(25 ފެބްރުއަރީ 2019 އާ ގުޅޭ)

"ދެން ނާހަންތަ؟" ރަހީމު އިތުރަށް އޮޅުން ފިލުވިއެވެ.

"އެހޭ ގޮތަކަށް ނޫން ވާހަކަތައް ދިޔައީކީ. އެކަމަކު ހީވަނީ އެ ވާހަކައެއް ބައްޕަ ބުނަން ބޭނުންވެފައި ހުރިހެން. އެ ވާހަކަތައް ދައްކަނިކޮށް ބޭބެ ވަނީ. އެހެންވެ އެ ވާހަކަތައް ހުއްޓުނީ" ކަންތައް ވީގޮތް ޒުބޭދާ އޮޅުންފިލުވައި ދިނެވެ.

"ތިކަހަލަ ކިތަންމެ ކަމެއް ކޮއްކޮއަށް ހީވެއެއްނު؟ ކުރިން އުޅުނީމެއްނެ ބައްޕަގެ ސިކުނޑި ހަމަނުޖެހޭކަމަށް ގަބޫލުކޮށްގެން ވެސް" ރަހީމު ވިސްނީ ޒުބޭދާއަށް ހީވި ގޮތެއްކަމަށެވެ.

"ނޫން މިއީ ހީވުމެއް ނޫން. ބައްޕަ މިއަދު ބުނި ޖުމުލަތަކުން އަހަރެންނަށް ހަމަ އުނދަގޫވަނީ. އެހެން ނޫންނަމަ އެގޮތަކަށް ވާހަކައެއް ނުދައްކާނެ" ޒުބޭދާ ވާހަކަދެއްކީ ބޭބެގެ ހީ، ކުށްހީއަކަށް ހެދޭތޯއެވެ.

"ކީކޭތަ ބައްޕަ ބުނީ؟" ރަހީމު ސުވާލުކުރިއެވެ.

"ބައްޕަ ބުނަނީ ބައްޕަ ވިސްނަނީ ހަމައެކަނި ބައްޕައަށޯ؟ އެހެން މީހުންނަކަށް ނުވިސްނަމޯ" ރަހީމުގެ ސުވާލަށް ޒުބޭދާ ޖަވާބު ދިނެވެ.

"ކީއްވެގެންނޯ އެހެން ބުނީ؟" އަނެއްކާ ވެސް ރަހީމު ކުރީ ސުވާލެކެވެ. އެ ސުވާލަށް ޖަވާބުދޭން ޒުބޭދާ ފަސްޖެހޭ ގޮތްވިއެވެ.

"މި.. މީ... ވާހަކައެއްގެ ތެރޭގައި އަހަރެންނަށް އެ ކަހަލަ މާނައެއް ދޭހަވާ ޖުމުލައެއް ބުނެވިގެން ބައްޕަ އެގޮތަށް ބުނީ. ފަހުން ބުނި އެއީ ބައްޕަގެ ހިތުން މާ ކުރިން ވެސް ބުނަމުން އައި ވާހަކައެކޭ" ރަހީމުގެ މޫނަށް ބަލަހައްޓައިގެން އިނދެ ޒުބޭދާ ޖަވާބު ދިނެވެ. ބައްޕަގެ އެ ޖުމުލައާމެދު ރަހީމު ވިސްނާލިއެވެ.

"ބައްޕަ އެ ބުނަނީ ވެސް ދޮގެއް ނޫން. އެކަމަކު މިއަދު އެ ވާހަކަތައް ދެއްކުމުގެ މާނައެއް ނެތް. މަންމަގެ ދުނިޔޭގައި ވެސް އެއީ ނުދައްކާ ވާހަކަތަކެއް. މަންމަ ވެސް އޮތީ އެކަން މަނާކޮށްފައި. އެ ސުވާލު ކުރުން އޮތީ މަނާވެފައި" ރަހީމުގެ ވާހަކަ ފެށީ ދުރުދުރުންނެވެ.

"ތިބުނީ؟" ހައިރާންވެ އިނދެ ޒުބޭދާއަށް އަހައިލެވުނެވެ.

