(28 ފެބްރުއަރީ 2019 އާ ގުޅޭ)

"އިއްޔެ ބައްޕަ ބުނީމެއްނު ބައްޕައަކީ އެހެން މީހުންނާމެދު ވިސްނާ މީހެއް ނޫނޭ. ކީއްވެތަ އެ ގޮތަށް ގަބޫލުކުރަނީ؟" ޒުބޭދާގެ އެ ސުވާލު އިވުމާއެކު މަންނާނަށް ހިންދިރުވާލެވުނެވެ. ދެ ކުދިން ދައްކަން އުޅެނީ ކޮން ވާހަކައެއްކަމާއި ދެ ކުދިން ނިޔަތް މަންނާނުގެ ދުވަސްވީ ހިތް ދެނެގަތެވެ.

"ތިއީ ވަރަށް ބޮޑު ސުވާލެއް. ތި ސުވާލު ދަރިފުޅު ކުރާނެކަން ވެސް ބައްޕައަށް އެނގޭ. އަދި ދަރިފުޅުމެން އެ ވާހަކަ ދެއްކިކަންވެސް ބައްޕައަށް އެނގޭ. ނަމަވެސް މި އުޑުދަށުގައި އެކަން އެނގޭ ތިބޭނީ އެންމެ ދެ މީހުން. އެ ދެ މީހުންވެސް މިހާރު މި ދުނިޔެއަކު ނެތް. އެއީ ދަރިފުޅުމެންގެ މަންމައާއި އަދި ބައްޕަގެ ހަގީގަތް އެނގޭ އިތުރު މީހަކު" މަންނާނުގެ ވާހަކަތަކުން ޒުބޭދާ ހައިރާންވިއެވެ. ރަހީމަށް އިނދެވުނީ ބަސް ހުއްޓިފައެވެ. އެ ބައްޕަ ކަންކަން ދެނެގަންނަލެއް އަވަސްކަމުންނެވެ.

"ދަރިފުޅާ! ދަރިފުޅުމެން ބޭނުންނަމަ ހުރިހާ ވާހަކައެއް ބައްޕަ ކިޔާދީފާނަން. ނަމަވެސް މިއީ ސިއްރެއް. މި ސިއްރު ދަރިފުޅުގެ މަންމަވެސް ސިއްރު ކުރި. ބައްޕަ ގަބޫލުކުރަނީ ދަރިފުޅުމެން ވެސް ސިއްރު ކޮށްދޭނެކަމަށް" މަންނާނުގެ ވާހަކައަށް ދެ ކުދިންވެސް ބޯޖަހާލިއެވެ. އެ ވާހަކަތައް އަޑުއެހުމަށް ޒުބޭދާ އޭނާގެ ބައްޕަގެ ގާތުގައި އެ ބައްޕަގެ އެނދުގައި އިށީނެވެ.

