ހުސޭނު އިނީ ދަންވަރު ޑިއުޓީގައެވެ. ދަނާލު ކުރިމަތީ ހުރި ޢިމާރާތުގެ ބޮޑު ގޯޅިގަނޑު ތެރޭ ހުރި ހުދު ގޮނޑިއެއްގައެވެ. ޖެހޭ މަޑު ވައިރޯޅިތަކުގެ ފިނިކަމުން ނިންޖަށް މޮޔަވެފައިވާ ހުސޭނަށް ބައެއް ފަހަރު ދެލޯ މަރާލެވެއެވެ. ނަމަވެސް އެ ދެ ލޮލުގެ މަތީ އެސްފިޔަތައް ތިރީ އެސްފިޔަތަކުގައި ތަތްކޮށްލައިގެން އޮތުމަށް އެ ދެލޯ އުޒުރުވެރިވެއެވެ. އެހެންވެ އިރުއިރުކޮޅާ އެ ދެ ލޯ ހުޅުވާލެވެއެވެ. އެއާއެކު މުޅި މާހައުލަށް ނަޒަރު ހިންގާލެވެއެވެ.

ހުސޭނުގެ ނިދި އިތުރަށް ގަދަވާހެން އޭނާއަށް ހީވިއެވެ. ކިތަންމެ ވަރަކަށް ނުނިދާ އިންނަން ބޭނުން ވިޔަސް އެކަމަށް އުނދަގޫވާހެން ވެސް ހީވިއެވެ. ހުސޭނު ހިތްވަރު ހޯދީ އޭނާގެ ޒިންމާއިންނެވެ. ހަނދާނަށް ގެނައީ އޭނާ ކުރަންޖެހޭ މަސައްކަތެވެ. ހިތަށް ވެއްދީ އޭނާ ނިދައިފިނަމަ ދެންވެދާނެ ގޮތެވެ.

ހުސޭނަށް މަޖުބޫރުވީ ތެދުވާށެވެ. ތެދުވެ ނިދި ފިލުވާލާށެވެ. އެކި ދިމަދިމާއަށް ހިނގާލާށެވެ. އެ ނިޔަތުގައި ތެދުވެ ހުސޭނު ހިނގައިގަތީ ގާ އަތުރާފައިވާ އެ ފުޅާ ގޯޅިގަނޑުން އެތެރެއަށެވެ. އެއްވެސް ވިސްނުމެއް ނެތް މަޑު ހިނގުމުގައި އޭނާއަށް ކުރިއަށް ދެވުނީ ވަކި ހިސާބަކަށެވެ. ކަންފަތް ބުނޑުން ކަހަލަ ގޮތަކަށް ހޭރިގަތީ ބުޅަލެކެވެ. އެ ދަންވަރުގެ ހިމޭން ވަގުތު ނިދާފައި އޮތް މާހައުލު ހޭލިފަދައިން ހުސައިންގެ ނިދީގެ އިހުސާސް ހޭލައްވާލީ އޭނާގެ ހިމޭން ހިތާ ވެސް އެކުއެވެ.

ކުޑަކޮށް ސިހުނު ނަމަވެސް ހުސޭނު ވިސްނާލިއެވެ. އެއީ އެހެންޏާ ވެސް އުޅޭ ބުޅަލެކެވެ. އެހެންޏާ ވެސް ފެންނަ ބުޅަލެކެވެ. އެ ސޮރު އެކަނި އޮވެފައި އެހާ ބާރަށް އެ ހޭރި ގަތީ ކީއްވެ ހެއްޔެވެ؟ އެންމެ ދެ ތިންފަހަރު ހޭރި ގަނެފައި އެ ދުއްވައި ގަތީ ކީއްވެ ބާއެވެ؟ ބުޅަލަކީ ގޯސް އެއްޗެއް ނޫނެވެ. އޮޅު ކޮށްގެން ގެންގުޅެން ވެސް ރަނގަޅު އެއްޗެކެވެ. ހުސޭނުގެ ހިތަށް ވެރިވަމުން ދިޔަ ސުވާލުތަކުގެ ޖަވާބު އެހިތުން ދިޔައީ ދެމުންނެވެ. ހުސޭނު ބަލަހައްޓައިހެން ހުއްޓާ އެ ބުޅާ ގޮސް ނުކުތީ މައިގޭޓުން ބޭރަށެވެ.

އިރުތަކެއް ފަހެވެ. ހުސޭނު އިނީ އޭނާއަށް ޚާއްޞަ ގޮނޑީގައެވެ. އަތުގައި އޮތް ފޯނާ ގުޅިފައިވާ ހެޑްސެޓުން ގުރުއާން އަޑުއަހާލަ އަހާލައެވެ. އެ އަޑު އަހަމުން ވެސް އެކި ދިމަދިމާއަށް ހުސޭނުގެ ނަޒަރު ދިޔައީ ސީދާ ކުރަމުންނެވެ.