"މި ބުނީ.... މި ބުނީ ބައްޕަ ފަރާތުގެ އާއިލާގެ ވާހަކަ. އެ މީހުންގެ ޚަބަރެއް ނެތް ވާހަކަ. އެ މީހުންނާ އެއްވެސް ގުޅުމެއް ބައްޕަ ނުބާއްވާ ވާހަކަ" ރަހީމަށް އިސްޖަހައިލެވުނެވެ. ދެއްކެނީ ކޮން ވާހަކައެއްކަން އެނގި ޒަމީރަށް އުނދަގޫ ވެސް ވިއެވެ. އެ ވާހަކަތަކުން ޒުބޭދާ ހޭލައްވާލިއެވެ. މާޒީގައި ކަން ހިނގާފައިވާ ގޮތް އޭނާގެ ހަނދާންތަކާ ގުޅުވައި ދިނެވެ. މަންމަ ދެއްކި ވާހަކަތަކާއި އެ ސުވާލުތައް ނުކުރުމަށް ކުރި އަމުރު އައިސް، އެނާގެ ކަންފަތުގައި ހިފާ އަނބުރާލިއެވެ. އެ ދުވަހު ވީތަދާއި ނެގި ދިލަ އިހުސާސްކުރެވުމާއެކު ޒުބޭދާގެ އަތް އެ ކަންފަތުގައި ކާއްތާލެވުނެވެ.

"ކޮބާތަ ހަގީގަތަކީ؟" ފުން ނޭވާއެއްލަމުން ޒުބޭދާ ސުވާލުކުރިއެވެ. އޭނާ ބޭނުންވީ އެ ހަގީގަތް އޮޅުންފިލުވާށެވެ.

"ބޭބެއަށް ވެސް އިވެނީ އަޑުތައް. ތެދުކަން ދޮގުކަން ކަށަވަރެއް ނޫން. ބައްޕައަކީ ހަގީގަތުގައި މިރަށު މީހެއް ނޫން. އެއީ ތުރާކުނު މީހެއް. ޒުވާން އުމުރުގައި މިރަށަށް އައިސް މި ރަށުގައި ވަޒަންވެރިވީ. އެހެންވެ ބައެއް މީހުން ބައްޕައަށް ތުރާކުނު މަންނާނޭ ވެސް ކިޔާ" ރަހީމުގެ ވާހަކަ ފެށީ އޭނާއަށް އިވިފައިވާ އަޑުތަކާއި ލިބިފައިވާ ބައެއް މައުލޫމާތުގެ މައްޗަށެވެ.

"ދެން ކީއްވެޔޯ ބައްޕަގެ އާއިލާ މީހުންނާ ގުޅުން ނުބާއްވަނީ؟" ޒުބޭދާގެ ހިތުގައި ހުރި ސުވާލުތަކުން ސުވާލެއް އަނެއްކާ ވެސް ރަހީމުގެ ކުރިމައްޗަށް ހުށަހެޅިއެވެ.

"ބޭބެއަށް އެނގިފައި އޮތީ ބައްޕަގެ އާއިލާގެ މާ ގިނަ ބަޔަކު ދުނިޔޭގައި ނެތްކަމަށް. އެހެންވެ ރަށަށް ދާން ބޭނުންނުވީ ކަމަށް. އެމީހުންވެސް ބައްޕައާ މާބޮޑު ގުޅުމެއް ބާއްވަން އުޅުނު ހެނެއް ހިއެއް ނުވޭ" ރަހީމަށް ހީވާގޮތް އޭނާ ކިޔައިދިނެވެ.

"އެކަމަކު ކޮންމެވެސް ބަޔަކު ތިބޭނެތާ؟ މިއަދު ބައްޕަ އެ ވިސްނަނީ އެކަމާބާ؟ ބައްޕައަށް ކިޔައިދޭން އުނދަގޫވެގެން އެ އުޅެނީ އެ ކަންބާ؟" ޒުބޭދާ ކުރީ އޭނާގެ ޒަމީރާ ވެސް ކުރަމުން ދިޔަ ސުވާލު ތަކެވެ.

"ބައްޕަގެ އުމުރުން މިހާރު 61 އަހަރު. ސާޅީން އަހަރު މި ހޭދަވީ މި ރަށުގައި. އަހަރެންގެ ހަނދާނުގައި ބައްޕަ އެރަށަކަށް ނުދޭ. އެ ރަށުގެ ވާހަކަ ނުވެސް ދައްކާ. ބައެއް ފަހަރު އެ ރަށުގެ ނަން އިވުނަސް ހިތްހަމަ ނުޖެހޭ. އެހެންވެ އަހަރެންގެ ހިތެއް ނުބުނޭ އެކަމަކާ ބައްޕަ ވިސްނާފާނެ ހެނެއް. އެހެން ނޫންނަމަ މަންމަގެ ދުނިޔޭގައި ވެސް އެ ވިސްނުން ވިސްނީސް" ރަހީމު ހާމަކުރީ އޭނާއަށް ގަބޫލުކުރެވުނު ގޮތެވެ.

