ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މިލްކިއްޔާތުގައި ހުރީ، 5.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަން އެމަނިކުފާނުގެ މާލީ ބަޔާނުން ދައްކައިފި އެވެ.

އޭޕްރީލް މަހު ބާއްވާ ރައްޔިތުން މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކަންޑިޑޭޓުން މާލީ ބަޔާން އެމްޑީޕީން ވަނީ ހާމަކުރަން ފަށާފައެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި އަލަށް އުފެއްދި މައްޗަށްގޮޅި މެދު ދާއިރާއަށް ކުރީގެ ރައީސް ނަޝީދު ނިކުންނަވާ އިރު އެމަނިކުފާނުގެ މާލީ ބަޔާންވެސް ވަނީ އާއްމު ކުރައްވާފައެވެ. އެގޮތުން އާއްމުކޮށްފައިވާ މާލީ ބަޔާނުން ދައްކާގޮތުގައި، ކުރީގެ ރައީސް ނަޝީދަށް އާއްމުދަނީގެ ގޮތުގައި ލިބިވަޑައިގަންނަވަނީ، ކުރީގެ ރައީސުންނަށް ދެއްވާ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ އެއް ލައްކަ ރުފިޔާ އެވެ.

ނަމަވެސް އެ ފައިސާވެސް ރައީސް ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، މާޗް 13، 2015 ގައި ހުކުމަށް ވޭތުވެދިއަ 4 އަހަރު ލިބިވަޑައިގެންފައެއް ނުވެއެވެ. އެ އިނާޔަތްތައް ރައީސް ނަޝީދަށް ލިބިވަޑައިގަންނަވަން ފެއްޓެވީ، ނިމިދިއަ ރިޔާސީ އިންތިޚާބަށްފަހު ރައީސް ނަޝީދު މާލެވަޑައިގެންފަހުން، ސުޕްރީމްކޯޓުން އެމައްސަލަ ބާތިލްކޮށް އަދި މަޖިލީހުން މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ރައީސް ނަޝީދުގެ މުސާރަ އާއި އިނާޔަތްތައް ހިމެނުއްވުމުންނެވެ.

ރައީސް ނަޝީދުގެ މާލީ ބަޔާނުގައިވާ ގޮތުން، ދެން އެމަނިކުފާނު މާލިއްޔަތު ހުރީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި، އިނގިރޭސި ވިލާތުގެ ލޮއިޑްސް ބޭންކުގެ އިތުރަށް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ހަތަރު އެކައުންޓަކަށް ޖަމާކޮށްފައިވާ ފައިސާ އެވެ. އެގޮތުން އެ ހަތަރު އެކައުންޓުގައި 5،462،190.27ރ. ހުރިކަމަށް ދައްކަ އެވެ.

މީގެ އިތުރަށް ނަޝީދުގެ މާލީ ބަޔާނުގައިވާ ގޮތުން އެމަނިކުފާނުގެ ދެ ބަންޑާރަ ގޯތި އޮވެއެވެ. އެއީ ލ. ގަމުގައި 4،700 އަކަފޫޓުގެ ބަންޑާރަ ގޯއްޗަކާއި، އަދި 2،000 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް ކ. ތުލުސްދޫގައި އޮންނަ ގޯއްޗެކެވެ.

ރައީސް ނަޝީދުގެ މާލީ ބަޔާން ހާމަކުރައްވާފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ އެމްޑީޕީގެ 86 ކެންޑިޑޭޓުންގެ ތެރެއިން، 80 ބޭފުޅެއްގެ މާލީ ބަޔާން މިހާތަނަށް ވަނީ ހާމަކުރައްވާފައެވެ.