އައިޓީބީ ފެއާއި މިއަހަރު ހާޞިލްކުރަން ބޭނުންވާ އެއްކަމަކީ ޖަރުމަނު ވިލާތުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 14 އިންސައްއްތަ އިތުރު ކުރުން ކަމުގައި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑައިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ތޮއްޔިބު މިހެން ވިދާޅުވީ، މިހާރު ބާލިންގައި ކުރިޔަށްދާ އައިޓީބީ ފެއާގެ ތެރެއިން ވީނިއުސްއަށް ދެއްވި ޚާއްސަ ބަސްދީ ގަތުމުގައެވެ.

ރާއްޖެެއަށް ޔޫރަޕުން ެއެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ޤައުމަކީ ޖަރުމަން ވިލާތްކަމުގައި ވާއިރު، ތޮއްޔިބު ވިދާޅުވީ، ހުސްވި އަހަރު ޖަރުމަނުން ރާއްޖެއަށް، 117،532 (އެއް ލައްކަ ސަތާރަ ހާސް ފައްސަތޭކަ ތިރީސް ދޭއް) ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާކަމަށެވެ. އެހެންކަމުން މިފަހަރުގެ އައިޓީބީން ހާސިލްކުރަން ބޭނުންވާ މަޤުޞަދަކީ އެއަދަދަށްވުރެ 14 ޕަސެންޓް އިތުރުއަދަދެއްގެ ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ.

"އަޅުގަނޑުމެން ޖަރުމަނު މާރކެޓުން މިބަލަނީ 14 ޕަސެންޓް އިތުރު ކުރެވޭތޯ! އެއީ 133،796 (އެއްލައްކަ ތެއްތިރީސް ހާސް ހަތްސަތޭކަ ނުވަދިހަ ހައެއް). މިއަދަދަށް ވާސިލް ވުމަށްޓަކައި އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން އެބަޖެހޭ،" ޠޮއްޔިބު ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވީ، މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަަށް އަމާޒު ހިފާފައި ވާއިރު އެއަމާޒަށްވެސް ވާޞިލް ވެވޭނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ތައްޔިބު ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވީ، ގޮންޖެހުންތަކެއް ހުރިނަމަވެސް އެމްއެމްޕީއާރްސީގެ ޓީމާއި އެކު މަސައްކަތް ކުރައްވަމުން ގެންދަވަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަޤީން ކަމައި އެކުގައި ކަމަށެވެ.

ބާލިންގައި ކުރިޔަށްދާ އައިޓީބީ ފެއާގައި މިއަހަރު ރާއްޖޭގެ 105 ކުންފުންޏަކުން 270އަށްވުރެ ގިނަ މީހުން ބައިވެރިވެފައި ވެއެވެ.

ފެއާ ކުރިޔަށްދާނީ މާރިޗު 6ން 10 އަށެވެ.