އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާއިން ބައެއް ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏެއްގެ އެކައުންޓަކަށް ޖަމާކޮށްފައިވާތީ އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އަމިއްލައަށް އެދިވަޑައިގެންފި އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފް އެކައުންޓުން މައުސޫމްގެ ދެ ކުންފުންޏަކަށް ވަނީ 6.1 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. އެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މައުސޫމް ގޭގައި މަޑުކުރައްވަން އަންގަވާފަ އެވެ.

މިމައްސަލާގައި މައުސޫމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެއްވެސް މުއާމަލާތަކީ ކޮރަޕްޝަންގެ އަމަލެއްކަން ނުވަތަ ނޫންކަން އަދި އެއްވެސް މުއާމަލާތަކީ ގާނޫނާ ހިލާފު މުއާމަލާތެއްކަން ނުވަތަ ނޫންކަން އޭސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައި ނުވާ ކަމަށެވެ. އެއިން އެއްވެސް ކަމަކާ ގުޅޭ ގޮތުން އޭސީސީން މިހާތަނަށް އޭނާއާ އެއްވެސް ސުވާލެއްކޮށް ބަޔާނެއް ވެސް ނަގާފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ. އޭސީސީގެ ރިޕޯޓުގެ ސަބަބުން އާންމު ރައްޔިތުންގެ ތެރޭގައި އޭނާއާ ދޭތެރޭ ނުބައި ތަސައްވުރެއް އުފެދިދާނެ ކަމަށާއި އެކަމަކު ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް އަމަލެއް ކުރައްވާފައި ނުވާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

މައުސޫމް އިތުރަށް ވިދާޅުވީ ބައެއް ނޫސްތަކުގައި އޭނާ އަކީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރެއް ކަމުގައި ބަޔާން ކޮށްފައިވީ ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. މީގެ 20 އަހަރު ކުރިން އެ ކުންފުނީގައި އޮތް އޭނާގެ ހިއްސާ އެހެން ފަރާތަކަށް ބަދަލުކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ކޮރަޕްޝަންގެ ފައިސާ ޖަމާވެފައިވާ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ހަތަރު ބޭފުޅަކަށް ގޭގައި މަޑު ކުރައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އަންގަވާފަ އެވެ.

މީގެތެރޭގައި ހިމެނެނީ މައުސޫމްގެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ކަމާލުއްދީނާއި، އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރު އާޒިމް އެވެ.

ގޭގައި މަޑުކުރައްވަން މައުސޫމަށް އެންގެވިއިރު އޭނާ އަކީ އެމްޑީޕީ އުފެއްދުމުގެ މަރުހަލާއިން ފެށިގެން މިއަދާ ހަމައަށް ވެސް އެ ޕާޓީއަށް އެންމެ ބޮޑަށް ހަރަދު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ކަމަށް އެނގިފައިވެ އެވެ. އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ވެސް މައުސޫމް ހިމެނިވަޑައިގަންނަވަ އެވެ.