ލިކަމެކް ކުންފުނިން އިންތިޒާމުކޮށްގެން ބާއްވަން ނިންމާފައިވާ ނައިޓްމާކެޓަށް ދޫކުރި ހުރިހާ މޭޒެއް ވިކި ހުސްވެއްޖެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

"ލިކަމެކް ނައިޓް މާކެޓް 2019" މިނަމުގައި އަންނަ އޭޕްރިލްމަހު ދަރުބާރުގޭގައި ބެއްވުމަށް ހަމަޖައްސާފައިވާ މި ނައިޓްމާކެޓް އިންތިޒާމުކުރާ ފަރާތުން ބުނީ، މި ނައިޓްމާކެޓުގައި ބަހައްޓަން ހަމަޖެހިފައިވަނީ 218 މޭޒު ކަމަށެވެ. އަދި އެހުރިހާ މޭޒެއް މިހާރު ވިކި ހުސްވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މޭޒުތައް ގަތް ފަރާތްތަކަށް ފާސް ދޫކުރަން ހަމަޖެހިފައިވަނީ އަންނަ މާޗްމަހުގެ 28 ވަނަ ދުވަހު ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މި ނައިޓްމާކެޓް ބައްވަން ނިންމާފައިވަނީ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް 10 ދުވަހުގެ މުއްދަތަކަށެވެ. މާކެޓް ބޭއްވުމަށް ނިންމާފައިވަނީ ކޮންމެ ދުވަހަކުވެސް ހެނދުނު 10 އަކުން ރޭގަނޑު 23:00 އަށެވެ.

އާންމުގޮތެއްގައި މާލޭގައި މިފަދަ ނައިޓްމާކެޓުތައް ބާއްވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ކަމަށްވާއިރު އެފަރާތުން އެފަދަ އިވެންޓެއް މާލޭގައި ނުބާއްވާތާ މިހާރު ވަނީ ދެއަހަރު ވެފައެވެ.

ލިކަމެކުން މި ނައިޓްމާކެޓް ބޭއްވުމަށް ނިންމުމުން ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ އެކަމާމެދު ނުރުހުން ފާޅުކޮށް އެފަދަ ކަމެއް ޖަމިއްޔާގެ ހުއްދައާއި ނުލައި ނުބެއްވޭނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެކަމާގުޅިގެން ލިކަމެކުން ބުނެފައިވަނީ އެފަދަ ހުއްދައެއް ހޯދަންޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.