ހުސޭނުގެ ތޫނު ނަޒަރު ގޮސް ހުއްޓުނީ ދަނާލު ކުރިމަތީ ހުރި ކުއްޖަކަށެވެ. އަތް ދިގު، ރަތް ހެދުމުގައި ހުރި އެކުއްޖާ ބަލަހައްޓައި ގެން ހުރީ ވެސް ދަނާލާ ދިމާއަށެވެ. ހުސޭނަށް ބަލައި ލެވުނީ ގަޑިއަށެވެ. އަދި 4 ވެސް ނުޖަހައެވެ. އެ ގަޑީގައި އެހައި ނަލަ ހެދިގެން އެ ހުރީ ކާކު ހެއްޔެވެ؟ ދަނާލުގައި އުޅޭ ކުއްޖެއް ހެއްޔެވެ؟ އޭނާއަށް އާދެވުނުލެއް ލަސްކަމުން ދަނާލަށް ނުވަދެވުނީ ކަންނޭނގެއެވެ. ހުސޭނަކަށް ނުއިނދެވުނެވެ.

"ކޮއްކޯ ކިހިނެއް ވެފައި؟ އާދެބަލަ މިކޮޅަށް" ޔުނިވަރސިޓީގެ ގޭޓު ކައިރީ އެތެރޭގައި ހުރެ، ހުސޭނު ގޮވާލީ އެ ކުއްޖާއަށެވެ. އެކުއްޖާ ކުޑަކޮށް ކައިރިވެލިއެވެ. މެދުމިނުގެ ދޮންކަމެއް ލިބިފައިވާ އެކުއްޖާގެ މޫނުމަތިން ފެނުނީ ހާސްކަމާއި ނުތަނަވަސްކަމެވެ. އެ މޫނުން ހުސޭނަށް އެތައް ވާހަކަތަކެއް ބުނެދިނެވެ. އޭނާއަށް ކޮންމެވެސް ތަނަކުން ފެނުނު ކުއްޖަކާ ވައްތަރުވިއެވެ. ނަމަވެސް އޭނާގެ ހަނދާންތަކުން އެކަން ޔަގީން ކޮށެއް ނުދިނެވެ.

"މި އުޅެނީ ދަނާލަށް ނުވަދެވިގެން. އަހަރެން މި އައީ ހުޅުމާލެއިން. ރައްޓެހި ކުއްޖެއްގެ އުފަން ދުވަސް ފާހަގަކޮށްފައި. އެކަމުގައި އުޅެން ހަދައިގެން ލަހުން މި އާދެވުނީ" ދަނާލުގެ ދޮރު އެ ރެއަށް ބަންދުކުރުމުގެ ކުރިން އާދެވޭ ގޮތް ނުވީ ކީއްވެގެންކަން އެ ކުއްޖާ އޮޅުންފިލުވައި ދިނެވެ.

"އެކަމަކު ބާރަ ޖެހުމަށް ފަހު ދެނެއް ގޭޓެއް ނުހުޅުވާނެ. އެއީ މަނާކަމެއް. އެކަން ކުރިއަކުން ނޭނގޭތަ؟" ހުސޭނު ސުވާލުކުރިއެވެ.

"ނޫން. އެނގޭ. ކުރިން އަހަރެން ހީކުރީ ހުޅުމާލޭގައި އަހަރެމެން ޕާޓީ ބޭއްވި ގޭގައި މިރޭ ހުރެވޭނެކަމަށް. އެކަމަކު އެކަމެއް ނުވި. އެ ގޭގައި ނުހުރެވޭނެކަން އެނގުނީ 1 ޖަހަން އުޅެނިކޮށް. އެހެންވެ އަންނަން ޖެހުނީ. ބޭބެ ގުޅާލަންވީނު ދަނާލުގައި އުޅޭ މީހުންނަށް. އަހަރެން ވައްދަން" އެ ކުއްޖާ އެދުނީ ދަނާލަށް ވަދެވޭނެ ގޮތެއް ހަދައި ދިނުމަށެވެ.

"ނޫން. ތިއީ ނުވާނެ ކަމެއް. އެއްވެސް ކުއްޖަކު ގަޑި ޖެހުމަށްފަހު ނުވައްދަން އޮންނަނީ ބުނެފައި. އަނެއްކާ މިހާރު އެހަރަ 4 ޖަހަން ވެސް ގާތްވަނީ. މިހާ ލަސްވީމާ ވެސް ދަނާލަކަށް ވައްދައެއް ނުދޭނެ" ހުސޭނު ދިނީ އެކަން ނުވާނެ ކަމުގެ ޔަގީންކަމެވެ.

