ވެމްކޯ އިން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ސާވޭއެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ މި ސާވޭގެ މައިގަނޑު ބޭނުމަކީ ވެމްކޯގައި ރަޖިސްޓްރީނުވެ ތިބޭ ފަރާތްތަކާއި ރަޖިސްޓްރީވުމަށްފަހުވެސް ޤަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ދެނެގަތުން ކަމަށެވެ.

"ރަޖިސްޓްރީވުމުގައި ހުރި ދަތިތަކަކީ ކޮބައިތޯއާ ރަޖިސްޓްރީ ވުމަށްފަހު ފައިސާ ނުދައްކަނީ ކީއްވެތޯ މިސާވޭގެ ތެރެއިން ދެނެގަނެވޭނެ،" އާދަމް މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަޖިސްޓްރީ ނުކޮށް ގާތްގަނޑަކަށް 10،000 ގޭބީސީން ކުނި އުކަމުންދާ ކަމަށެވެ. އަދި ރަޖިސްޓްރީ ކޮށްފައިވާ ގޭބީސީތަކުގެ ތެރެއިން 60 އިންސައްތަ ގޭބީސީން ކުނި އުކަމުންދަނީ ކަަނޑައަަޅާފައިވާ އުޖޫރަ ނުދައްކާ ކަމަށްވެސް ވިދާޅުވި އެވެ.

މިސާވޭ ކުރުމަށް ގެތަކަށް ޒިޔާރަތް ކުރާނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް މެންދުރުފަހު 2:30 އިން ރޭގަނޑު 9:00 އަށެވެ. އަދި ސާވޭ ކުރުމަށް ގެތަކަށް ޒިޔާރަތް ކުރާއިރު ވެމްކޯގެ މުވައްޒަފެއްކަން އަންގައިދޭ ކާޑެއް އޮންނާނެ ކަަމަށްވެސް ވެމްކޯ އިން ވަނީ މައުލޫމާތު ދީފަ އެވެ.

ވެމްކޯގެ ފައިނޭންސް މެނޭޖިން ޑިރެކްޓަރު މުހައްމަދު އިގްބާލް ވިދާޅުވީ ސާވޭ ކުރުމަށް ގެތަކަށްދާ މުވައްޒަފުން އެއްވެސް ހާލެއްގައި ނުދައްކާ އޮތް ފައިސާއެއް ދެއްކުމަށް ނޭދޭނެ ކަމަށެވެ. ސާވޭ ކުރިއަށްދާ ދުވަސްވަރު ފައިސާ ދެއްކުމަށާއި ރަޖިސްޓްރީ ކުރުމަށް އިތުރަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ވެމްކޯގެ ޕޭމަންޓް ޑެސްކެއް ހެންވޭރުގައި ހުންނަ ކުރީގެ ޔޫތް ސެންޓަރުގައި ބެހެއްޓިފައި ހުންނާނެ ކަމަވެސް އިގްބާލް ވަނީ ވިދާޅުވެފަ އެވެ.

ރަޖިސްޓްރީވުމާއި ފައިސާ ދެއްކުމުގެ ކަންތައް ޕޭމަންޓް ޑެސްކްތަކުގެ އިތުރަަށް ވެމްކޯގެ ކަސްޓަމާ ފްރަންޓް އޮފީހުންނާއި އަވަސްޕޭ މެދުވެރިކޮށްވެސް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.