"އެކަމަކު ބައްޕަގެ ރަށުގެ ވާހަކަ ނުދެއްކުމަށް މަންމަ އެ ވަރަށް ބާރު އެޅީ ކީއްވެބާ؟ އެ ސުވާލުތައް ނުކުރުމަށް ބުނެފައި އެ އޮތީ ކީއްވެބާ؟" އަނެއްކާ ވެސް ޒުބޭދާ އުފެއްދީ އިތުރު ސުވާލުތަކެކެވެ.

"ތިއެއް ނޭނގެ. އަހަރެން ދުވަހަކު ވެސް ބައްޕަ ގާތަކު ތި ސުވާލެއް ނާހަން. ކުރަންވެސް ނުކުރުނީ. މަންމަ އޮންނަނީ އެކަން މަނާކޮށްފައި. އަހަރެންނަށް ވެސް ފާހަގަކުރެވުނީ އެކަމުގައި ބައްޕައަށްވުރެ ބޮޑަށް މަންމަ ހިތްހަމަ ނުޖެހޭކަން." ކުރެވުނު ސުވާލުގެ ޖަވާބު ރަހީމަކަށް ނުދެވުނެވެ. އޭނާ ހާމަކުރީ ކުރެވުނު ތަޖުރިބާއެވެ.

"މަށަށް ހީވަނީ އެ ވާހަކަތަކުން ބައްޕައަށް ކުރާ އަސަރުގެ ބޮޑުކަމުން އެ ވާހަކަތައް ނުދައްކަން މަންމަ ބުނަނީހެން. ބައްޕަ މަންމައާ އިނުމުން އެކަމާ ބައްޕަގެ އާއިލާއިން ގަބޫލުނުވީކަމަށް ވެސް ވެދާނެއްނު. މަންމައާއި ބައްޕަ ނުރުހެނީ އެ ކަހަލަ ކަމެއް ހިނގާފައި އޮތުމުން ކަމަށް ވެސް ވެދާނެއްނު" ޒުބޭދާ ފާޅުކުރީ އޭނާގެ ހިތަށް ވެރިވި ޚިޔާލުތަކެކެވެ. ވެދާނެ ގޮތްތަކެކެވެ. އެ ވާހަކަތަކުގައި ޒުބޭދާއާއި ރަހީމު އެތައް އިރަކު ތިއްބެވެ. އެތައް ވިސްނުމެއް ވިސްނިއެވެ. އެންމެފަހުން ދެ މީހުންނަށް ވެސް އެއްބަސް ވެވުނީ ބައްޕައާ އެ ވާހަކަތައް ދައްކާށެވެ.

ޖެހިގެން އައި ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެވެ. މަންނާނު އިންތިޒާރު ކުރަމުން ދިޔައީ ރަހީމު އަންނާނެ ވަގުތަކަށެވެ. އެއީ ކޮންމެ ހުކުރެއްގެ ވެސް އާދައެވެ. އެ ދުވަހު އެ ބައްޕަ ފެންވަރުވަނީ ރަހީމެވެ. އެހެން ދުވަސްދުވަހު އެކަން ބިދޭސީއަކާ ހަވާލުކޮށްފައި އޮތަސް ހުކުރު ދުވަހަކީ ރަހީމުގެ ދުވަހެކެވެ. އެ ޚިދުމަތް ރަހީމު ދެނީ ފިސާރި އުފަލުންނެވެ. ނުހަނު ލޯބިންނެވެ.

"ތަންކޮޅެއް ލަސްވެއްޖެ ދޯ؟ ދިމާވި މީހަކާ އަނގަތަޅާލަން ހުރެވުނީ. އަވަހަށް ހިނގާ" ބައްޕަގެ އަތުގައި ހިފާ ނަގަމުން ރަހީމު ބުންޏެވެ. ބައްޕަ އަތުލަފިކޮށްގެން ރަހީމު ހިނގައިގަތީ ފާޚާނާއާ ދިމާއަށެވެ.