"ދަރިފުޅާ! ބައްޕައަކީ މި ރާއްޖެ މީހެއް ނޫން. ބައްޕައަކީ އިންޑިއާ މީހެއް. މަލިކު މީހެއް. ބައްޕަގެ އާއިލާއަކީ މަލިކު އާއިލާއެއް. ބައްޕަ މި ގައުމަށް އައީ ފިލައިގެން ސިއްރުން. ހއ. ތުރާކުނު މަސްދޯންޏެއް މަހަށް ނުކުމެ އުޅެނިކޮށް ބެހިގެން މަލިކަށް ދެވުނު ފަހަރެއްގައި އެ ދޯނީގެ ކެޔޮޅާ ވާހަކަދައްކައިގެން ބައްޕަ މި ރާއްޖެ އައީ. އެކަން ކުރަން ބައްޕައަށް މަޖުބޫރުވީ. އެއީ ބަޔަކު ގަސްތުގައި ބައްޕަގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުވައި އެކަމުން ސަލާމަތް ނުވާނެކަން ބައްޕައަށް ޔަގީންވުމުން. އެ އިލްޒާމު ބައްޕަގެ ބޮލުގައި އެޅުވީ މަލިކު ބޮޑު ކަތީބު އާއިލާއިން. ހުރިހާ ވެސް މައްސަލައަކީ އެގޯތި ކުއްޖަކު ބައްޕައާ ހެދި އުޅުން. އެކަން ކައިވެންޏަށް ބަދަލުވެދާނެ ކަމުގެ ބިރު ހީވުމުން އެ މީހުން ބޭނުންވީ ބައްޕަ އުމުރުދުވަހަށް ޖަލަށް ލެވޭނެ ކަހަލަ މަޅިއަކަށް ފައްތަން. އެ ދަންތުރައިގައި ބައްޕަ ޖެއްސި. ބައްޕަގެ މައިންބަފައިން ބައްޕަ ކުޑައިރު ނިޔާވެފައިވަތީ ބައްޕަ ހުރިހާ ކަމެއްވެސް ކުރަމުން ދިޔައީ އަމިއްލައަށް. އުމުރުން 10 އަހަރުއްސުރެ އަމިއްލަ މަސައްކަތުން ދިޔައީ ފައިސާ ހޯދަމުން. ބައްޕައަކީ މަސައްކަތްތެރި މީހަކަށް ވާތީ ބައްޕަގެ އަތުގައި ފައިސާ ހުރި. އެ ފައިސާގެ އެހީގައި ބައްޕަ ވިސްނީ އެހެން ގައުމަކަށް ބަދަލުވާން. އެގޮތުން ބައްޕައަށް ވިސްނުނު އެއް ޚިޔާލަކީ ރާއްޖެ އައުން. އެ ކަމުގައި ބައްޕަގެ ނަސީބު ވަރަށް ރަނގަޅު. ބައްޕައަށް އެ ފުރުޞަތު ފަހިވާ ގޮތްވި. އެކަމުގައި އެހީތެރިވީ ރާއްޖެއިން ބެހިގެން އައި ދޯނީގެ ކެޔޮޅު. އޭނާ ބޭނުންވާ ވަރަކަށް ފައިސާ ދީގެން ބައްޕަ ބޭނުންވާ ކަންކަން އޭނާ ލައްވާ ބައްޕަ ކުރުވީން. ބައްޕަގެ ޝަރުތަކީ ބައްޕައަކީ ކާކުކަން އެއްވެސް މީހަކަށް ނޭނގުން. ބައްޕަ ގަބޫލުކުރަނީ އޭނާ އެކަން ސިއްރުކުރިކަމަށް" މަންނާނުގެ ދުލުން އޭނާގެ މާޒީ ކިޔައިދެމުން ދިޔައިރު އޭނާގެ ދެ ކުދިން ތިބީ ބަސްހުއްޓިފައެވެ. ބައްޕަގެ ދުލުން އެ ދައްކާ ވާހަކަތަކުގެ އިތުރު ތަފުސީލު ބޭނުންވެފައެވެ.

