ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަ ނުކުރާ އަދި ޕްރޮގްރެސިވް ކޯލިޝަނުން ވާދަ ކުރާ ދާއިރާތަކަށް ޖުމްހޫރީ ޕާޓީން ތާއީދު ކުރުމަށް ނިންމާ އެކަން އިއުލާނުކޮށްފިއެވެ.

ޖުމްހޫރީ ޕާޓީން މިރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން އިއުލާނު ކުރައްވައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން 51 ދާއިރާއަކަށް ކުރިމަތިލާ ކަމަށެވެ. އޭގެ ތެރެއިން 37 ދާއިރާއަކީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ޖުމްހޫރީ ޕާޓީއަށް ތާއީދުކޮށް އެޕާޓީއަށް ދޫކޮށްލާފައިވާ ދާއިރާތައް ކަމަށާއި، ޖުމްހޫރީ ޕާޓީން ވާދަނުކޮށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނަށް 32 ދާއިރާއެއް ދޫކޮށްލާފައިވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެންނަމަވެސް ޖުމްހޫރީ ޕާޓީން މީގެކުރިން ވާދަކުރަން ނިންމާފައިވާ އެއްވެސް ދާއިރާއެއް އެ ކޯލިޝަނަށް ދޫކޮށްލާފައި ނުވާނެ ކަމަށާއި ޖޭޕީއާއި ޕްރޮގްރެސިވް ކޯލިޝަނުން އެކުގައި ވާދަކުރާ 14 ދާއިރާއެއް ހިމެނޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ މެދުގައި ވެފައިވާ އެއްބަސްވުމަކީ ދެޕާޓީގެ މެމްބަރުންގެ މެދުގައިވެސް މަޝްވަރާ ކުރެވިފައިވާ އެއްބަސްވުމެއް ކަމުގައެވެ. އަދި އެ މަޝްވަރާތަކަކީ ރައީސް ޔާމީން ޖަލުގައި ބަންދު ކުރުމުގެ ކުރިންވެސް ކުރެވިފައިވާ މަޝްވަރާއެއް ކަމަށާއި އެ ކޯލިޝަނުން ތާއިދު ކުރުމަށް ނިންމާ އިއުލާނު ކުރުމުން ޖުމްހޫރީ ޕާޓީންވެސް އެކަން އެގޮތަށް ކުރީ ކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވީ ނަމަވެސް އެޕާޓީތަކާއެކު އެއްވެސް އެެއްބަސްވުމެއްގައި ލިޔެކިޔުމުން ސޮއި ކޮށްފައި ނުވާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވީ ނަމަވެސް ފެށުނީއްސުރެއް ވެފައިވާ ހަތަރު ޕާޓީގެ އެއްބަސްވުމުން ޖުމްހޫރީ ޕާޓީ ބޭރުވެފައި ނުވާނެ ކަމަށެވެ. އެންމެ ފުރަތަމަވެސް އެއްބަސްވުމާ ހިލާފުވީ އެޕާޓީން ނޫން ކަމަށާއި މިއަދު އެހެން ބަޔަކާއެކު އެއްބަސްވާން މަޖުބޫރު ވެގެންދިޔައީ ހަތަރު ޕާޓީގެ ކޯލިޝަނުގެ ތެރެެއިން ޖުމްހޫރީ ޕާޓީއާއި މެދުގައި ކަންތައް ކުރެވުނު ގޮތުން ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މަޖިލިސް އިންތިހާބާ ކުރިމަތިވުމުން އެންމެ ފުރަތަމަވެސް އެއްބަސްވުމާއި ހިލާފުވީ އެމްޑީޕީން ކަމަށެވެ. ގައުމީ މަޖިލީހެއް ބޭއްވުމަށްފަހު ހުރިހާ ދާއިރާތަކަށް ވާދަކުރުމަށް ނިންމައި އެކަން އިއުލާނު ކުރުމަށްފަހު އެ ނިންމެވުމާއެކު ޕާޓީގެ ރައީސް ހަތަރު ލީޑަރުންގެ ބައްދަލުވުމަށް ވަޑައިގަތުމުންވެސް އެ ނިންމެވުން ގޯސްކަމަށް ވިދާޅުވެ އެކަން ބަދަލު ކުރުމަށް މަސައްކަތް ކުރައްވާފަ ވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެންނަމަވެސް އެންމެފަހު ވަގުތާ ޖެހުނުއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް އެ ޕާޓީގެ ނިންމުމަށް އެއްބައިވެ ޕާޓީ މެމްބަރުންގެ ނިންމުމުގެ ކުރިމަތީގައި ކުޑަކަކޫ ޖެއްސެވީ ކަމަށް ގާސިމް ވިދާޅުވިއެވެ.

މިގޮތަށް ކަންތައްވެ އެންމެ ފަހުވަގުތު ޖުމްހޫރީ ޕާޓީ ނަގާ މަގުމަތިކޮށް ނާށިގަނޑު ހިފައިގެން ސަލާން ޖެހުމަށް މަޖުބޫރު ކުރުމުން މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ޖުމްހޫރީ ޕާޓީއަށް ކުރެވެން އޮތް ހުރިހާކަމެއް ކުރުމަށް އެޕާޓީއަށްވެސް މަޖުބޫރުވެގެންދާނެ ކަމަށާއި ނާށިގަނޑު ސަލާން ޖެހުމުން ބައިވެރިވާނެ ފަރާތަކަށް ލިބުނީ ޕީޕީއެމް ކަމުން އެޕާޓީއާ އެކު މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ނިންމާފައިވާ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.