ޖީންސީ ތަފާތުކުރުންތައް ކުޑަކޮށް އަންހެނުންނާއި ފިރިހެނުންނަށް ހުރިހާ މައިދާނެއްގައިވެސް ހަމަހަމަ ފުރުސަތު ދިނުމުގެ އަޑުތަކަކީ މުޅި ދުނިޔޭގައި ވަރަށް ބާރަށް އިވޭ އަޑުތަކެވެ. އެ އަޑުތައް އިވޭތާ އެތައް އަހަރެއްވެސް ވެއްޖެއެވެ. އެ ހަމަހަމަކަން ދިނުމާ ގުޅޭ ގާނޫނުތަކާއި ގަވައިދުތައްވެސް ދުނިޔޭގައި ހެދިފައިވެއެވެ. އަދި އެފަދަ ސިޔާސަތުތައް ސަރުކާރުތަކުން އެކަށައަޅައި އެއަށް އަމަލުކުރަމުންވެސް ގެންދެއެވެ.

ދުނިޔޭގައި އެންމެ އަޑުގަދަކޮށް ވާހަކަ ދެކެވެނީ ފިރިހެނުންނެކޭ އެއްވަރަށް އަންހެނުންނަށް ފުރުސަތު ނޯންނަ ވާހަކައެވެ. ވަޒީފާގެ މައިދާނުން ފެށިގެން، ސިޔާސީ އެކިއެކި ކަންކަމުގައިވެސް އަންހެނުން ބައިވެރިކުރުން ނުވަތަ ބައިވެރިވުން ކުޑަ ވާހަކައެވެ. ފުރުސަތު ނޯންނާ ވާހަކައެވެ.

އަންހެނުންނަކީ ފިރިހެނުންކޭ އެއްވަރަށް ޖިސްމާނީގޮތުން ވަރުގަދަ ބަޔަކަށް ނުވިނަމަވެސް ފިރިހެނުންނެކޭ އެއްވަރަށް އަންހެނުންނަށްވެސް ހުރިހާ މައިދާނަކުން ފުރުސަތުތައް ހޯދައިދިނުމަށާއި، އަންހެނުންގެ ހައްގުތައް ހޯދުމަށާއި، އަންހެނުން ބާރުވެރި ކުރުވުމަށް ގައުމީ އަދި ބައިނަލްއަގްވާމީ އަންހެނުންގެ ޖަމާއަތްތަކާއި، އެތައް ޖަމިއްޔާތައް އުފެދިފައިވެއެވެ.

ބައިނަލްއަގްވާމީ ގޮތުން މިކަމަށް ޚާއްސަ ދުވަހެއް ކަނޑައެޅިފައިވާއިރު އެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މާޗްމަހުގެ 8 ވަނަ ދުވަހެވެ. އެގޮތުން މިއަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހަށް އދއިން ކަނޑައަޅާފައިވާ ތީމަކީ "#ބެލަންސްފޮރބެޓަރ" އެވެ. މަފްހޫމަކީ ދެޖިންސަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމެވެ.

މިފަދަ ދުވަހެއް ފާހަގަ ކުރެވެނީ، މިންތީގެ ހަމަހަމަ ކަމަށް ގޮވާލުމާއި، މުޖުތަމައުގައި އަންހެނުންގެ ދައުރު ފުޅާކޮށް ހަމަހަމަ ފުރުސަތު ކަށަވަރު ކޮށްދިނުމަށް ގޮވާލުމަށެވެ. ހަމަހަމަ ހައްގުތަކާއި ފުރުސަތުތައް ހޯދައިދިނުމަށް މުޖުތަމައުތައް ހޭލުންތެރިކުރުމާއި، އެކަމަށް ބާރުއެޅުމާއި، އިޖުތިމާއީ، އިގްތިސާދީ، ޘަގާފީ އަދި ސިޔާސީ ދާއިރާއިން އަންހެނުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އަންހެނުންނަށް އެމީހުންނަށް ހައްގުމިންވަރު ދިނުމަށް ގޮވާލުމަށެވެ. ހައްގު ގަދަރުދިނުމަށް ގޮވާލުމެވެ. ވަޒީފާގެ މައިދާނުގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު އޮންނަ މުސާރައިގެ ފަރަގުކުޑަކުރުމަށް އަޑުއުފުލުމާއި، އެކަމުގައިވެސް ހަމަހަމަކަން ގާއިމްކުރުމަށް ގޮވާލުމެވެ.