"އެހެންވިއްޔާ އަހަރެން ތި ތަނަށް ވައްދަންވީނު؟ ފަތިސްނަމާދަށް ގޮވީމާ ނެރޭނީ. އަހަރެން މަޑުކޮށްފާނަން އެތާ ސިޑިމަތީގައި ވެސް. އެއީ މަނާކަމެއް ނޫނެއްނު" އެ ކުއްޖާ އެދުނީ ޔުނިވަރސިޓީ އެތެރޭގައި މަޑުކުރުމުގެ ހުއްދައަށެވެ.

"މިތާ އެތެރެއަށް.....؟ މިތާ އެތެރެއަށް ވެއްދުމަކީ ވެސް މަނާކަމެއް. އެއްވެސް ކުއްޖަކު ވައްދައިފިނަމަ ދެން އޮންނާނީ އެހެން ދަރިވަރުންވެސް ވައްދަން ޖެހިފައި. އެހެންވީމާ......" ހުސޭނުގެ ވާހަކަ މެދުކަނޑުވާލީ އެ ކުއްޖާއެވެ.

"އެކަމަކު އަހަރެން މިހެން ބޭރުގައި ހުއްޓާ ކަމެއް ދިމާވެއްޖެނަމަ ޔުނިވަރސިޓީ ޒިންމާވާކަށް ނުޖެހޭނެބާ؟ ގައިމު ވެސް ބޭބެއަށް އެބަ އެނގޭދޯ އަންހެން ކުއްޖަކު މިތަނަށް ނުވަދެވިގެން ބޭރުގައި އެބަހުރިކަން. އަހަރެންވެސް ގަބޫލުކުރަން އަހަރެން އައިލެއް ލަސްކަން. އެކަމަކު އަހަރެން އުޅޭ ތަނުން އަހަރެންނަށް ހިމާޔަތް ނުދީ ދެން ދޭނީ ކޮން ތަނަކުން؟ ޔުނިވަރސިޓީ ކުއްޖަކަށް މިތަނުން އަޅާ ނުލައި ދެން އަޅާލާނީ ކޮންބައެއް؟" އެ ކުއްޖާ ދައްކަން ފެށި ވާހަކަތަކަށް ހުސޭނު ވިސްނާލިއެވެ. އެއީ ވެސް ތެދެކެވެ. ދަންވަރު ވަގުތު އަންހެން ކުއްޖަކު އެގޮތަށް ބޭރަށް ދޫކޮށްލާކަށް ނުވާނެއެވެ. އެ ޒިންމާ ނޫފުލާ ދޫކޮށްލާކަށް ނުވާނެއެވެ. ހުސޭނުގެ ހިތް ކުރަމުން ދިޔަ މަޖުބޫރަށް އޭނާއަކަށް ފުރަގަހެއް ނުދެވުނެވެ.

"އެތެރެއަށް ވަދޭ. އެހަރަ ގޮޑީގައި ގޮސް އިށީނދޭ. މިގޮތަށް މި ގަޑީގައި ޔުނިވަރސިޓީ ތެރެއަށް ދަރިވަރުން ވެއްދުމަކީ ރަނގަޅު ގޮތެއް ނޫން. އެކަމަކު ތިގޮތަށް ބޭރުގައި ކުއްޖަކު ބެހެއްޓުމަކީ ވެސް ތިބުނާހެން ރަނގަޅުކަމެއް ނޫން" ގޭޓުގެ ދޮރު ހުޅުވަމުން ހުސޭނު ބުނީ އެ ކުއްޖާ ކަންކުރަންވީ ގޮތެވެ. ހުސޭނު ހުޅުވި ގޭޓު ތަޅުލާ ނުނިމެނީސް އެ ކުއްޖާ ހިނގައިގަތީ ފުޅާ ގޯޅިތެރޭން ކުރިއަށެވެ. ހުސޭނަށް ފެނުނީ އެ ކުއްޖާ ގޮސް އެ ގޯޅިން ލަނބާލަނިކޮށެވެ. ހުސޭނަށް ހަޅޭއްލަވައި ގަނެވުނެވެ. އެ އަޑާއެކު އޭނާއަށް ހިނގައި ގަނެވުނެވެ. އަދި ދުއްވައިވެސް ގަނެވުނެވެ.

ހުސޭނަށް ލިބުނީ ހައިރާންކަމެވެ. އިމާރާތުގެ ތެރެއިން ލާފައި އޭނާ ވަން ނުވަން ތަނެއް ހުސޭނަކަށް ނޭނގުނެވެ. އެ ބޮޑު އިމާރާތުގެ ތެރޭގައި އޭނާ ހެދިގޮތެއް ހުސޭނަކަށް ނުވިސްނުނެވެ.

