މަންނާނު ވިސްނަމުން ދިޔައީ އޭނާގެ ހަޔާތާމެދުއެވެ. އެ ހަޔާތް އެފުށް މިފުށަށް ޖެހުނު ހާދިސާއާމެދުއެވެ. ނަމަވެސް އެ ހާދިސާ ހަނދާނަށް ގެނެސްގެން މަންނާނަށް ކުރެވޭނެ ކަމެއް މިއަދަކު ނެތެވެ. ވަގުތު އެވަނީ ފާއިތުވެފައެވެ. މާޒީގެ ތެރެއިން ގެއްލި މާ ދުރަށް އޮބާލާފައެވެ. އެ މާޒީން މަންނާނަށް އުނދަގޫ ކުރެއެވެ. މަލާމާތް ވެސް ކުރެއެވެ. އަމިއްލަ ވަޒަން ދޫކޮށްލައި އެހެން ފަސްގަނޑެއްގައި އުޅުނު އެހެން މީހަކު ދުނިޔޭގައި ހުންނާނެ ހެއްޔެވެ؟ އެފަދަ މަޖުބޫރުކަމެއް ދިމާވީ އެހެން އިންސާނަކު ދުނިޔޭގައި އުޅޭނެ ބާއެވެ؟ ގައިމު ވެސް ވާހަކަތަކުގައި އެފަދަ މީހުން އުޅެއެވެ. ފިލްމުތަކުން އެފަދަ ޝަޚުސިއްޔަތުން ފެނެއެވެ. އެކަމަކު މަންނާނު ފަދަ މީހަކު އުޅެދާނެޔޭ އޭނާގެ ހިތެއް ނުބުނެއެވެ.

"ބައްޕާ ކޮން ކަމަކާތަ ތިޔަ ވިސްނަނީ؟ މިހާރަކަށް އައިސް އަބަދު ތިޔަ އިންނަނީ ކޮންމެވެސް ފިކުރެއްގައި. ތިގޮތަށް މާ ބޮޑަށް ވިސްނާތީއޭ މައްސަލައަކީ" އެނދުގައި އިށީނދެ ލައިގެން އިން މަންނާނުގެ އަމަލުތަކާމެދު ކަންބޮޑުވުން ފާޅުކުރީ އޭނާގެ ހަގު ދަރިފުޅު ޒުބޭދާއެވެ. ޒުބޭދާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާގެ ބައްޕަގެ ބަލި ހާލެވެ. އެ ބަލި ހާލު އިތުރަށް ބޮޑުވީ ޒުބޭދާގެ މަންމަ ނިޔާވީ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން އެ ބައްޕަ އުޅެނީ ހިތާމައިގައެވެ.

ޒުބޭދާގެ ސުވާލަށް މަންނާނު ޖަވާބެއް ނުދެއެވެ. އޭނާއަށް އިވުނުހެން ވެސް ހިއެއް ނުވެއެވެ. ހަމަ އިނީއެވެ.

"ބައްޕާ!" އިހުނަށްވުރެ ބާރަށް ޒުބޭދާ ގޮވާލިއެވެ. އެ އަޑަށް މަންނާނު ބަލައިލިއެވެ. ފޭދިފައިވާ ކަރުނަތަކުގެ ތެރެއިން ފުސްކޮށް ފެންނަމުން ދިޔައީ އޭނާގެ ދޮށީ ދަރިފުޅެވެ. އެ މަންޖެގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސީ އަސަރެވެ. މަންނާނުގެ މޫނުގައި ވެސް ވަނީ ހަމަ އެ ކުލައެވެ.

" ކިހިނެއްވީ މާ ބާރަށް ތި ގޮވާލީ؟" މަންނާނު ސުވާލުކުރިއެވެ.

"ބާރަށް ގޮވާނެއްނެ. ބައްޕަ ތި އިންނަނީ އެހެން ކަމަކަށް ގެއްލިފައި ވިއްޔާ. ތި ގޮތަށް ވިސްނާ ވިސްނާ ބައްޕަ ތި ހަލާކުވަނީ. ޑޮކްޓަރުން އެ ބުނަނީ ބައްޕަ ހިތްހަމަޖައްސައިދޭށޭ. ތިޔަ ޚިޔާލުތަކުން ދުރަށް ދެވޭތޯ ބަލާށޭ" ޒުބޭދޭ ފެށީ އޭނާގެ ރަސްމީ ޝަކުވާއެވެ. އެ ޝަކުވާތައް މަންނާނަށް އިވެއެވެ. އެއީ ތެދުކަން ވެސް ގަބޫލުކުރެވެއެވެ.