"ބައްޕަ ރާއްޖެ މީހަކަށް ހަދައިދިނީ ބައްޕައަށް އެހީތެރިވި މީހާ. އެ ދުވަސްވަރަކީ އައިޑީކާޑު ހެއްދުމަށް އަތޮޅުތަކަށް ސަރުކާރުން މީހުން ފޮނުވި ދުވަސްވަރު. އެ ދުވަސްވަރު ބައްޕަގެ ނަމުގައި ކާޑެއް ހެއްދުވީ ބައްޕައަށް އެހީތެރިވީ މީހާ ފައިސާތަކެއް އެތަނުން މީހަކަށް ދީގެން. އެ މީހާގެ އެހީގައި ބައްޕަ ދެން ބަދަލުވީ މި ރަށަށް. އެއީ ތުރާކުނު މީހުންނަށް ބައްޕައަކީ ކާކުކަން އެނގިދާނެތީ. އަދި ބައްޕައަށް އެހީތެރިވީ މީހާއަށް އުނދަގޫތަކެއް ދިމާވެދާނެތީ. މި ރަށު މީހުންނަށް ބައްޕަ އެނގިފައި އޮންނަނީ ތުރާކުނު މީހެއްގެ ގޮތުގައި. މި ރަށު މީހުން ބައްޕަ ބަލައިގަތީ މަސައްކަތްތެރިއެއްގެ ގޮތުގައި. ވަޑާންކުރުމާއި ރޭނުމުގެ މަސައްކަތް ދަންނާތީވެ ވަރަށް ގިނަ މީހުން ބައްޕަގެ އެހީތެރިކަމަށް އެދުނު. އެ މަސައްކަތްތައްވީ ބައްޕައަށް ހިންދެމިލުމަށް ލިބުނު ރަނުގެ ފުރުޞަތަކަށް. ދަރިފުޅުމެންގެ މަންމައަށް ބައްޕަ ފެނުނީ މި މަސައްކަތްތަކުގައި އުޅެނިކޮށް. ބައްޕަ މަންމައާ ކައިވެނި ކުރެވުނީ ބައްޕަގެ އާއިލާ އެއްވެސް މީހަކު ނެތި. ބައްޕަގެ އެޑްރެހަކަށް އޮތީ ހއ. ތުރާކުނުގެ އެޑްރެހަކަށް ވާތީ އެ ގެއަށް ޚަބަރު ދިނުމަށް ވެސް އޮފީހުން މަސައްކަތް ކުރި. ނަމަވެސް އެކަން ކާމިޔާބެއް ނުވި. އެންމެ ފަހުން ކައިވެނި އަވަސްކުރަން ބޭނުންވާތީ ބައްޕައާއި މަންމަ ކައިވެނި ކުރެވުނު. ބައްޕަ މި ގޭގައި ރަޖިސްޓްރީކޮށް ދިވެއްސެއްގެ ގޮތުގައި އުޅުމުގެ ހިތްހަމަ ޖެހުން ލިބުނު" ދައްކަމުން ދިޔަ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދެމުން ދިޔަ ވަރަކަށް މަންނާނުގެ ދުވަސްވީ މޫނު މިލާ މޯޅިވަމުން ދިޔައެވެ. އެ ހިތުގައި ޖަހަމުން ދިޔަ ވިންދު އަވަސްވަމުން ދިޔައެވެ. ދެ ކުދިންގެ އިހުސާސްތައް ބަންޑުންވަމުން ދިޔައެވެ.

"ދެން މަންމައަށް އެކަން އެނގުނީ ކޮން އިރަކު؟" ހައިރާނުގެ ރާގުގައި ރަހީމަށް އަހާލެވުނެވެ.

"ބައްޕައަކީ ދިވެއްސެއް ނޫންކަން މަންމަގާތުގައި ބުނީ ދަރިފުޅު ލިބުނު ފަހުން. ބައްޕަ އެ ވާހަކަ ބުނުމުން އެންމެ ފުރަތަމަ މަންމަ އެކަން ގަބޫލެއް ނުކުރި. ނަމަވެސް ފަހުން ބައްޕަގެ ވާހަކަތައް މަންމަ ގަބޫލުކުރީ ބައްޕައަށް ކުރާ އިތުބާރުން. ބައްޕައަށް ދެރަ ގޮތެއް ވެދާނެތީ މަންމަ ބޭނުންވީ އެކަން ސިއްރުކުރަން. އެ ވާހަކަ ތި ދެ ކުދިންގެ ގާތުގައި ވެސް ނުބުނަން. ނަމަވެސް މިއަދަކީ އިއްޔެއެއް ނޫން. ބައްޕަ ގުނަމުން މިދަނީ ބައްޕަގެ ހަޔާތުގެ އެންމެ ފަހު ދުވަސްތައް. ބައްޕަ ގަބޫލުކުރާ ގޮތުގައި ބައްޕައަކީ ކުށްވެރިއެއް. ބައްޕަގެ ކުށަކީ ސިއްރުން މި ގައުމަށް އައުން. މި ގައުމުގެ ރައްޔިތަކަށްވުން. މި ގައުމުގައި ބައްޕަ މި އުޅުނީ އުފަލުން. ހިތްހަމަ ޖެހިގެން. ބައްޕަ ހިތާމަކުރާ އޮތީ އެންމެ ކަމެއް. އެއީ ބައްޕަގެ ތިމާގެ މީހުންނަށް ބައްޕަ ވީތަން ނޭނގޭނެތީ. ބައްޕައަށް ވީގޮތް ވެސް ނޭނގޭނެތީ. އެ މީހުން މަތިން ބައްޕަ ވަރަށް ހަނދާންވޭ. އެ ހަނދާންތަކުން ބައްޕައަށް ރޮވުނު ކިތަންމެ ދުވަހެއް ދިޔަ. ނަމަވެސް ބައްޕަ ބޭނުންވީ މަންމަ. ބައްޕަގެ މުޅި ދިރިއުޅުން ހަމަޖެހި އުފާވެރިކަން ލިބުނީ ދަރިފުޅުމެންގެ މަންމަގެ ހެޔޮކަމާއި އޯގާތެރިކަމުން. އެ މަންމަ ނެތުމުން ބައްޕައަށް އަސަރު މި ކުރަނީ އެ މަންމަގެ ތެދުވެރި ލޯބީގެ ސަބަބުން. އެ ލޯބިން ބައްޕަ މަޙުރޫމު ވުމުގެ ސަބަބުން. ދަރިފުޅާ! ބައްޕައަށް މަޢާފުކުރޭ. ބައްޕައަށް މަޢާފުކުރޭ!" މަންނާނުގެ ލޮލުން ހިލިގަތް ކަރުނަތައް އެ ދެ ލޮލުން ނީރި ދެ ކަންފަތާ ދިމާއަށް ފައިބައިގެން ދިޔައެވެ. ރަހީމުގެ ދެ އަތްތިލައިގެ އިނގިލިތަކުގެ ހުދު ހަންގަނޑު ނޭފަތުގައި ޖައްސާލައި މަތިން ތިރިއަށް ދަމާލިއެވެ. ޒުބޭދާ އިނީ ފާޑަކަށް ގަބުވެފައެވެ.