"ކޮންތާކަށް ތި ދިޔައީ؟ ކިހިނެއް ތިހެދީ؟ މި ތަނަށް ވެއްދީމާވެސް؟" ހުސޭނުގެ ބާރު އަޑުން އިމާރާތް ގުގުމާލިއެވެ. އެ އަޑާއެކު ދެން އިވިގެން ދިޔައީ ބުޅަލެއްގެ ބާރު ހޭރުމުގެ އަޑެވެ. ހުސޭނުގެ ލޯ ހުއްޓުނީ އެ އަޑު އަންނަ ދިމާއަށެވެ. އެއީ ކުރިން ވެސް ފެނުނު ބުޅަލެވެ. ހުސޭނަށް ވިސްނާލެވުނެވެ. ޔުނިވަރސިޓީ ގޭޓުން އެތެރެއަށް ވެއްދުނީ އިންސާނެއް ނޫންކަން ދެނެގަނެވުނީ އެހިސާބުންނެވެ.

"އޭތް ކޮން ހަޅޭކެއް ތި ލަވަނީ؟" ޖެހިގެން ހުރި އިމާރާތުގައި ސަރުދާރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ނަޖުމީ އައިސް ހުސޭނާ އަރާހަމަކުރިއެވެ.

"މަ ހީކުރީ ވަގަކު ވަނީ ކަމަށް؟ ކީކޭ ތި ގޮވަނީ؟ ކޮބާ ތި ބުނާ މީހާ؟ ކޮންތާކަށް ވަނީ؟" ނަޖުމީ ސުވާލުކުރިއެވެ.

"އެއީ ހީވި ގޮތެއް. މަށަށް ހީވީ މީހަކު ވަން ހެން؟ އެހެންވީމާ ހަޅޭއްލަވައި ގަތީ" ހުސޭނު އޮޅުވާލިއެވެ. އެނާއަށް ތަޖުރިބާ ކުރެވުނު ކަންތައް އޭނާ ބޭނުންވީ ސިއްރުކުރާށެވެ.

"ކަލޭ ހަޅޭއްލަވައި ގަތް ބާރުކަމުން އެއޮތް ބުޅާގަނޑުވެސް އެ ހޭރިގަތީ. އެ ސޮރު ވެސް ތިޔަ، ބިރު ގަންނުވާލަނީ ވިއްޔާ" ސަރުދާރުގެ އެ ޖުމުލައިން ހުސޭނަށް ކުރެވުނީ ސުވާލެކެވެ.

"ކީއްވެ ތިހެން ތިބުނީ؟ އަނެއްކާ އެ ބުޅަލުން ކަމެއް ފާހަގަ ކުރެވުނީތަ؟"

"އާނ! ކިތަންމެ ކަމެއް މަށަށް ފާހަގަވޭ. މަމި ހުންނަނީ ތި ވާހަކަތައް ނުދައްކަން. ކަލޭމެން ބިރު ގަންފައިނެތީ އެ ވާހަކަތައް ސިއްރުކުރަން" ހުސޭނުގެ ސުވާލަށް ނަޖުމީ ޖަވާބު ދިނެވެ.

"އެއްކަލަ ނަޖުމީ. ނަޖުމީ ހީކުރަނީ އަހަރެން ބިރު ގަންނުވާލެވިދާނެކަމަށްތަ؟ އަހަރެންނަކީ ބިރު ގަންނަ މީހެއް ނޫން" ހިނިގަނޑަކާއެކު ހުސޭނު ވާހަކަ ފެށިއެވެ.

"އައްދޭ. މަށަށްވެސް އެނގޭ ކަލޭ ބިރު ނުގަންނާނެކަން. އެކަމަކު މަމި ހަދަނީ ތެދު. އެއޮތް ބަޅަލަކީ މިތަނުގައި އުޅޭތާ އެތައް އަހަރެއް ވެފައިވާ ބުޅަލެއް. އެ ސޮރުގެ ގެއަކީ މީ. މަށަށް ޔަގީން އެއީ ބުޅަލެއް ނޫންކަން. ކަލޭ ގަބޫލު ނުކޮށްފާނެ. އެކަމަކު މިއީ ހަގީގަތް" ނަޖުމީ ދައްކަމުން ދިޔަ ވާހަކަތައް ހުސޭނަށް ގަބޫލުކުރެވުނަސް އެކަން ގަބޫލުކުރާކަން ދައްކާކަށް ހުސޭނު ބޭނުމެއް ނުވިއެވެ.

(ނުނިމޭ)