ޕާކިސްތާނު ވައިގެ ސަރަހައްދަށް ވަން އިންޑިއަން އެއަރފޯސްގެ ދެ މަތިންދާބޯޓް، ޕާކިސްތާނު ސިފައިން ވައްޓާލައިފިއެވެ.

މިކަން ޕާޚިސްތާނު އަސްކަރިއްޔާއިންވަނީ ކަށަވަރު ކޮށްދީފައެވެ.

އިންޑިއާގެ އަސްކަރީ ދެ މަތިންދާބޯޓް ވައްޓާލިކަން ޕާކިސްތާނުން ކަށަވަރުކޮށް މިދިނީ، ޕާކިސްތާނުގެ ހަނގުރާމަމަތީ ތިން މަތިންދާބޯޓް، އިންޑިއާއިން ވެރިކަންކުރާ ކަޝްމީރުގެ ފަޅިއަށް ވަން ޚަބަރު ފެތުރެމުން ދަނިކޮށެވެ. ޕާކިސްތާނު ޚާރިޖިއްޔާއިން ބުނެފައިވަނީ ޕާކިސްތާނު ބޯޓުތަކުން އިންޑިއާ ފަޅިއަށް ހަމަލާވެސް ދިން ކަމަށެވެ.

އިންޑިއާއިން ބުނެފައިވަނީ، ކަޝްމީރު ބައިކުރާ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އިންޑިއާ ސަރަހައްދުގެ ތެރެއަށް ޕާކިސްތާނުގެ އަސްކަރީ ތިން ޖެޓް ވަދެފައިވާ ކަމަށެވެ.

އަދި އިންޑިއަން އެއަރފޯސްގެ ބޯޓްތަކުން ހުރަސްއެޅުމުން ޕާކިސްތާނުގެ ތިން ބޯޓުވެސް އަނބުރާ ގޮސްފައިވާ ކަމަށް ބުނެފައި ވެއެވެ.

ޕާކިސްތާނުން އިންޑިއާގެ އަސްކަރީ ދެ މަތިންދާބޯޓް ވައްޓާލި ކަމަށް މިބުނީ، އިންޑިއާގެ ވައިގެ ސަރަހައްދަށް ޕާކިސްތާނުގެ ބޯޓްތައް ވަނުމުން އެކަމުގެ ރައްދުގައި އިންޑިއާއިން އެބޯޓުތައް ފޮނުވުމުންނެވެ.

"ޕާކިސްތާނު އެއަރފޯސްގެ ބޯޓްތައް އިންޑިއާ ސަރަހައްދަށް ވަނުމުން ރައްދުގައި އިންޑިއަން އެއަރފޯސްގެ ދެޖެޓް ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ޕާކިސްތާނު ސަރަހައްދުގެ ތެރެއަށް ވަން. އެކަމަކު ޕާކިސްތާނު ސިފައިންވަނީ އެ ދެ ޖެޓް ވައްޓާލާފައި. އޭގެ ތެރެއިން އެއް ބޯޓު ވެއްޓުނީ އިންޑިއާ ފަޅިއަށް. އަނެއް ބޯޓު ވެއްޓުނީ ކަޝްމީރު ބައިކުރާ އިމަށް. ޕާކިސްތާނު އެއްގަމު ސިފައިން ވަނީ އިންޑިއާގެ އެއް ޕައިލެޓް ހައްޔަރުކޮށްފައި" ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް އާސިފް ޣަފޫރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ވައްޓާލި ބޯޓްތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ. ޕާކިސްތާނު ސިފައިން ވައްޓާލި ދެ ބޯޓުގެ ތެރެއިން އެއްބޯޓުގެ ޕައިލެޓް ފިހިގެން މަރުވެފައި އޮތް މަންޒަރު ފޮޓޯތަކާއި ވީޑިއޯތަކުން ފެނެއެވެ.