އިޝްތިހާރުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް އަމާޒުކޮށްގެން ބާއްވާ "މޯލްޑްވިސް މާކެޓާސް ފޯރަމް" މިއަދު ފަށައިފި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސުކޫލުގައި ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ(ސީއެމްއޭ) އިން އިން އިންތިޒާމްކޮށްގެން ކުރިއަށްދާ މިފޯރަމް މިއަދު ރަސްމީކޮށް ފައްޓަވައި ދެއްވީ މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަން އެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އިޝްތިހާރުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ، ތަޖުރިބާކާރު 240 ފަރާތަކުން ބައިވެރިވެފައިވާ މި ފޯރަމްގެ ތީމަކީ "ޑިޖިޓަލް މާކެޓިން" އެވެ.

މިފޯރަމްގައި ވާހަކަދައްކަަވަމުން މިިނިސްޓަރު ވިދާޅުވީ އިޝްތިހާރު ކުރުމަކީ ކޮންމެ ވިޔަފާރިއަކަށްވެސް އެވިޔަފާރި ކުރިއެރުވުމަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން މިފަދަ ފޯރަމްތަކުގެ ސަބަބުން އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް އެހީވެދޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި އިޝްތިހާރު ކުރުމަށްޓަކައި މިހާރު ބޭނުންކުރާ އުކުޅުތައްވެސް ކުރިއާ އަޅާބަލާއިރު ވަރަށް ތަފާތު ކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

މި ފޯރަމްތަކުގެ ބޭނުމަކީ ދާއިރާގެ ތަޖުރިބާކާރުން އެއްތަންވެ އެމީހުންގެ ތަޖުރިބާ ހިއްސާކުރުން ކަމަށާއި، އަދި އިޝްތިހާރު ކުރުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ މީހުންނަށް އެކަމަށް މަގުފަހިކޮށްދިނުން ކަމަށްވެސް ސީއެމްއޭއިން މައުލޫމާތުދެ އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ފޯރަމްގެ ސަބަބުން އިޝްތިހާރު ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް އެންމެފަހުގެ ގޮތްތަކަށް އިޝްތިހާރު ކުރުމުގެ އިތުރުން އީކޮމާސް އަދި ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރުމުގެ ތަފާތު ގޮތްތައް އެނގިގެން ދާނެ ކަމަށްވެސް ސީއެމްއޭއިން މައުލޫމާތުދެ އެވެ.

މިފޯރަމަކީ މާކެޓިން ދާއިރާގައި ހަރަކާތެރިވާ މީހުންނަށް އަމާޒުކޮށްގެން ސީއެމްއޭއިން ރާއްޖޭގައި ބާއްވާ ދެވަނަ ފޯރަމްކަން ފާހަގަކޮށްލެވެ އެވެ.