ބ އަތޮޅު ކިހާދުއްފަރުގައި ހިންގާ ކިހާ މޯލްޑިވުސް އައިލެންޑް ރިޒޯޓުން ތަޢާރަފްކުރި މޮބައިލް އެޕްލިކޭޝަން ރައީސުލްޖުމުހޫއްރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާހްކޮށް ދެއްވައިފިއެވެ.

މިއެޕްލިކޭޝަން ނައިބުރައީސް އިފްތިތާހްކޮށްދެއްވީ މިހާރު ޖަރުމަން ވިލާތުގެ ބާލިންގައި ކުރިޔަށްދާ އައިޓީބީ ފެއާގެ ތެރެއިން ރާއްޖޭގެ ސްޓޭންޑްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި އެމްއެމްޕީއާރްސީގެ އިސްބޭފުޅުންނާއި އަދި ކިހާމޯލްޑިވުސްގެ މާކެޓިންގ ޑައިރެކްޓަރ ހާރިސް މުހައްމަދުގެ އިތުރުން އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވިއެވެ.

މިއެޕްލިކޭޝަނާއި ގުޅެ ގޮތުން މައުލޫމާތު ދެއްވަވަމުން ކިހާމޯލްޑިވުސްގެ މާކެޓިންގ ޑައިރެކްޓަރ ހާރިސް މުހައްމަދު ވިދާޅުވީ ތަޢާރަފްކުރި މިއެޕްލިކޭޝަނަކީ، އެރިޒޯޓާއި ބެހޭ މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް އެމައުލޫމާތުތައް ފޯރުކޮށް ދިނުމަށްޓަކައި ތައްޔާރުކުރެވުނު އެޕްލިކޭޝަނެއް ކަމަށެވެ.

ހާރިސް ވިދާޅުވީ، އެއެޕްލިކޭޝަންގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ދެ ސްޓޭޖެއް ކަމަށެވެ. މިގޮތުން އެއް ސްޓޭޖަކީ ފަތުރުވެރިން ރާއްޖެއަށް ޒިޔާކުރުމުގެ ކުރިން އެރިޒޯޓުން ލިބެން ހުރި ޚިދުމަތްތަކާއި ވަސީލަތްތައް ބަލާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްޓޭޖް ކަމަށެވެ.

ހާރިސް ވިދާޅުވީ މިއެޕްލިކޭޝަނަކީ ރާއްޖޭގެ ރިޒޯޓަކުން ތަޢާރަފްކުރި މިފަދަ ފުރަތަމަ އެޕްލިކޭޝަން ކަމަށެވެ.

"އަޅުގަނޑުމެން ޤަބޫލު ކުރާ ގޮތުގައި މިއެޕްލިކޭޝަންގެ ސަބަބުން، އެރިޒޯޓަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި ރިޒޯޓު މަޤުބޫލު ތަނަކަށް ވެގެންދާނެ. އަދި އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާނެ" ހާރިސް ވިދާޅުވިއެވެ.

ހާރިސް ވިދާޅުވީ އެ އެޕްލިކޭޝަން މެދުވެރިކޮށް ފަތުރުވެރިންނަށް އެމީހުން ބޭނުންވާ ކަންކަމުގައި ރިޒޯޓުގެ ކަމާއި ބެހޭ ފަރާތްތަކާއި މުއާމަލާތް ކުރެވޭނެ ކަމަށެވެ. އަދި ވިލާ އަޕްގުރޭޑް ކުރުމާއި މީލް ޕްލޭން އަޕްގްރޭޑް ކުރުން ފަދަ ކަންކަންވެސް ފަސޭހައިން ކޮށްލެވޭނެ ކަމުަގއި އޭނާ ވިދާޅު ވިއެވެ.