ކ. ހުރާ ރައްޔިތުންގެ ކަންބޮޑުވުންތައް ނައިބް ރައީސް ފައިސަލް ނަސީމާ ހިއްސާކުރައްވައިފި އެވެ.

ހުރާ ރައްޔިތުންގެ ކަންބޮޑުވުންތައް ނައިބް ރައީސްއާ ހިއްސާ ކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގަ އެވެ.

މިބައްދަލުވުމުގައި ހުރާ ކައުންސިލުން ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މައުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ ނައިބު ރައީސްއާ ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން ރަށުގެ ސުކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، ބަނދަރު ކުޑަވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ކަރަންޓުގެ މައްސަލަތަކުގެ އިތުރުން ބޭންކުގެ ޚިދުމަތް ރަށުގައި ލިބެން ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ދެއްކެވި ވާހަކަފުޅުގައި އިޖުތިމާއީ އަދި ތަރައްގީގެ ދާއިރާގައި ކައުންސިލަށް ކުރެވިދާނެ ކަންކަން ފާހަގަކުރެއްވި އެވެ. މިގޮތުން ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސްކޫލާ ގުޅިގެން މަސައްކަތް ކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްސް އިސްކަމެއް ދެއްވުމަށްވެސް ނައިބް ރައީސް އެދިވަޑައިގެންނެވި އެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށްޓަކައި ރަނގަޅު އާދަތައް އަށަގެންނެވުމަށް އާންމުން ހޭލުންތެރިކުރުވުމަށް އިތުރު ހަރަކާތްތައް ރަށު ފެންވަރުގައި ރޭވުމަށްވެސް ނައިބް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ބަޖެޓުގައި ހިމެނިފައިވާ ކަންކަން އަވަސްކުރުމަށް ކަމާ ގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަން ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވި އެވެ. މީގެއިތުރުން ރައްޔިތުންނަށް ފައިދާވާނެ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ހުރާ ކައުންސިލް މެންބަރުންނަށް ދެއްވާފަ އެވެ.