"ދަރިފުޅުމެން ތި ތިބީ ހިތްހަމަ ނުޖެހިފައިތަ؟ ބައްޕައާމެދު ނުރުހިފައިތަ؟" މަންމަގެ ތުރުތުރު އަޅައި އަތުން ޒުބޭދާގެ އަތްތިލައިގެ މަތީ އަތް ބާއްވަލަމުން ސުވާލުކުރިއެވެ. އެ ސުވާލާއެކު ޒުބޭދާއަށް ބަލައިލެވުނީ ކުރިމަތީ އިން ރަހީމުގެ މޫނަށެވެ. އެ މޫނުގައި ވަނީ ހިތާމައިގެ އަސަރެވެ. ހައިރާންކަމުގެ ކުލަތަކެވެ.

"އަހަރެން ބައްޕައަށް ކުރަން ޖެހޭ މަޢާފެއް ނޯންނާނެ. ބައްޕައަކީ ކުށްވެރިއެއް ނޫން. ކުށްވެރިއެއް ނޫން. ބައްޕައަކީ ކެތްތެރިއެއް. ބައްޕާ" ޒުބޭދާއަށް އޭނާގެ ބައްޕަގައި ބައްދައިގަނެވުނެވެ. އޭނާ ބަޑިފަޅައިގެން ދިޔައެވެ. ގިސްލާ ރޯން ފެށިއެވެ.

"ބައްޕާ. ބައްޕައަކީ ކުށްވެރިއެއް ނޫން. ބައްޕަ ތިވީ މަތިވެރި ގުރުބާނީއެއް. މަންމައާއި ބައްޕަގެ ތިޔަ ލޯތްބަކީ ހަމަ ނަމޫނާއެއް. ތިޔަ ކެތްތެރިކަމަކީ ލާމަސީލު މިސާލެއް" ފެންކަޅިވެފައިވާ ރަހީމަށް ބުނެވުނެވެ. އެ ޖުމުލަތަކާއެކު މަންނާނަށް ހިންދިރުވާލެވުނެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ.

"ބައްޕަ ވަރަށް އުފާވެއްޖެ. ވަރަށް ހިތްހަމަ ޖެހިއްޖެ. ބައްޕަގެ ދަރިން ބައްޕަދެކެ ތިޔަވާ ލޯތްބަކީ މިއަދު ބައްޕައަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުން. މި ވާހަކަތައް ތި ދެ ކުދިންނަށް ކިޔައިދެވުމަކީ އަދި މާ ބޮޑު ހިތްހަމަ ޖެހުމެއް. މިވަގުތު ބައްޕަ މި ރޮނީ އުފަލުން" މަންނާނު ހާމަކުރީ އޭނާ އުފާވެފައި ހުރިވަރެވެ.

