މާލޭގައި 24 ގަޑިއިރު ވިޔަފާރި ހިންގުމަށް ތިން ކެފޭއަކަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފި އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރާ ހަވާލުވެވަޑައިގެންނެވިފަހުން 24 ގަޑިއިރުގެ ވިޔަފާރި ހިންގުމުގެ ހުއްދަ ދިން ފުރަތަމަ ތިން ތަނެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނި ގޮތުގައި މިހުއްދަ ދިނީ ހުޅުމާލެ ފެރީ ޓާމިނަލްގައި ހުންނަ ސީ ހައުސް ރެސްޓޯރެންޓާއި، ސޯސަން މަގުގައި ހުންނަ ސެފްރޯން ކެފޭ އަދި މާފަންނު ފުޑް ކޯޓުގައި ހުންނަ ނައިސް އެންޑް ސްޕައިސް ރެސްޓޯރެންޓަށް ކަމަށެވެ.

24 ގަޑިއިރަށް ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުގައި އިކޮނޮމިކް މިނިސްޓްރީން ހާއްސަ ޝަރުތުތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. އެއީ ތަނުގެ އެތެރެ ސާފުކޮށް ފެންނަ ގޮތަށް ހުރުމާއި، 24 ގަޑިއިރު އޮޕަރޭޓް ކުރާ ކެމެރާއެއް ހަރުކޮށްފައި ހުރުމާއި، ކައުންސިލްތަކުން ކަނޑައަޅާ ސަރަހައްދެއްގައި ހުންނަ ތަނަކަށްވުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކޮށްފައިވާ ތަނަކަށް ވުމެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ 2000 ރުފިޔާގެ ފީއަކަށް، ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. ޝަރުތަކާ ހިލާފުވާނަމަ ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފަހައްޓާނެ އެވެ. އެއަށްފަހުގައި ވެސް ގަވާއިދުން ޝަރުތުތަކާ ހިލާފުވާނަމަ ހުއްދަ ބާތިލު ކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ރާއްޖޭގައި ހިންގާ އެއްވެސް ބޭރުގެ ފްރެންޗައިޒަކަށް ނުދިނުމަށް ވަނީ ނިންމާފަ އެވެ.