"ދަރިފުޅާ! ތި ވާހަކަތައް ބައްޕައަށް އިވެޔޭ. ތި ވާހަކަތައް ބައްޕަ ގަބޫލު ވެސް ކުރަމޭ. އެކަމަކު ބައްޕައަށް މި ނޫން ގޮތެއް ނެތް. ބައްޕައަށް މިވާ އުނދަގޫ ދަރިފުޅަކަށް ނޭނގޭނެ. ބޭބެއަކަށް ވެސް ނޭނގޭނެ. ދަރިފުޅުގެ މަންމަ ހުރި ނަމަ..." މަންނާނުގެ ވާހަކަތައް ހުއްޓުނެވެ. އޭނާގެ ދޫ ބަންދުވިއެވެ. ބަންދުވީއެއް ނޫނެވެ. ސިކުނޑިން ދިން ކުއްލި ސިގުނަލުން ދޫ ބަންދުކުރީއެވެ.

"އެނގޭ ބައްޕަ ދެރަވާނެ ވަރު. އަހަރެންވެސް ދެރަވޭ. އެކަމަކު ހިތްވަރު މި ކުރަނީ ބައްޕައަށްޓަކައި. ބައްޕައަށް ދެރަގޮތެއް ދިމާވެއްޖެ ނަމަ ބޭބެއާއި އަހަރެން ކިހައި ދެރަވާނެ. ބައްޕަ ތިޔަ ވިސްނަނީ ހަމައެކަނި ބައްޕައަށް. އެހެން މީހުން ވާނެ ދެރައަކަށް ބައްޕައެއް ނުވިސްނަމު" ޒުބޭދާގެ ވޭނީ އިހުސާސާއެކު އޭނާގެ ދުލުން ބޭރުކުރީ އާދައިގެ ޖުމުލަތަކެއް ނޫނެވެ. ޒުބޭދާ ބޭނުންވީ އޭނާގެ ބައްޕައަށް ވިސްނައި ދޭށެވެ.

"ތިޔައީ ތެދެއް. ވަރަށް ބޮޑު ތެދެއް. ބައްޕަ މި ވިސްނަނީ ތިކަމާ. ބައްޕައަކީ އެހެން މީހުންނަށް ވިސްނާ މީހެއް ނޫން. އެކަން ބައްޕަ ގަބޫލުކުރަން. އެ ހިތްދަތިކަން ބައްޕައަށް އެބަ ލިބޭ" މަންނާނުގެ އިޢުތިރާފުން ޒުބޭދާއަށް ތެޅި ގަނެވުނެވެ.

"ނޫން. ނޫން ބައްޕާ. އަހަރެން މި ބުނީ މިއަދު ބައްޕައަށް ކަންތައް ތިކުރެވޭ ގޮތުން އަހަރެމެންނަށް ލިބޭ ހިތާމަ މާ ބޮޑޭ. ބައްޕައަށް ދެރެގޮތެއް ވެދާނެތީ ކަންބޮޑުވޭ" ޒުބޭދާގެ ދުލުން ކުރިން ބުނި ޖުމުލަތައް އޭނާ އިތުރަށް އޮޅުން ފިލުވައި ދިނެވެ.

"ނޫން. ދަރިފުޅާ. ދަރިފުޅު ކުރިން ބުނީ ހަމަ ހެޔޮކޮށް. ބައްޕައަކީ އެހެން މީހުންނާމެދު ވިސްނާ މީހެއް ނޫން. ދަރިފުޅު މަންމައަށް ވެސް އެކަން އެނގޭނެ" މަންނާނު އަނެއްކާ ވެސް ތަކުރާރުކުރީ ޒުބޭދާ ކުރިން ބުނި ޖުމުލަތަކެވެ.

