ކޮންމެ އައަހަރެއްގެ ވެސް މާރިޗު މަހު ޖަރުމަނު ވިލާތުގެ ބާލިންގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބެޑުފެއާ އައިޓީބީ އިއްޔެ ފަށައިފިއެވެ.

މިފަހަރުގެ ފެއާގެ ޕާޓްނާ ކަންޓްރީއަކީ މެލޭޝިއާ އެވެ. އެހެންކަމުން އައިޓީބީ ފެށުމުގެ ގޮތުން ބާއްވާ އޯޕަނިންގ ގާލާ އަދި އޯޕަނިންގ ޕްރެސްކޮންފަރެންސް މިފަހަރު ޚާއްސަވެފައި ވަނީ މެލޭޝިޔާއަށެވެ.

ފެއާ ހުޅުވުމުގެ ގޮތުން ބޭއްވި އޯޕަނިންގ ގާލާގައި ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގަތެވެ.

މިއަހަރުގެ އައިޓީބީ ފެއާވެސް ކުރިޔަށްދާނީ މާރިޗު 6ން 10އަށެވެ.

މިފަހަރުގެ ފެޢާގައި ރާއްޖޭގެ އައިޓީބީ ފެއާގައި ޓޫރިޒަމަށް ރަޖިސްޓްރީ ވެފައިވާ 105 ކުންފުންޏަކުން 265 މީހުން ބައިވެރިވާނެއެވެ. ފެއާގައި ބާއިވެރިވާ ހުރިހާ ފަރާތްތަކުންވެސް އިއްޔެގެ ނިޔަލަށް ވަނީ ބާލިންއަށް ގޮސްފައެވެ.

އައިޓީބީ ފެއާގެ ފުރަތަމަ 3 ދުވަހު އޮންނާނީ ވިޔަފާރި ބައްދަލުވުން ތަކެވެ. އާއްމުކޮށް އެންމެނަށް ހުޅުވާލާނީ ފެއާގެ ފަހު ދެދުވަހުގައެވެ. އެއީ މާރިޗު މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހެވެ.

މިފަހަރުގެ އައިޓީބީގައި ރާއްޖޭގެ ތީމަކީ އީދު ކުޅިވަރެވެ. ރާއްޖޭގެ ސްޓޭންޑް ގެ ހަރަކާތްތައް ފަށާނީ މާލޭގަޑިން މިއަދު މެންދުރުފަހު 2:00 ގައެވެ. ރާއްޖޭގެ ސްޓޭންޑަށް ނައިބު ރައީސް ފައިސަލް ނަސީމްވެސް ޒިޔާރަތް ކުރައްވާނެއެވެ.

ޖަރުމަނު ވިލާތުގެ ބާލިންގގައި ބޭއްވޭ އިންޓަރނޭޝަނަލް ޓޫރިޒަމް ބޯސޭ(އައިޓީބީ) ފެއާގައި ބައިވެރިވެ ރާއްޖެއިން ހިންގާ ހަރަކާތްތަކަކީ ފަތުރުވެރިކަން މާކެޓް ކުރުމަށް ހިންގޭ އެންމެ ބޮޑު ހަރަކާތެވެ.

ޖަރުމަނަކީ ރާއްޖެއަށް ޔޫރަޕްގެ ފަތުރުވެރިން އެންމެގިނައިން އަންނަ ޤައުމެވެ.