"ބައްޕަގެ ތި ވާހަކަތައް އަހަރެމެން ސިއްރު ކުރާނަން. ސިއްރެއްގެ ގޮތުގައި ބާއްވާނަން" ރަހީމު ދިނީ އޭނާގެ ބައްޕައަށް ޔަގީންކަމެކެވެ.

"އަހަރެން ބޭނުން ބައްޕައާއެކު ބައްޕަގެ އަމިއްލަ ވަޒަނަށް ދާން. ބައްޕަގެ އާއިލާގެ މީހުންނާ ވެސް ބައްދަލުކުރަން" ޒުބޭދާ ބޭނުންވީ ބައްޕަ ހިތްހަމަ ޖައްސައިދޭށެވެ.

"ނޫން ދަރިފުޅާ! މިއަދު ބައްޕައަކީ ދިވެއްސެއް. ބައްޕަގެ ވަޒަނަކީ މިއީ. ބައްޕަ އެންމެ އުޅޭ ހިތްވާ ފަސްގަނޑަކީވެސް މިއީ. ބައްޕަގެ އާއިލާއަކީވެސް މިއީ. ތިޔައީ ބައްޕަގެ ދެ ކުދިން. އެ ހުރީ މަންމަގެ ފޮޓޯ. އެއީ ނުލާހިކު ލޯބި މަންމައެއް. މި އާއިލާ ދޫކޮށް ދާކަށް ބައްޕައަކަށް ނުޖެހޭނެ. މިއަށްވުރެ ބޮޑު އުފަލެއް ބައްޕައަކަށް ނުލިބޭނެ" ދިމާ ކުރިމަތީ ފާރުގައި ހަރުކޮށްފައިވާ ފޮޓޯލޯގަނޑަށް އިޝާރާތް ކުރަމުން މަންނާނު ބުންޏެވެ.

"ބައްޕަގެ މާޒީ އެ ވަނީ ވަޅުލާފައި. އިތުރަށް އެ ހަނދާންތަކަށް ވަންނާކަށް ބައްޕަ ބޭނުމެއް ނޫން. ބައްޕަ ބޭނުންވަނީ މި ތަންމަތީގައި މި ގޭގައި މި ފަސްގަނޑުގައި ނިމިގެންދާން. އިރާދަކުރެއްވީތީ ބައްޕަގެ ހަޔާތް ނިމިގެން މިދަނީ އުފަލުން. ފިސާރި ހިތްހަމަ ޖެހުމާއެކު. ބައްޕަގެ އާއިލާ މީހުންނަށް ބައްޕަގެ ހިތުގައި އޮތް ހެޔޮ ދުޢާ ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެ. ބައްޕަގެ ހިތުން ކުރެވުނު ދުޢާތައް އެފަރާތް ދެނެވޮޑިގެންވާނެ. ބައްޕަގެ ހަމައެކަނި އެދުމަކީ ބައްޕަގެ މި ސިއްރު ސިއްރު ކޮށްދިނުން" މަންނާނު ބުނަމުން ދިޔަ ޖުމުލައާއެކު ދެކުދިންނަށް ހިނިތުންވެލިއެވެ. އެއަށްފަހު ވަޅު ވަދެފައިވާ ދެ ލޯ މަރާލިއެވެ. އޭނާ ބޭނުންވާ ހުރިހާ ކަމެއް ކޮށް ނިންމާލުމަށްފަހު ދެން އިތުރަށް ހުޅުވަން ބޭނުން ނުވެޔޭ ބުނާ ފަދައިންނެވެ.

މި ފަނާވަނިވި ދުނިޔެއިން މަންނާނު ވަކިވިއެވެ. ތަފާތު އިހުސާސަކާއެކު ދިރިއުޅުމުގެ ދަތުރު ނިންމާލުމަށް ފަހުއެވެ. އިތުރު ބަޔަކަށް ނޭނގޭ ބޮޑު ސިއްރެއް އޭނާގެ ދެ ކުދިންނަށް ކިޔައި ދިނުމަށްފަހުއެވެ. އެ ދެ ކުދިން ވެސް އެ ސިއްރު ސިއްރެއްގެ ގޮތުގައި ބާއްވާނެކަމަށް ވީ ވަޢުދާއެކުއެވެ.

(ނިމުނީ)