"ކީއްވެ؟ ބައްޕަ އަހަރެމެންދެކެ ލޯބިވަމު. އަހަރެމެންގެ މުސްތަގުބަލާމެދު ވިސްނީމު. މަންމައަށް އޯގާތެރިވީމު. އަހަރެމެންނަށް ކިޔަވައި ދިނީމު. ރަށު މީހުންނާ ގުޅުން ބޭއްވީމު. ދެން ކީއްވެ ތިހެން ތި ބުނަނީ؟ އަހަރެންނަށް އޮޅިގެން ވާހަކައެއް ބުނެވުނީމާތަ؟ އެއީ ތި މާނައިގައި އަހަރެން ބުނި ވާހަކައެއް ނޫން ބައްޕާ. ތިހެން ނުބުނޭ ބައްޕާ!" ޒުބޭދާގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

"މިހެން ބައްޕަ މި ބުނަނީ ދަރިފުޅުގެ ދުލުން އެ ޖުމުލަތައް ބޭރުކުރީތީއެއް ނޫން. މިއީ ބައްޕަގެ ހިތުން މާކުރިން ވެސް ބުނަމުން އައި ވާހަކައެއް. މި ވާހަކަ ބުނަން މާލަސް ވެސް ވެއްޖެ. ބައްޕައަށް މި ވިސްނެނީ އެކަމާ" މަންނާނު ވާހަކަދެއްކީ ތެދަށެވެ. އެއްވެސް ފޮރުވުމެއް ނެތިއެވެ. އެއީ ތެދުކަން ނޭނގެނީ ޒުބޭދާއަށެވެ.

"ކޮން ކަމަކާއޭ ތި ވިސްނެނީ؟" މަންނާނުގެ ވާހަކަތައް އަޑުއިވޭ ހިސާބު ދުރުގައި ހުރި އޭނާގެ ދޮށީ ދަރިފުޅު ރަހީމު، މަންނާނު އިން އެނދާ ކައިރިވެލަމުން އެ ބައްޕައާ ސުވާލުކުރިއެވެ. ރަހީމު އެ ތަނަށް ވަނީ ކޮން އިރަކުކަން މަންނާނަކަށް ވެސް އަދި ޒުބޭދާއަކަށް ވެސް ނޭނގެއެވެ.

"ދަރިފުޅު އައީ ކޮން އިރަކު؟" މަންނާނު ސުވާލުކުރީ ރަހީމަށެވެ.

"ހަމަ ދެންމެ. ބައްޕައަށް އެހެން ޚިޔާލުތަކުގައި އިނދެވޭތީ މިތަނަށް މީހަކު ވަނަސް މިހާރު އެނގޭވަރެއް ނުވޭދޯ" ރަހީމު ހިފީ ބައްޕަގެ ބަލިފައިގައެވެ.

"ބަލަ ޒުބޭދާވެސް މިތަނުގައި އެބަ ހުއްޓެއްނު. ޒުބޭދާއަކަށް ވެސް ނޭނގުނު ދަރިފުޅު މި ތަނުގައި ހުރިކަމެއް. މާ ސިއްރުން ވަންނަންޏާ އެކަކަށް ވެސް ނޭނގޭނެ. ތިއުޅެނީ ވަގުން އުޅޭހެން ވިއްޔާ" މަންނާނުގެ ޖަވާބުން ރަހީމަށް ހިނިތުންވެލެވުނެވެ. ޒުބޭދާގެ މޫނުމަތިން ވެސް އެ އުޖާލާކަން ފެނިގެންދިޔައެވެ. އެއީ އަބަދުވެސް ވާގޮތެވެ. ރަހީމު އަތުވެއްޖެނަމަ މަންނާނަށް ހިތްހަމަ ޖެހުން ލިބޭލެއް ބޮޑެވެ. އޭނާ ފެނުމުން އެ ވާ އުފާ މާ އިތުރުވެ.

"ކޮބާ ބޭސް ބޮއެފިން؟ ކައިފިން؟" ސުވާލުގެ ރާގުގައި ރަހީމު ކުރީ އެހެން ދުވަސްދުވަހު ވެސް އޭނާ ކުރާ ސުވާލުކުތަކެވެ. އޭނާ އެންމެ ބޮޑަށް ސަމާލުކަންދޭ ކަމަކީ އެޔެވެ. ކޮންމެ ދުވަހަކު މެންދުރު ޒުބޭދާގެ ގެއަށް ކާން އަންނަ މައިގަނޑު ސަބަބަކީ ވެސް އެޔެވެ.