މާގިނަ އިރުތަކެއް ނުވެއެވެ. މަންނާނު ފެންވަރުވައިގެން ރަހީމު ނުކުތެވެ. އެއަށްފަހު އޭނާ އަވަސްވީ މަންނާނު ރީތިކުރުވާށެވެ. އެ މަސައްކަތުގައި އުޅުނު އިރު ރަހީމުގެ ހިތުގައި ހިނގަމުންދިޔަ ޝުޢޫރުތައް އެ ބައްޕައަށް ހުށަހަޅަން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް ހަމަ ފަސްޖެހެނީއެވެ. ވެދާނެ ގޮތެއް ނޭނގޭތީ އެ ވާހަކަތައް ދައްކަން ބޭނުން ނުވާނީއެވެ.

"ކޮބާ؟ މިހުރީ ސައި ތައްޔާރުވެފައި. މިއަދު މި ހުރީ ބިސް ކަޓްލަޓްސް" މަންނާނު އޮންނަ އެނދާ ދާދި ގާތުގައި ހުރި މޭޒު މަތީ ސައިތަށްޓާއި ހެދިކާތަށި ބަހައްޓަމުން ޒުބޭދާ ބުނެލިއެވެ.

"ތިހުރީ ބައްޕައަށް އެންމެ މީރު ހެދިކާ ދޯ ހަދާފައި ވެސް. މަވެސް މިއަދު ސައިބޯނީ މި ތަނުގައި. މި ތަނަށް ސައި ގެންނަންވީނު" ރަހީމު ބޭނުންވީ އޭނާގެ ހިތުގައި އޮތް ކަންތަކަށް މަގުފަހި ކުރާށެވެ. ބައްޕައާ ވާހަކަދައްކާލައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ.

"ބައްޕައާ ތަފާތު ސުވާލެއް ކޮށްލަންތަ؟" ޒުބޭދާ އެދުނީ ހުއްދައަކަށެވެ.

"މި އޮތް ހުރިހާ އިރަކުވެސް ތި ކުރީ ސުވާލެއްނު. އެއްވެސް ސުވާލެއް ކުރިން ސުވާލު ކުރަންތޯ އެއް ނާހަމު؟ މި ފަހަރު ތި އެހީ ކީއްވެ؟" ހިނިގަނޑެއް ޖަހާލަމުން މަންނާނު ބުންޏެވެ.

"ކުރަން އުޅޭ ސުވާލު ތަފާތުވީމާ. ބައްޕަ ހިތްހަމަ ނުޖެހޭ ސުވާލަކަށް ވެދާނެތީ" ޒުބޭދާ ޖަވާބު ދިނެވެ. އެ ޖަވާބާއެކު މަންނާނު ވިސްނާލިއެވެ. އޭނާގެ މޫނުގެ ކުލަވަރު ކުޑަކޮށް ބަދަލުވިއެވެ.

"ކޮއްކޮ ކޮށްގެން ބައްޕަ ހިތްހަމަ ނުޖެހޭ ސުވާލެއް ނުހުންނާނެ. ދޯ ބައްޕާ" ރަހީމު ބާރު އެޅީ ޒުބޭދާ ލައްވާ އެ ސުވާލު ކުރުވާށެވެ.

"ދެން ކުރީމާތާ އެނގޭނީ؟ ސުވާލެއް ކޮށްގެން ރުޅި އަންނާކަށް މީ މަންމައެއް ނޫނެއްނު" ޖުމުލަ ނިންމުމަށް ފަހު މަންނާނު ޖަހާލީ ހިނިގަނޑެކެވެ. އެ ޖުމުލައިގެ މާނަ ރަހީމު ދެނެގަތެވެ. ދައްކަން އުޅޭ ވާހަކަ އެ ބައްޕައަށް އެނގިއްޖެކަން ވެސް ރަހީމަށް އިހުސާސް ކުރެވުނެވެ.

"އިއްޔެ ބައްޕަ ބުނީމެއްނު ބައްޕައަކީ އެހެން މީހުންނާމެދު ވިސްނާ މީހެއް ނޫނޭ. ކީއްވެތަ އެ ގޮތަށް ގަބޫލުކުރަނީ؟" ޒުބޭދާގެ އެ ސުވާލު އިވުމާއެކު މަންނާނަށް ހިންދިރުވާލެވުނެވެ. ދެ ކުދިން ދައްކަން އުޅެނީ ކޮން ވާހަކައެއްކަމާއި ދެ ކުދިން ނިޔަތް މަންނާނުގެ ދުވަސްވީ ހިތް ދެނެގަތެވެ.

(ނުނިމޭ)