ދީނީ އަގީދާ ހަރުދަނާ ކުރުމަށް މައުލޫމާތު ދިނުމާއި، ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމާއި، ދިވެހި ސަގާފަތާއި އާދަކާދަތައް ގެއްލިގެން ނުދާނެގޮތް ހޯދުން ފަދަ ބައިތައް ހިމެނެއެވެ.

މިޕްރޮގްރާމްގެ ބޭނުމަކީ ހަރުދަނާ ޒުވާނުން ބިނާކުރުމަށް އެހީތެރިވެދިނުމެވެ. އަދި ޒުވާނުންނަކީ އެއްބައިވަންތަ، މައުލޫމާތު މުއްސަނދި، ދިވެހި ތާރީޚާއި، ސަގާފަތަށް ޝައުގުވެރި ބަޔަކަށް ހެދުމެވެ.

ހޯމް މިނިސްޓްރީން ބުނީ މިމަސައްކަތު ބައްދަލުވުމުގެ ތެރެއިން ޒުވާން އިސްވާރުންގެ ވިއުގަ ފުޅާކުރެވޭނެ ކަމަށެވެ. މިމަސައްކަތު ބައްދަލުވުމުގައި ހަތް ރަށަކުން 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެއެވެ. މަސައްކަތު ބައްދަލުވުމުގައި ދަރިވަރުންނާއި ޒުވާނުންގެ ބައި ކުރިއަށްގެންދަނީ ވަކިންނެވެ.

ޔޫތު ލީޑަރސް ނެޓްވޯކަކީ ހޯމް މިނިސްޓްރީން ކުރިއަށްގެންދާ ނެޓްވޯކެކެވެ.