ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި 403 ފޯމުގެ ތެރެއިން އެ ކޮމިޝަނުން ބަލައިގަތީ 395 ފޯމު ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މިއަހަރު ބާއްވާ މަޖިލިސް އިންތިހާބަށް ކުރިމަތިލާން ހުށަހެޅި ފޯމުތަކުގެ ތެރެއިން ހަ ފަރާތެއްގެ ފޯމު ބަލައިގެންފައި ނުވާނެ ކަމަށެވެ. އަދި ދެ ފަރާތަކުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް މިފަރާތްތަކުގެ މައުލޫމާތު ޝަރީފް ހާމަކުރައްވާފައެއް ނުވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު މައުލޫމާތު ދިން ގޮތުގައި ވެރިކަން ކުރާ ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ވަނީ ނިލަންދޫ ދާއިރާ ފިޔަވާ ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރެފަ އެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރަން 41 ފަރާތަކުން ކުރިމަތިލިއިރު އަދާލަތު ޕާޓީން ކުރިމަތިލާފައިވަނީ ނުވަ ދާއިރާ އަކަށެވެ. އަދި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން 54 ކެންޑިޑޭޓަކު ވަނީ ކުރިމަތިލާފަ އެވެ. އެއީ ޕީޕީއެމްގެ 26 ކެންޑިޑޭޓުންނާއި ޕީއެންސީގެ 23 ކެންޑިޑޭޓުންނާއި ޑީއާރްޕީގެ 5 ކެންޑިޑޭޓެކެވެ.

މީގެއިތުރުން އެމްޑީއޭއާއި އެމްޓީޑީން ވެސް ކޮންމެ ޕާޓީއަކުން 8 ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅުއްވާފައިވާއިރު ލޭބާ ޕާޓީން ވަނީ 9 ކެންޑިޑޭޓަކު ކުރިމަތިލާފަ އެވެ. އަމިއްލަ ގޮތުން 186 ބޭފުޅަކު އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައިވާއިރު މީގެތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު ވާދަކުރައްވާ 24 ބޭފުޅަކު ހިމެނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

ޝަރީފް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ބަހައްޓަން ނިންމާފައިވަނީ 507 ވޯޓު ފޮށި ކަމަށެވެ. އެއީ މާލެ ރައްޔިތުން ވޯޓުލުމަށް މާލޭގައި 59 ފޮށި، މާލޭގައި އުޅޭ އަތޮޅުތެރޭގެ ރައްޔިތުންނަށް 82 ފޮށި، އަތޮޅުތެރެއާއި އެހެން ސިޓީތަކުގައި 306 ފޮށި، ރިސޯޓުތަކުގައި 39 ފޮށި، ސިނާއީ ސަރަހައްދުތަކުގައި 4 ފޮށި، ޖަލުތަކުގައި 5 ފޮށި، އަދި ރާއްޖެއިން ބޭރުގައި 12 ފޮށްޓެވެ.

އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި 264589 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ.