ތ. ބުރުނީ ސްކޫލު ހުންނަ މަގުގައި ވާރޭ ވެހޭ ދުވަސްވަރު ފެން ބޮޑުވެ ދަރިވަރުންނަށް ސުކޫލަށް ދިއުމަށް ދަތިތަކެއް ދިމާވަމުންދާތީ ފެން ބޮޑުވާ މަގުތައް ފާހަގަކޮށް މަގުތަކަށް ފަސް އެޅުމުގެ މަސައްކަތް ކޮށްފި އެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ބުުރުނީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އިސްމާއިލް އުސްމާން ވިދާޅުވީ ފަސް އަޅާފައިވަނީ ސްކޫލާ ގުޅިފައިވާ ދެ މަގަކަށް ކަމަށެވެ.

އުސްމާން ވިދާޅުވީ ރަށުގެ ބައެއް މަގުތަކުގައި ފެން ބޮޑުވާތީވެ މީގެ ކުރިންވެސް މަގުތަކަށް ފަސް އަޅާފައިވާނެ ކަމަށެވެ. ރަށުގައި މީހުން ދިރިއުޅެން ފެށީއްސުރެ މަގުތައް އެއްވަރު ނުވުމުގެ މައްސަލަ ފާހަގަކުރެވޭ ކަމަށާއި ރަށުގައި ނަރުދަމާއެޅުމާ އެޅުމަށް މަގުތައް ކޮނެ ފަސްގަނޑު ރަނގަޅަށް އެއްވަރު ނުކުރުމުގެ ސަބަބުން އިތުރަށް މަގުތަކުގެ މައްސަލަ ބޮޑުވި ކަމަށްވެސް އުސްމާން ވަނީ މައުލޫމާތު ދެއްވާފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މި ހަރާކާތުގައި ވަނީ ރަށުގެ ގިނަ ބަޔަކު ބައިވެރިވެފަ އެވެ. އެގޮތުން ބެލެނިވެރިންނާއި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންގެ ރަށުގެ އާންމު ރައްޔިތުން ވެސް މިހަރަކާތުގައި ބައިވެރިވެފައިވާ ކަަމަށްވެސް އުސްމާން ވަނީ މައުލޫމާތު ދެއްވާފަ އެވެ.