"ބައްޕަ ކައިފި. ބޭސްވެސް ބޮއެފި. އެކަމަކު މި ދެތިން ދުވަހު އެ އުޅެނީ މުޅިން އެހެން ދުނިޔެއެއްގައި" ރަހީމުގެ ސުވާލުތަކަށް ޖަވާބު ދިނުމަށްފަހު ޒުބޭދާ ފެށީ ބައްޕަގެ ކަންތައް ހުންނަގޮތުގެ ވާހަކަ ބުނެދޭށެވެ. އެ ވާހަކަތައް އެގޮތަށް އިއްވާނެކަން މަންނާނަށް އެނގެއެވެ.

"އެއްކަލަ ރިޕޯޓް ފެށީ ދޯ؟" ޒުބޭދާ ދައްކަމުން ދިޔަ ވާހަކަތައް، އޭނާގެ ބައްޕަ މެދުކަނޑުވާލިއެވެ. އެވަގުތު ރަހީމަށް ފާހަގަކުރެވުނީ ބައްޕަގެ ހިތްހަމަ ނުޖެހުމެވެ. ބައްޕައަށް އައި ބަދަލާއި ބައްޕަގެ ރާގުގައިވެސް ނުތަނަވަސްކަމެވެ.

"މި ގޮތަށް އެކަނި އޮންނަންވީމާ ވެސް ވިސްނޭނެ. އަހަރެންނަމަވެސް އެކަން ވާނީ އެހެން. ޑޮކްޓަރުން ބުންޏަސް ކިހިނެއް ޚިޔާލުތަކުން ދުރައްދާނީ. ކޮންމެ މީހަކަށް ވެސް ކުރެވޭނީ މަސައްކަތް. ބައްޕައަށް ވެސް ކުރެވޭނީ މަސައްކަތް. ކޮއްކޮ މާ ކަންބޮޑުވަނީޔޭ. ބައްޕައަށްވުރެ ކޮއްކޮގެ ހާލަތު ގޯސްކަންނޭނގެ" ރަހީމުގެ ސިއްރު ލޮލުގެ އިޝާރާތް ޒުބޭދާއަށް ކޮށްލުމަށްފަހު، އޭނާ ވާހަކަދެއްކީ ބައްޕަ ރުއްސުމަށެވެ. ބައްޕަގެ އެ ނުތަނަވަސްކަން ފިލުވައިލުމަށެވެ. އެތައް ވާހަކައެއް ދެއްކުމަށްފަހު ރަހީމާއި ޒުބޭދާ ހިނގައިގަތީ ކާގެއަށެވެ.

"މަށަށް ހީވަނީ ބައްޕަ ދައްކަން ބޭނުންވާ ވަރަށް ބޮޑު ވާހަކައެއް އޮތްހެން؟" މޭޒުމަތީ ހުރި ބިއްލޫރި ތަށްޓަށް ފެން އަޅަމުން ޒުބޭދާ ވާހަކަދައްކަމުން ދިޔައެވެ.

"ކީއްވެ ތިހެން ތިބުނީ؟" ރަހީމަށް އަހައި ލެވުނެވެ.

" މިއަދު ބައްޕަ ދެއްކި ވާހަކައަކުން ހަމަ ހިތަށް އެރީ ކޮންމެވެސް ކަމެއްގެ ވާހަކަ ބުނަން އުޅޭހެން" ޒުބޭދާ ޖަވާބު ދިނެވެ.

"ދެން ނާހަންތަ؟" ރަހީމު އިތުރަށް އޮޅުން ފިލުވިއެވެ.

"އެހޭ ގޮތަކަށް ނޫން ވާހަކަތައް ދިޔައީކީ. އެކަމަކު ހީވަނީ އެ ވާހަކައެއް ބައްޕަ ބުނަން ބޭނުންވެފައި ހުރިހެން. އެ ވާހަކަތައް ދައްކަނިކޮށް ބޭބެ ވަނީ. އެހެންވެ އެ ވާހަކަތައް ހުއްޓުނީ" ކަންތައް ވީގޮތް ޒުބޭދާ އޮޅުންފިލުވައި ދިނެވެ.

"ތިކަހަލަ ކިތަންމެ ކަމެއް ކޮއްކޮއަށް ހީވެއެއްނު؟ ކުރިން އުޅުނީމެއްނެ ބައްޕަގެ ސިކުނޑި ހަމަނުޖެހޭކަމަށް ގަބޫލުކޮށްގެން ވެސް" ރަހީމު ވިސްނީ ޒުބޭދާއަށް ހީވި ގޮތެއްކަމަށެވެ.

(ނުނިމޭ)