ބޮލީވުޑްގެ އެކްޓަރު ރަންވީރް ސިންގްގެ އެންމެ ފަހުން ރިލީޒްކުރި 3 ފިލްމުވެސް ވެގެން ދިޔައީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ސުޕަހިޓް ފިލްމުތަކަކަށެވެ.

ރަންވީރް މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު އެއިޓީ ތްރީއަށް ތައްޔާރުވަމުންނެވެ.

އެއިޓީ ތްރީ (83) އަކީ 1983 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް އިންޑިއާއިން ކާމިޔާބުކުރި ވާހަކަ ބޮޑު ސްކްރީނަށް ގެނެސްދޭނެ ފިލްމެކެވެ. ފިލްމުގައި ރަންވީރް އަދާކުރާނީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ އޭރުގެ ކެޕްޓަން ކަޕިލް ދޭވްގެ ރޯލެވެ.

މި ރޯލަށް ރަންވީރް ވަނީ ޓްރެއިނިން ފަށާފައި ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ކުރިން ރިޕޯޓްކޮށްފަ އެވެ. ސީދާ ކަޕިލް ދޭވްއާ އެކު ރަންވީރް ކުރިއަށް ގެންދިޔަ ޓްރެއިނިން މެދުކަނޑާލީ މިހާރު ބޮކްސް އޮފީހުގައި ދައްކަމުންދާ ރަންވީރްގެ ގަލީ ބޯއިގެ ޕްރޮމޯޝަން ފެށުމުންނެވެ.

ގަލީބޯއި ރިލީޒްކޮށް ފިލްމަށް ބޮޑު ކާމިޔާބެއް ލިބިފައިވާއިރު ރަންވީރް އަނެއްކާވެސް ކަޕިލްއާއެކު ކްރިކެޓް ޓްރެއިނިން ފަށައިފި ކަމަށް އިންޑިއާގެ ނޫސްތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.